ކޮވިޑުގެ ސަބަބުން، އިންޑިއާ އަށް ދަތުރުކުރުމަށް މިވަގުތު ހަމައެކަނި މެޑިކަލް ވިސާ ދޫކުރި ނަމަވެސް ކުރިއެކޭ އެއްގޮތަށް ވިސާއެއް ނެތި ދިވެހިންނަށް އެ ގައުމަށް ދަތުރުކުރެވޭނެ ހާލަތަކަށް ވަރަށް އަވަހަށް ރުޖޫއަ ވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.
ޒަމާނުއްސުރެ އިންޑިއާ އަށް ވިސާ ނެތި ދިވެހިންނަށް ދެވެ އެވެ. އެކަމަކު އޭރު ވެސް މެޑިކަލް ކަންކަމުގައި ވިސާ ނަގަން ޖެހެ އެވެ. އޭގެ ފަހުން މި ސަރުކާރު އައިސް 2019 ވަނަ އަހަރު އިންޑިއާއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މެޑިކަލް ކަންކަމުގައި ވެސް ވިސާ ނެތި ދަތުރުކުރެވޭ ގޮތް ހަމަޖެހުނެވެ.
އެކަމަކު ކޮވިޑާ އެކު އިންޑިއާ ބަންދުކުރުމުން، ދިވެހިންނަށް ކުރިން ލިބެމުން އައި ވިސާ ހުއްޓުނީ އެވެ. އެހެންވިޔަސް މެޑިކަލް ކަންކަމުގައި ދިއުމަށް ވިސާ ދޫކުރެ އެވެ. އެ ވިސާ ހޯދަން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާތީ، އެ އަދަދަށް ވިސާ ޖަހައި ނުދެވި ވިސާ ކިއޫ ވަނީ ދިގުވެފަ އެވެ. އެކަމާ ބައެއް ދިވެހިން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ފަސްޓް ސެކްރެޓަރީ ކަރަން ޔާދޭވް "އަދަދު" އަށް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު 2019 ވަނަ އަހަރު އަމަލުކުރަން ފެށި ވިސާ ފްރީ އެއްބަސްވުމުގެ ހާލަތަށް ކުރިޔަށް އޮތްތަނުގައި ރުޖޫއަވުމުގެ އުއްމީދު ވަރަށް ބޮޑަށް އެބަ އޮތްކަމަށެވެ. އެކަމަކު އެކަން ބިނާވާނީ އިންޑިއާގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމަށެވެ.
"އިންޑިއާގައި ކޮވިޑުގެ ހާލަތު ރަނގަޅުވާން ފެށުމާއެކު، ކުރިން ވެސް އަމަލުކުރި ގޮތަށް، އެއްބަސްވުމުގެ ދަށުން ވިސާއަކާ ނުލާ ދަތުރުކުރުމުގެ އުއްމީދު އެބަ އޮތް،" ޔާދޭވް ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން ހެދި އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވިސާއަކާ ނުލާ އިންޑިއާއަށް ދަތުރުކުރުމަށް ފަހު 90 ދުވަހުގެ މުއްދަތަކަށް އިންޑިއާގައި މަޑުކުރެވޭނެ އެވެ.
ހައި ކޮމިޝަނުން މިހާރު އަމަލުކުރާ ގޮތަކީ އޮންލައިންކޮށް ވިސާ ފޯމް ހުށަހެޅުމުން، ވިސާ ޖެހުމަށް ހައި ކޮމިޝަނަށް އައުމަށް ވަކި ދުވަހަކާއި ގަޑިއެއް ކަނޑައަޅައި އެޕޮއިންޓްމަންޓް ދޫކުރަނީ އެވެ. އެކަމަކު ކޮންމެ ދުވަހަކު ވިސާ ޕްރޮސެސްކުރެވޭ އަދަދަށް ވުރެ އިތުރަށް ހުށަހަޅާތީ، ކޮންމެ ދުވަހަކު ވެސް އަނެއް ދުވަހަށް ބޮޑު ބެކްލޮގެއް އިތުރުވެ އެވެ. އޭގެ ސަބަބުން އެޕޮއިންޓްމަންޓް ލިބެން ނަގާ މުއްދަތު ދިގުވެ އެވެ.
ހައި ކޮމިޝަނަނުން ބުނީ އިމަޖެންސީކޮށް ދަތުރުކުރަން ޖެހޭ މީހުންނަށް ހާއްސަ އުސޫލެއްގެ ދަށުން އާޖެންޓް ވިސާ ޖައްސައިދެމުން އަންނަ ކަމަށެވެ.












