އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި މިއަދު ސްރީ ލަންކާ އަތުން 1-0 އިން މޮޅުވެ، ބަންގްލްދޭޝް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ބަންގްލަދޭޝް އިން ލަނޑު ޖެހީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ޑިފެންޑަރު ޓޯޕޫ ބާމަނެވެ.
ބަންގްލަދޭޝަށް ޕެނަލްޓީއެއް ލިބުނީ މެޗުގެ 55 ވަނަ މިނިޓުގައި ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުލާސްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ރާއްޖޭގެ ޓީސީ ސްޕޯޓްސް އަށް މިދިޔަ ސީޒަންގައި ކުޅުނު ޑަކްސަން އަށް ވަނީ މި ފައުލާ ގުޅިގެން، ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައިފަ އެވެ. އެހެންކަމުން، ދެވަނަ ހާފުގެ ބޮޑުބައި ލަންކާ އިން ކުޅުނީ 10 މީހުންނާއެކު އެވެ.
މި މެޗުގައި ރަނގަޅަށް ކުޅެ، ގިނަ ހަމަލާތަކެއް އުފެއްދީ 2003 ވަނަ އަހަރުގެ ޗެމްޕިއަން ބަންގްލަދޭޝެވެ. މުޅި މެޗުގައި ވެސް ގިނައިރު ބޯޅަ ގެންގުޅެ، ބަންގްލަދޭޝުން ހަމަލާތަކެއް އުފެއްދިއިރު، ލަންކާ އިން ފެނުނީ ދިގު ބޯޅަތަކެއް ޖަހައިގެން ކައުންޓާ އެޓޭކްގައި ބަންގްލަދޭޝްގެ ފަހަތަށް ބާރުބޮޑުކުރަން މަސައްކަތްކުރި ތަނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާގިނަ ހަމަލާތަކެއް ނުއުފެއްދުނެވެ. ބަންގްލަދޭޝުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ލަންކާގެ ޑިފެންސް ފޫއަޅުވާލަން އެ ޓީމަށް އުނދަގޫވި އެވެ.
މެޗުގެ 9 ވަނަ މިނިޓުގައި ބަންގްލަދޭޝްގެ އެމްޑީ ސުމާ ރެޒާ ލަންކާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ލަންކާގެ ޑިފެންޑަރެއް ބްލޮކްކުރުމުން، ބަންގްލަދޭޝުން ހޭންޑް ބޯލްއަކަށް އެޕީލްކުރި އެވެ. އެކަމަކު މެޗުގެ ރެފްރީ އެކަމަށް ސަމާލުކަމެއް ނުދިނެވެ.
ލަންކާގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 20 ވަނަ މިނިޓުގަ އެވެ. އެ ޓީމުގެ ހަރްޝާ ފެނާންޑޯ ބަންގްލަދޭޝްގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ އެންމެ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ އިތުރު ވަގުތުގަ އެވެ. ބަންގްލަދޭޝްގެ ޔާސީން އަރަފާތު ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ހިތްގައިމު ބޯޅަ އަށް، ބަންގްލަދޭޝްގެ ޑިފެންޑަރު ޓޯޕޫ ބަރްމާން އަރައި، ބޮލުން ގޯލަށް އަމާޒުކޮށްލި އެވެ. އެކަމަކު ގޯލުގެ މަތީ ކަނާ ދިމާލަށް ދިޔަ ބޯޅަ، ލަންކާގެ ގޯލު ބަލަހައްޓަމުންދިޔަ އެ ޓީމުގެ ކެޕްޓަން ސުޖަން ޕެރޭރާ ވަނީ ހުށިހާރުކަމާއެކު ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ބަންގްލަދޭޝުން ލީޑު ނެގިޔަސް، ދިހަ މީހުންނާއެކު ކުޅެން ޖެހުމުން ލަންކާ އަށް ހަމަލާތައް އުފެއްދުމަށް އުނދަގޫވި އެވެ. އެކަމަކު ދެވަނަ ހާފުގެ ބާކީ އޮތް ބައިގައި ބަންގްލަދޭޝުން ލަންކާގެ ގޯލަށް ހަމަލާތަކެއް އަމާޒުކުރި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ނޭޕާލެވެ. މެޗު ފަށާނީ 21:00 ގަ އެވެ.












