މާލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ބޭނުން ކުރަމުން އަންނަ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަންގައި އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސްޓެލްކޯ ޖަނަރޭޓަރުތަކުގެ އަޑާއި ވަހާއި ވައިބްރޭޝަނާއި ދުމުގެ ސަބަބުން ގ. ފެހިހިރި އާއި ގ. ރަސްރޯނު އަދި އެ ސަރަހައްދުގެ އެހެން ގެތަކަށް ގެއްލުންވަމުންދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސާސް ކޮމެޓީ އަދި ތިމާވެއްޓާ ބެހޭ ކޮމެޓީގެ ފަރާތުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ނެރުނު ރިޕޯޓުގައި، ސްޓެލްކޯގެ ޕަވާ ހައުސްތައް ސައުންޑް ޕްރޫފް ކުރުމަށާއި ދުންހޮޅިތައް އުސްކުރުން ފަދަ މަސައްކަތް ކުރުން އަންގާފައިވެ އެވެ.
އޭގެ ފަހުން މައި ކޮމެޓީން އެ ރިޕޯޓު ފާސް ކުރީ އެންމެ އިސްލާހެއް ގެނައުމަށްފަހު އެވެ. އެއީ ސްޓެލްކޯއަށް ނަގާފައިވާ، މަގުތަައް ހުޅުވުމަށް އެ ރިޕޯޓުގައި ލިޔެފައިވާ ނުކުތާ އެވެ. މާ ބޮޑު އެހެން މައްސަލަތަކެއް އެ ރިޕޯޓުން މެމްބަރުން ފާހަގަކޮށްފައެއް ނުވެ އެވެ.
ސަބް-ކޮމެޓީގެ ރިޕޯޓު މައި ކޮމެޓީއަށް ފޮނުވަން މެމްބަރުން އިއްތިފާގުން މިއަދު ފާސްކުރިއިރު ވަރަށް ގިނަ ހޯދުންތަކާއެކު ސްޓެލްކޯ އަދި ސަރުކާރަށް ރައްދުވާ ގޮތަށް ޖުމްލަ ހަތް ރިކޮމެންޑޭޝަން ފާސްކޮށްފައިވެ އެވެ. އެއީ:

- ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުން. އަދި ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުން.
- ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމުމަށް އެދުން.
- ސްޓެލްކޯ އިންޖީނުގެތައް ހިންގަނީ ގަވާއިދާ އެއްގޮތައްތޯ ބެލުމަށް މޮނީޓާ ކުރުމަށް ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުން. އަދި ވައިގެ ކޮލިޓީ އާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި އެކަމަށް މުވައްޒަފުން ތަމްރީނު ކުރުން.
- މުސްތަގްބަލުގައި މާލެއަށް ކަރަންޓުދޭން ނިންމާފައި ވަނީ ތިލަފުށި އަދި ހުޅުމާލެއިން ކަމަށްވާތީ އެ ޕްރޮޖެކްޓުތައް ސުންގަޑިތަކަށް ނިންމުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން، ބަދަހިކޮށް މަސައްކަތް ކުރުން.
- ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުން.
- ވަގުތީ ގޮތުން ބޭނުން ކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުން.
- އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
އެ ހުށަހެޅުންތަކާއެކު މައި ކޮމިޓީން ނިންމި ގޮތަށް، އެ ރިޕޯޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
ސްޓެލްކޯއިން ބުނަނީ ކީކޭ؟
އެ މައްސަލައިގައި ސްޓެލްކޯއިން އަބަދުވެސް ބުނަމުންދިޔައީ އުނދަގޫ ވަނީ އަދި ގަވާއިދާ ހިލާފަށް ގެތަކާ 200 ފޫޓު ކައިރިން ބަހައްޓާފައި ހުރި ޖަނަރޭޓަރުތަކަކީ މާލެއަށް ބޭނުންވާ ކަރަންޓު ދިނުމަށް އެމަޖެންސީކޮށް ބަހައްޓާފައިވާ ޖަނަރޭޓަރުތަކެއް ކަމަށެވެ. އަދި ހުޅުމާލޭގައި ގާއިމްކޮށްފައި ހުރި 50 މެގަވޮޓްގެ ބިޔަ ޖަނަރޭޓަރު މާލެއާ މިހާރު ގުޅާލާފައި އޮތުމުން ކުދި ޖަނަރޭޓަރުތައް ބަންދުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯ ޖަނަރޭޓަރުތަކުގެ މައްސަލަ ސަބް-ކޮމެޓީން ނިންމާފައި މި ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައި އޮއްވަ އެވެ. އަދި އެ ގެތަކުގެ މީހުންނަށް ހުޅުމާލެއިން ގޯތި ދޫކުރުމަށް އެ ކައުންސިލުން ވަނީ ރައީސް އޮފީހުގައި އެދިފަ އެވެ.
ނަމަވެސް, ސަރުކާރުގެ ވިސްނުމަކީ ސްޓެލްކޯގެ ކުދި ޖަނަރޭޓަރުތައް ހުޅުމާލެއަށް ބަދަލު ކުރުމަށް މިހާރު ކުރަމުންދާ ޕްރޮޖެކްޓު ނިމުމުން މައްސަލަ ހައްލުވީ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމާމެދު ސީދާ ރައީސް އޮފީހުން އެއްޗެއް ބުނަފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަމުން ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ އެމީހުންނަށް ލިބޭ ގެއްލުންތަކާއި ވަމުންދާ އުނދަގޫތައް ހިއްސާކޮށްފަ އެވެ. އަދި އެދިފައި ވަނީ ދާއިމީ ހައްލެއް ހޯދައިދީ އެހެން ސަރަހައްދަކަށް އެމީހުން ބަދަލުކޮށްދިނުމަށެވެ.












