ސާފް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ ކުޅޭ ކޮންމެ މެޗަކަށް ވެސް، ގަލޮޅު ދަނޑަށް ވަޑައިގެން ޓީމަށް ތަރުހީބު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާލޭގައި މާދަމާ ފަށާ މުބާރާތަށް ހާއްސަކޮށްގެން "އަދަދު" އިން ނެރުނު ގައިޑް ފޮތް "މަގޭ މަހަލްދީބް" އެމަނިކުފާނަށް ހަދިޔާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި "އަދަދު" ގެ ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފުޓްބޯޅައަކީ ހުރިހާ ދިވެހިންގެ ލެޔާ ގުޅިފައިވާ ކުޅިވަރެއް ކަމަށާއި ގައުމީ ޓީމު ކުޅެންޏާ ދިވެހިން އަބަދުވެސް ސަމާލުކަންދޭނެ ކަމަށެވެ.
ރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ ފޯރި ހީނަރުވެފައިވާވުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ މިހާރު ގޭގައި ތިބެގެން ބޭރުގެ މެޗުތައް ފެންނާތީ ކުރިން ދަނޑަށް ވަންނަހެން މީހުން ނުވަނަސް އަދިވެސް އިންޓަނޭޝަނަލް ފުޓްބޯޅައަށް ދިވެހިން ސަމާލުކަންދޭ ކަމަށެވެ.
"ގައުމީ ޓީމު ކުޅެންޏާ އެ ފޯރި އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހެންވެ އެމަނިކުފާނު ވެސް މާލޭގައި ހުރިއްޔާ އިރާދަކުރެވިއްޔާ ދިވެހި ޓީމު ކުޅޭ ކޮންމެ މެޗަކަށް ވެސް ދަނޑަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް (ކ) "އަދަދު" ގެ ގައިޑް ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް
"އަދަދު" އިން ނެރުނު ގައިޑަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ކުޅިވަރުގެ މިފަދަ ކަންކަމުގައި ޖޯޝް ގެނެސް، ރައްޔިތުން ޝައުގުވެރިކުރުވައި، ފޯރި ގެނައުމަށް މީޑިއާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ ރައީސް ވަނީ އެފަދަ މަސައްކަތެއް ކުރެއްވީތީ "އަދަދު" ގެ ޓީމަށް ޝުކުރުއަދާކުރައްވައިފަ އެވެ.
ރައީސް ވަނީ ގައުމީ ޓީމު ކޭމްޕްކޮށްފައި އޮތް ހޮޓެލް ޖެން އަށް މިއަދު ހަވީރު ވަޑައިގެން ޓީމަށް ހިތްވަރުދެއްވައިފަ އެވެ. ރައީސް ވިދާޅުވީ ދިވެހިން ތިބީ ގައުމީ ޓީމާއެކު ތިން ވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރުމަށް ކަމަށާއި ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމާ ކަމަށެވެ.
ރައީސް ވިދާޅުވީ މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ދެމުން އަންނަ އިނާމުގެ ފައިސާގެ އަަދަދު މީގެ ކުރިން ބޮޑުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކުޅިވަރުގެ ބޭފުޅެއް
ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަކީ ރައީސް ސޯލިހުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އޭގެ ދަށުން ރާއްޖޭން ވަނީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ފުރުސަތު ހޯދައިފަ އެވެ. އެކަމަކު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މެމްބަރު ގައުމުތަކަށް ދަތުރުކޮށް، އޮލިމްޕިކް ކޮމިޓީގެ ހިއްސާއާ އެކު ހޯދި ފުރުސަތަށް ކޮވިޑުގެ ހިޔަނި އެޅި މިހާރު ވަނީ ފަސްވެފަ އެވެ.

ރާއްޖެ އާއި ޗައިނާ ކުޅުނު މެޗު ބައްލަވާލަން ރައީސް ދަނޑަށް ވަޑައިގެން ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާ އެކު ރޮސްޓަރަމްގައި. --އަދަދު ފައިލް ފޮޓޯ
ސާފް ޗެމްޕިއަންޝިޕަކީ ނޮވެމްބަރު، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ސޯލިހުގެ ޒައާމަތުގައި ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތް އިންތިޒާމުކުރުމަށް ސަރުކާރުން ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބަޖެޓެއްދީފަ އެވެ.
ރައީސް ސޯލިހަކީ ގައުމީ ފެންވަރުގައި ކުޅިވަރު ކުޅުއްވި އަދި ކުޅިވަރު ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކްރިކެޓަށް ޓީމަށް ފުރަތަމަ ޑިވިޝަނުގައި ކުޅުއްވައި އެ ކްލަބުގެ ބޯޑު މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން 2010 ވަނަ އަހަރު އިންތިޒާމުކޮށްގެން ގަލޮޅު ދަނޑުގައި ބޭއްވި ފުޓްބޯޅަ މެޗެއްގައި ވެސް ކުޅުއްވި އެވެ.













