މުޖުތަމައަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި، މުދައްރިސުން އަދާކުރައްވަނީ ގައުމީ ހިދުމަތުގެ ވަރަށް މުހިންމު ވާޖިބެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މުދަރިސުންގެ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުން އަންނަނީ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުން ކަމަށެވެ.
އަދި އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް މުދައްރިސުންކުރެއްވި މަސައްކަތް ފާހަގަކުރައްވައި މުޅި ގައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަގީންވާކަމުގައި ވިދާޅުވެފަ އެވެ.
"މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި އަމަލުތަކުން، ޅަދަރިން ސަލާމަތްކުރުމަކީ، ގައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަންޖެހިފައިވާކަމެއް،" ރައީސް ވިދާޅުވި އެވެ.

މުދައްރިސުން އަދާކުރައްވާ މަސްއޫލިއްޔަތަކީ، ހަމައެކަނި ދަރިވަރުންނަށް ކިޔަވައިދިނުން ނޫންކަމަށާއި، މުޖުތަމައަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ގައުމީ ހިދުމަތުގެ ވަރަށް މުހިންމު ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި މުޖުތަމައުގައި ހުރި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ވަރަށް މުހިންމު ޒިންމާއެއްކަމަށް ވެސް ވިދާޅުވި އެވެ.
"މުޖުތަމައުގެ ނޭދެވޭކަންކަން އިސްލާހުކުރުމަށް، ދަރިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ އަށަގަންނުވައި، އިސްލާމީ ރިވެތި އަހުލާގާއި، އިޖްތިމާއީ އަދަބު އިހްތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.













