"މި އެއާޕޯޓް ވެގެން ދާނީ ފ. މަގޫދޫ ރައްޔިތުންނަށް ބޮޑު ތަސައްލީއަކަށް,"
މިއަދު ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށްފަހު, މަގޫދޫ ކައުންސިލްގެ ރައީސް އަބްދުالله ވަހީދު ވިދާޅުވި އެވެ.
މަގޫދޫގައި އެއާޕޯޓެއް އެޅުމަށް އެންމެ ފުރަތަމަ އިއުލާންކުރީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގެ ފުރަތަމަ ކޮޅުގަ އެވެ. ނަމަވެސް, ސިޔާސީ އޮއިވަރެއްގައި އެ އެއާޕޯޓް އެ އަތޮޅުގެ ވެރިކަން ކުރާ ނިލަންދޫގައި އަޅަން ސިޔާސަތަށް 2016 ވަނަ އަހަރު ބަދަލު ގެނަ އެވެ.
ނަމަވެސް, ސާވޭގެ މަސައްކަތް ފެށުމުގެ އިތުރަށް އެއާޕޯޓުގެ މަސައްކަތެއް ނިލަންދޫގައި ނުހިނގަ އެވެ.
ސަރުކާރު ބަދަލުވުމާއެކު, މަގޫދޫގެ އުއްމީދަކަށްވީ އެއާޕޯޓް އަނެއްކާވެސް އެ ރަށު ފަޅު ހިއްކައިގެން އެޅުމެވެ. އެ އުއްމީދުގެ ވާހަކަ ރައީސް ސޯލިހަށް ވަނީ އެކި ފަހަރު މަތިން އެ ރަށު ރައްޔިތުން ދަންނަވާފަ އެވެ.

އަނެއްކާވެސް މިއަދު މަގޫދޫ ރައްޔިތުންގެ އެއާޕޯޓް ހުވަފެން ރައީސް ސޯލިހަށް އެ ރަށުގެ ކައުންސިލުން ވަނީ ހަނދާން އާކޮށްދީފަ އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ޕޮޒިޓިވް ޖަވާބެއް ރައީސްގެ ފަރާތުން ލިބުނީ, ވިދާޅުވި މަގޫދޫ ރައްޔިތުން އުފާ ކުރާށޭ, ރައްޔިތުންނާއެކު އޭ ރައީސް ހުންނެވީ," ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް އަބްދުالله ވަހީދު މިރޭ "އަދަދު"އަށް ވިދާޅުވި ގޮތުގައި މި ވެރިކަމުގައި މަގޫދޫ ފަޅު ހިއްކައިގެން އެއާޕޯޓް އަޅާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތެވެ. އަދި އެކަމުގެ މަސައްކަތްތައް މިހާރު ވެސް ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ބައްދަލުވުމުގެ ތެރެއިން: އެއާޕޯޓާ ގުޅޭ ގޮތުން ޕޮޒިޓިވް ޖަވާބެއް
މަގޫދޫގެ 17 ހެކްޓަރުގެ ބިން މިހާރު ހިއްކާ ގޮތަށް ހަމަޖެހިފައިވާއިރު, އެއާޕޯޓަށް ވެސް ބިން ބޭނުންވާތީ, ބިން ހިއްކުމުގެ މަޝްރޫއު އެއަށްވުރެ ވެސް ބޮޑުކޮށް ކުރިއަށް ގެންދަން ސަރުކާރުން ރާވާފައިވާ ކަމަށް އަބްދުالله ވަހީދު ވިދާޅުވި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި, ވަރަށް އަވަހަށް އެމްޓީސީސީއާ މަޝްރޫއު ހަވާލުކޮށް, މަގޫދޫގެ އެއާޕޯޓްގެ ބިމާއެކު ބިން ހިއްކުމުގެ މަޝްރޫއު ފަށާނެ އެވެ. އެ ބިން އެހެން ބޭނުންތަކަށް ވެސް ބޭނުން ކުރާނެ އެވެ.
އާބާދީގައި 900 މީހުން ތިބި, މަގޫދޫގެ ރައްޔިތުން މިހާރު ބޭނުން ކުރަނީ އދ. މާމިނގިލީ އެއާޕޯޓެވެ. ނަމަވެސް, ގިނައިން ދަތުރު ކުރަނީ ކަނޑުމަގުން ލޯންޗު ފެރީގަ އެވެ.
"4,000 ރުފިޔާ އެބަ ހަރަދުވޭ އެހެން ދަތުރެއްކޮށްލުމަށް," އަބްދުالله ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި, އެ ރަށުގައި އެއާޕޯޓް އެޅިއްޖެނަމަ, އެ އަތޮޅުގެ ރައްޔިތުންނާއި ދ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ވެސް އޭގެން ވަރަށް ބޮޑަށް ފައިދާވާނެ އެވެ.
