އުމުރުގެ މިވީހާ ދުވަހު ހީކުރެވިފައި އޮތީ ކަފަބުރަކީ ހަމަ ސީދާ ކަންފަތް ސާފުކުރުމަށް ބޭނުންކުރާ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް އަސްލު ކަަފަ ބުރަކީ ކަންފަތުގެ އެތެރެއަށް ލައްވަން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ. ވިސްނާލުމެއް ނެތި ކަންފަތަށް ކަފަބުރު ލައްވައިފިނަމަ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކަންފަތަށް ލިބިދާނެ އެވެ.
އީއެންޓީ ސާޖަން ޑރ. މައުރޫފު ހުސެއިން ވަނީ ދާދި ފަހުން ކުޑަ ކުއްޖެއްގެ ކަންފަތުން ނަގާފައިވާ ކަފަބުރުތަކެއްގެ ފޮޓޯ ހިއްސާކޮށްފަ އެވެ. ކަފަ ބުރުގެ ކޮޅުގައި އިންނަވަރުގެ ތިން ކަފަކޮޅު ކުއްޖާގެ ކަންފަތުން ނެގި އެވެ. މިފަދަ ހާދިސާތައް ރާއްޖޭގައި މަދު ނޫން ކަމަށް ޑރ. މައުރޫފު ވިދާޅުވި އެވެ.
ކަފަ ބުރަކުން ކަންފަތުގެ ބޭރު ސާފުކުރުމަކުން ގޯހެއް ނެތެވެ. އެހެންނަމަވެސް ކަންފަތުގެ އެތެރެއަށް ކަފަ ބުރު ކޮށްޕާ ނަމަ ކަންފަތުގައި ހުންނަ މަޑު މާ ބޮޑަށް އެތެރެެއަށްވަދެ ކަންފަތް ބައްވުމުގެ ފުރުސަތު ބޮޑެވެ.
އަހަރެމެންގެ ކަންފަތުގެ އެތެރެއަކީ އޭގެ ޒާތުގައި އަމިއްލަ އަށް ސާފުވުމުގެ ގާބިލްކަން ހުރި ގުނަވަނެކެވެ. ޑރ. މައުރޫފު ވިދާޅުވާ ގޮތުގައި ނިޔަފަތި ދިގުވާ ސްޕީޑާއި ދާދި އެއްވަރަކަށް ކަންފަތް ވެސް އަމިއްލައަށް ސާފުވަމުންދާނެ އެވެ.

ކަންކުނީގެ ސަބަބުން ކަންފަތުގެ އެތެރެ މާ ބޮޑަށް ހިކުމާއި ކަންފަތަށް ހިރަފުސްފަދަ ތަކެތި ވަނުމުން ދުރުކޮށްދޭއިރު، މިއީ ބެކްޓީރިއާ އެފަދަ ޖަރާސީމުތަކުގެ ސަބަބުން އުފެދޭ އިންފެކްޝަންތަކުން ދުރުކޮށްދިނުމުގައިވެސް ބޮޑު އެހީ އެވެ.
މީގެއިތުރުން ކަންފަތަށް ކަފަ ބުރު ކޮށްޕާނަމަ ކަފަ ކޮޅު ތާށިވުމުގެ އިތުރަށް އޭގެ ސަބަބުން ކަންފަތުގެ އިއާ ޑްރަމްއަށް ގެއްލުންވެ، ކަންފަތުގައި ހިމެނޭ ތުނި ހަމުގެ ފަށަލައަށްވެސް ހާނިއްކަވެ އެވެ.
ދެން އުފެދޭ ސުވާލަކީ މާ ބޮޑަށް ކަންފަތް ހިރުވައިގަތުމުން ދެން ހަދާނީ ކިހިނެއްތޯ އެވެ. މި ސުވާލުކޮށްލުމުން ޑރ. މައުރޫފް ވިދާޅުވީ މިއީ ރާއްޖެފަދަ ހޫނުގަދަ ގައުމެއްގައި ވުން އެކަށީގެންވާ ކަމެއް ކަމަށާއި ހިރުވައިގަތުމުގެ އިތުރަށް ފެންވަރައިގެން ނުކުމެވެސް ފެން އެޅި އުނދަގޫވާހެން ހީވާނަމަ ކުޑަ ޓިޝޫކޮޅެއް ޖައްސާލާ ސާފުކޮށްލުމުން އެންމެ ރަނގަޅުވާނެ ކަމަށެވެ.







