ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް)ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި އެވެ.
ސޯލްޓް ކެފޭގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި، ޕާޓްނާޝިޕް އެއްބަސްވުމުގައި ކްރިކެޓް ބޯޑްގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުހައްމަދު ފައިސަލް އެވެ. "އަދަދު" ގެ ފަރާތުން ސޮއިކުރީ އެސޯސިއޭޓް އެޑިޓަރު (ސްޕޯޓްސް) އައްޒާމް އަލިފުޅު އެވެ. މިއީ ކުރިއަށް އޮތް ތިން އަހަރަށް ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމާ އެކު ކްރިކެޓް ބޯޑުގެ މިހާރު އޮތް ލީޑަޝިޕުން ކްރިކެޓްގެ ދުރުރާސްތާ ޕްލޭނެއް ހަދައިގެން 2030 އަށް ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރަން ކުރާ މަސައްކަތުގައި "އަދަދު"ގެ ވެސް ހިއްސާ ބޮޑުވާނެ އެވެ.
ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް ވިދާޅުވީ "އަދަދު" ނޫހަކީ ކްރިކެޓް ބޯޑާ ވަރަށް ގާތުން މަސައްކަތްކުރާ ނޫހެއް ކަމަށެވެ.
"ވަރަށް އާ ޒުވާން ނޫހެއް. އެހެން ނަމަވެސް ރާއްޖޭގެ މީޑިއާގައި ވަރަށް ރަނގަޅަށް ފައި ހިތްޕާލާފައި މި ވަނީ އެ ނޫހުގެ ފަރާތުން. އަޅުގަނޑުމެންނާ މިކަމުގައި ބައިވެރިވެވަޑައިގެންނެވީތީ ޝުކުރު އަދާކުރަން،" ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޝިއާރެއް ކަމަށްވާ "ޓުވާޑްސް 2030" އަށް އާ އެގްޒެކްޓިވް ކޮމިޓީން މަސައްކަތް ކުރަމުން މިދަނީ. އެއީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ކްރިކެޓްގެ އާ ޖީލެއް އުފެއްދުމަށްޓަކައި އެކަމަށް ޓަކައި އަޅުގަނޑުމެން ވަރަށް ގިނަ ފަރާތްތަކާ އެކީ ގުޅިގެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ މި މަސައްކަތުގައި ޕާޓްނަރުންގެ ހިއްސާ ވެސް އޮންނާނެ،"

ކްރިކެޓް ބޯޑްގެ ޕާޓްނަރުންގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: (ކ.ވ) ރާއްޖެ ޓީވީގެ ފަރިޔާޒް، މައިލޯގެ ފަރާތުން ދިޝާން، ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް އަދި އަދަދު ނޫހުގެ އައްޒާމް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ކްރިކެޓް ބޯޑާ ގުޅިގެން އަދަދު ނޫހުން ކްރިކެޓް ޕްރޮމޯޓް ކުރުމުގެ އެކި މަސައްކަތާއި ކްރިކެޓާ ބެހޭ މައުލޫމާތު ވީ އެންމެ ފުރިހަމަ އަށް އާންމުންނަށް ފޯރުކުރުމުގެ އެކި ކަންތައްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.
މިދިޔަ އޭޕްރީލް މަހު ވުޖޫދުވި "އަދަދު" ނޫހަކީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެސް ޕާޓްނަރެކެވެ. އަދި މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ އޮންލައިން އަދި ޕީއާރް ޕާޓްނަރަކީ ވެސް "އަދަދު" އެވެ.
ކްރިކެޓް ބޯޑުން ވަނީ އެ އެސޯސިއޭޝަނުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ ވެސް ހަމަޖައްސައިފަ އެވެ. އަދި މައިލޯއާ އެކު ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެެވެ. ކްރިކެޓް ބޯޑުން ބުނީ ރާއްޖެ ޓީވީ އާއި މައިލޯ އަކީ ވެސް އެ ބޯޑާ ވަރަށް ގާތުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ދެ ފަރާތް ކަމަށެވެ.
ފައިސަލް ވިދާޅުވީ ކްރިކެޓް ބޯޑަކީ ވަރަށް ކުރިއްސުރެ ވެސް ރާއްޖޭގެ ކުޅިވަރުގެ ތެރެއަށް ސްޕޮންސަރުން ގެނެސްގެން މާކެޓިން ފެއްޓި އެސޯސިއޭޝަނެއް ކަމަށެވެ. އަދި އެކި ސަބަބުތަކާ ހުރެ ފަހުން އެކަން ކުރިއަށް ނުދިޔައީ ކަމަށާއި މިހާރު އޮތް ލީޑަޝިޕްގެ އަމާޒަކީ ސްޕޮންސަރުންނާއި ޕާޓްނަރުންނާ އެކު ގުޅިގެން އެއް މިސްރާބެއްގައި މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް ފައިސަލް ފާހަގަކުރެއްވި އެވެ.
"އާ އެގްޒެކްޓިވް ކޮމިޓީ ކްރިކެޓް ބޯޑް ހިންގުމާ ހަވާލުވެފައި އަނެއްކާ ވެސް އިތުރު މަސައްކަތްތަކެއް ފެށީ. ކޮވިޑާ ހެދި މާލީ ދަތިކަމެއް ކްރިކެޓް ބޯޑަށް ވެސް ދިމާވި. އަޅުގަނޑުމެންނަށް ސަރުކާރުން ލިބޭ އަދަދު ދެ ގުނަ ގާތްގަނޑަކަށް 50 ޕަސެންޓް ކުޑަވެގެން ދިޔަ. ހަމަ އިތުރަށް ސްޕޮންސަރުން ހޯދުމާއި މާލީ ހާލަތު ރަނގަޅުކުރަން މަސައްކަތް ފެށީ،" ކްރިކެޓް ބޯޑުގެ ނައިބް ރައީސްކަމާއި ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި ފައިސަލް ވިދާޅުވި އެެވެ.
މިދިޔަ އަހަރު ކްރިކެޓް ބޯޑްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ފައިސަލްގެ ލީޑަޝިޕްގެ ދަށުން 120 ދުވަހުގެ ތެރޭގައި ކުރަން ޓާގެޓްކޮށް ގިނަ ކަންތައްތަކެއް ވަނީ ހާސިލްކޮށްފަ އެވެ.
އެ ކަންތައްތަކުގެ ތެރޭގައި ކްރިކެޓް ބޯޑުގެ ހިނގުން ހަރުދަނާ ކުރުމަށް އޮޕަރޭޝަންސްތަކުގެ ހުރިހާ ދާއިރާތަކަކަށް އަމާޒުކޮށް އުސޫލުތަކެއް ތައްޔާރުކޮށް މިހާރު ގެންދަނީ އަމަލު ކުރަމުންނެވެ. ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން ކުރިއަށްގެންދާ ކަންތައްތަކުގައި ސީބީއެމްގެ ހިންގުމުގެ މޮޑެލާއި ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމުގައި ޒަމާނީ ބަދަލުތަކެއް ފެންނާނެ ކަމަށް ކްރިކެޓް ބޯޑުން ބުނެ އެވެ.












