ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރުކަމުގެ މަގާމަށް ގދ. ތިނަދޫ / އަސާގެ، ސަމާއު އަހުމަދު ނަޖީބު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.
އެ ކޮމިޝަންގެ ކުރީގެ މެމްބަރު ނައިވީން އަބްދުﷲ ގެ ދައުރު ހަމަވެ އެ މަގާމު ހުސްވުމުން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ސަމާއުގެ އިތުރުން 13 ބޭފުޅެއްގެ ނަން ރައީސް ސޯލިހު، މަޖިލީހަށް ހުށަހެޅުއްވި އެވެ.
ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ދެ ބޭފުޅަކު ނަން އަނބުރާ ނެގި އެވެ. އެހެން ތިން ބޭފުޅަކު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންޓަވިއުގައި ބައިވެރިވާން ބޭނުންނުވާކަމަށް އެނގި ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ކޮމިޓީ ރިޕޯޓުގައިވާ ގޮތުން، ބާކީ ތިބި ފަރާތްތަކާ އިންޓަވިއު ކުރިއިރު، އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ، ރައީސް ފޮނުއްވި ލިސްޓުގައި ވެސް އެންމެ ކުރީގައި އޮތް ސަމާއު އެވެ.
ސަމާއު މަގާމަށް އައްޔަންކުރެއްވީ މިއަދު މެންދުރުކުރިން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ސަމާއުއާ ހަވާލުކުރައްވާފަ އެވެ.

އަދި މި ރަސްމިއްޔާތުގައި ރައީސްގެ ކުރިފުޅުމަތީގައި ސަމާއު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.
ސަމާއު އަކީ ހިއުމަން ރައިޓްސްއާ ގުޅޭ ދާއިރާގައި އަށް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމުގެ އިތުރުން، ގާނޫނީ ދާއިރާއިން ބެޗެލާޒް އަދި ހިއުމަން ރައިޓްސް ލޯއިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަނުކުރި ސަމާއު ވަނީ މީގެ ކުރިން ވަނީ ބަންޑާރަ ނައިބުގެ އޮފީހުގައި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމު އަދާކުރައްވައިފަ އެވެ. އޭގެ ކުރިން އޭނާ ފޮރިން މިނިސްޓްރީގައި ވެސް ހިދުމަތް ކުރެއްވި އެވެ.
މީގެ އިތުރުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓާޗޭއެއްގެ މަގާމުވެސް 2010 ވަނަ އަހަރުން 2011 ވަނަ އަހަރާ ދެމެދު ފުރުއްވާފައިވެ އެވެ.













