ކުރީގެ ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް އެދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީ ފޮނުއްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ފެށި 25 ބުރީގެ 16 ޓަވަރުގެ މަސައްކަތް މިހާރު ނިމި، މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނުން ފްލެޓެއްގެ ކުލީގެ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ ގޮތަށެވެ.
އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް އެ އަގު ބޮޑުކަމަށް ބުނެ، ހިޔާ ފްލެޓު ލިބުނު މީހުން ވަނީ އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އަދި އެއަށްވުރެ ކުޑަކޮށް ހިޔާ ފްލެޓު ދެވޭނެ ކަމަށް ކުރީގެ ސަރުކާރަށް ނިސްބަތްވާ އަދި މިހާރުގެ އިދިކޮޅުގައި ތިއްބެވި ބޭފުޅުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީގެ މޭޔަރު މުއިއްޒު މިއަދު ވަނީ އަނެއްކާ ވެސް ހިޔާ ފްލެޓްގެ މައްސަލައިގައި އަގު ކުޑަ ކޮށްދިނުމަށް އެދި ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފަ އެވެ.

އަދި ފިނިޝިން މަސައްކަތަށް މަދުވެގެން ނުވަ މަސް ދުވަސް ދިނުމަށް އެދިވަޑައިގެންފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ހިޔާގެ އަގުތައް ކުޑަކުރުމަށް އެދި ސިޓީ ފޮނުއްވި ތިން ވަނަ ފަހަރެވެ.
މޭޔަރު މުއިއްޒުގެ މިނިސްޓަރުކަމުގައި އަޅަން ފެށި ހިޔާ ފްލެޓްތަކުގެ އަގު 5،600 އަށް ކުޑަ ކުރެވޭނެ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
އެއީ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓެއް އިމާރާތްކުރަން ހަރަދުވާ 1.27 މިލިއަން ރުފިޔާއިން ޑައުންޕޭމަންޓަށް 25،000ރ. ކެނޑުމަށް ފަހު މަހަކު ދައްކަން ޖެހޭ އަދަދަށް އަށް ޕަސެންޓުގެ އިންޓްރެސްޓެއް ހިމަނައިގެންކަމަށް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
އެ މައްސަލައިގައި މީގެ ކުރިން މުއިއްޒު ވަނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ބައްދަލުކުރައްވާ މަޝްވަރާ ވެސް ކުރައްވާފަ އެވެ.
ނަމަވެސް މި ސަރުކާރުން ބުނަނީ، މުއިއްޒުގެ ހިސާބުތަކުގައި މައްސަލައެއް އެބަ ހުރި ކަމަށާއި، އަދި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަކީ ވެސް އެއީ އަގުކުޑަކުރަން ކުރި ގިނަ މަސައްކަތްތަކެއްގެ ދަށުން ހަމަޖެހުނު އަގެއް ކަމަށެވެ.
މި ސަރުކާރުން ބުނާ ގޮތުގައި ހިޔާ ފްލެޓްތައް އަޅަން ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އަގު ހިމަނޭތީވެއާއުއެކު އިތުރަށް ކުލި ކުޑަކުރާނަމަ ސަރުކާރަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާނެތީ އެވެ.
އަދި މިހާރު މަހަކު 8،500 ރުފިޔާ ކުއްޔަށްނަގާ، ހިޔާ ފްލެޓްތަކުގެ އަގު އެޔަށް ވުރެ ކުޑައެއް ނުކުރެވޭނެ ކަމަށެވެ.
ރައީސް ސޯލިހު މިދިޔަ ޖޫން މަހުގެ ފަހުކޮޅު ދެއްވި ޕްރެސް ކޮންފަރެންސްއެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް އަގުކޮށްފައި އޮތް ގޮތުން ފްލެޓުގެ ކުއްޔަށް އަރަނީ 10،400 ރުފިޔާ އެވެ. އެ އަގަކީ ބޮޑު އަގެއް ކަމެއް ގަބޫލު ކުރެވޭތީ، އަގު ކުޑަކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
އަދި މިހާރު ސަރުކާރުން ގެނެސްފައިވާ ބަދަލަށްވުރެ އިތުރަށް ކުޑަކުރާނަމަ، ބޮޑު ތަކުލީފެއް ސަރުކާރަށް އުފުލަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ފްލެޓް އަޅަން ނަގާފައިވާ ލޯނު ދައްކަން މިހާރު ވެސް ސަރުކާރުން އިތުރު 3.2 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެކަން ފާހަގަ ކުރެއްވި އެވެ.