ފ. އަތޮޅުގެ ވެރިކަން ކުރިން ކުރި މަގޫދޫ ރައްޔިތުންނަށް ސަރުކާރުން އެއާޕޯޓް އަޅައިދީފިނަމަ, އެ ވެގެން ދާނީ އެ ރަށުގެ ރައްޔިތުންނަށް "އަނިޔާތަކުގެ" ތަސައްލީއަކަށް ކަމަށް އަބްދުالله ވަހީދު ފާހަގަ ކުރެއްވި އެވެ.
މަގޫދޫން ނިލަންދޫއަށް ވެރިކަން ބަދަލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1999 ވަނަ އަހަރު އެވެ. އެއަށްފަހު, އެ ރަށުގައި ހުރި އަތޮޅު ބައެއް ތަންތަން ވެސް ނިލަންދޫއަށް ބަދަލުކުރި އެވެ.
"އެއީ ސިޔާސީ ކަންތައްގަނޑެއްގައި މަގޫދޫ ރައްޔިތުންނަށް ދިން އަނިޔާއެއް, އެ އަނިޔާތަކުގެ ތަސައްލީއަކަށް ވާނެ މި އެއާޕޯޓް," އަބްދުالله ވަހީދު ވިދާޅުވި އެވެ.
އަބްދުالله ފާހަގަ ކުރައްވާ ގޮތުގައި, އެއް ތަނަކަށް ހުރިހާ ކަމެއް ޖަމާވާކަށް ނުޖެހެ އެވެ. ތަރައްގީ ވެސް ހުރިހާ ރަށަކަށް ބެހިގެންދާނެ ގޮތަށް އިންސާފުވެރިަކާއެކު ގެނެސްގެން ނޫނީ މުޅި ރާއްޖެ ކުރި އަރައިގެން ނުދާނެ އެވެ.

ފ. މަގޫދޫ: ބިން ހިއްކަން ފަށަން ވަނީ ތައްޔާރުވެފައި
އެއާޕޯޓްގެ އިތުރުން ވެސް ރަށުގެ އެހެން މަޝްރޫއުތަކާ ގުޅޭ ގޮތުން ކައުންސިލުން މިއަދު ރައީސް ސޯލިހާ މަޝްވަރާ ކުރައްވާފައިވެ އެވެ. އެގޮތުން, އެ ރަށަކީ ބޭރުގެ އެކި ކޮލެޖްތަކުގެ ދަރިވަރުން އައިސް ކިޔަވައިދޭ ޔުނިވާސިޓީއެއް ހިންގާ ރަށެއް ކަމުން ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހެދުމުގެ މަޝްވަރާ ކުރެއްވި އެވެ.
އެކަމަށް ވެސް ރައީސްގެ ފަރާތުން އުއްމީދީ ޖަވާބެއް ވަނީ ލިބިފަ އެވެ.
ރަށުގައި އެއާޕޯޓް އެޅުމަށް އެ ޔުނިވާސިޓީއަށް ބޭރުން އަންނަ ދަރިވަރުން ވެސް ވަރަށް ބޮޑަށް އެދެ އެވެ. ޓީއެމްއޭގައި އެދިގެން ރަށުގައި ސީޕްލޭން ޖެއްސޭ ގޮތަށް ހެދުމަށް ވެސް އެ ދަރިވަރުން މީގެކުރިން އެދުނެވެ. ނަމަވެސް, އެކަން ކައުންސިލުން މަޑުޖައްސާލާފައިވަނީ އެއާޕޯޓުގެ އުއްމީދު އޮތުމުންނެވެ.
ކައުންސިލުން އެދުން ކަންކަން
- ރަށުގައި އެއާޕޯޓެއް އަޅައިދިނުން
- ޔުނިވާސިޓީއެއް ހިންގާ ރަށަކަށް ވުމާއެކު ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކޮށްދިނުން
- އޭޓީއެމްއެއްގެ މުހިންމުކަން
- ސްކޫލުގައި ލައިބްރަރީއެއް އަޅައިދިނުން
- ބޮޑު ދަނޑުގެ މަސައްކަތް
- ކައުންސިލްގެ ބަޖެޓުގެ ތާށިކަން
ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނި ގޮތުގައި, މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައި ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން، ދަނޑުގެ މަސައްކަތާއި ސިއްހީ ހިދުމަތް ހަރުދަނާކުރުމުގެ މައްސަކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދަވާނެ ކަމަށާއި، ރަށުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބިން ހިއްކުރުމުގެ މަސައްކަތުގެ ފަހުގެ މައުލޫމާތު ކައުންސިލާ ރައީސް ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.












