މެންޗެސްޓާ (ސެޕްޓެމްބަރު 30) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޗެލްސީ އާއި ބާސެލޯނާ ކުޅުނު މެޗުތަކުން ބަލިވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ގޯލު ޖަހައި ވިޔަރެއާލް އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުކޮށްދީފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިވީ ޔުވެންޓަސް ދަނޑުގައި 1-0 އިންނެވެ. ކުޅުނު ދެ ވަނަ މެޗުން ވެސް ބާސެލޯނާ ވަނީ ތިން ގޯލުގެ ތަފާތުން ބަލިވެފަ އެވެ. މިރޭ ބެންފީކާ އިން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ބާސެލޯނާ ބަލިކޮށްފަ އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ޔުނައިޓެޑް މެޗުގެ ތެރޭގައި ބޭއްވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށެވެ. ވިޔަރެއާލްގެ ޕަކޯ އަލްކަސޭރާއި އާނައުޓް ޑަންޖޫމާ އަދި ޔެރެމީ ޕިނޯ ޖެހި ބޯޅަތައް ޑެހެއާ ވަނީ ހުއްޓުވައިފަ އެވެ. އެކަމަކު ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 53 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އަލްކަސޭރު ވަނީ ވިޔަރެއާލަށް ލީޑުނަގައިދީފަ އެވެ.
ވިޔަރެއާލަށް ލީޑުހިފަހައްޓައިލެވުނީ ހަތް މިނިޓެވެ. މެޗުގެ 60 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ނަގައިދިން ހުރަހަކުން އަލެކްސް ޓެލޭސް ޖެހި މޮޅު ގޯލުން ޔުނައިޓެޑް އެއްވަރުކުރި އެވެ. އޭރިއާބޭރުން އެއް ފަހަރުން ވޮލީ އަކުން ޓެލޭސް ޖެހި ބޯޅަ އަމާޒުވީ ދުރު ކަނަށެވެ.
ޔުނައިޓެޑް ބަދަލުތަކެއް ގެނެސްގެން މޮޅުވާން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތަށް ދެއްކި މިނިޓްތަކުގެ ތެރެއިން ފަސް ވަނަ މިނިޓްގަ އެވެ. ޖެސީ ލިންގާޑް އޭރިއާތެރެއިން ދިން ބޯޅަ ރޮނާލްޑޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައި ޔުނައިޓެޑަށް މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މޮޅު ހޯދައިދީފަ އެވެ. މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު 178 ވަނަ މެޗެވެ. މިއާ އެކު އުމުރުން 37 އަހަރުގެ ރޮނާލްޑޯ އަކީ މި މުބާރާތުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ވެސް ރޮނާލްޑޯ އަތުގަ އެވެ.

ބެންފީކާގެ ނޫނޭޒް (ވ) ބާސެލޯނާގެ ގޯލަށް ބޯޅަ ފޮނުވާލަނީ.
ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިކުރި ސްވިޒަލެންޑްގެ ޔަންގް ބޯއީސް މިރޭ ކުޅުނު މެޗުން ރަށުންބޭރުގައި ވަނީ އިޓަލީގެ އެޓަލަންޓާ އަތުން 1-0 އިން ބަލިވެފަ އެވެ.
ޕްރެޝަރު ބޮޑުވެފައިވާ ބާސެލޯނާ އަށް މިރޭ ބެންފީކާ ކައިރީގައި ވެސް ރަނގަޅަށް ކުޅެވޭގޮތެއް ނުވި އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ބެންފީކާ އަށް ލީޑުނަގައިދިނީ އުރުގުއޭގެ އަރަމުން އަންނަ ފޯވާޑް ޑާވިން ނޫނޭޒް އެވެ. ދެ ވަނަ ހާފްގައި ޕޯޗުގީސް އެޓޭކަރު، ރަފާ ސިލްވާ ބެންފީކާ އަށް ދެ ވަނަ ގޯލު ޖަހައިދިންއިރު، ފަހު ގޯލު ޖެހީ ވެސް ފުރަތަމަ ގޯލު ކާމިޔާބުކުރި ނޫނޭޒް އެވެ.
ބާސެލޯނާ މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ 87 ވަނަ މިނިޓްގައި އެ ޓީމުގެ އެރިކް ގާސިއާ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެެވެ.
ގްރޫޕްގެ ފުރަތަމަ މެޗުގައި ބާސެލޯނާ އަތުން 3-0 އިން މޮޅުވި ބަޔާން މިރޭ ކުޅުނު މެޗުން ޔޫކްރެއިންގެ ޑިނަމޯ ކިއޭވް އަތުން މޮޅުވީ 5-0 އިންނެވެ. ބަޔާންގެ ގޯލުތައް ޖެހީ ރޮބަޓް ލެވަންޑޯސްކީ ދެ ގޯލުގެ އިތުރުން ސާޖް ގްނަބްރީ، ލެރޯއި ސާނޭ އަދި އެރިކް މެކްސިމް ޗޮޕޫ-މޯޓީން އެވެ.
ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ ބަލިކުރި ގޯލު ޖެހީ ދެ ވަނަ ހާފްގެ ކުުޅުން ފެށިގެން 10 ސިކުންތު ތެރޭގަ އެވެ. މި ގޯލު ޖެހީ ފެޑެރީކޯ ބާނަޑޭޝީ ދިން ބޯޅައަކުން ފެޑެރީކޯ ކިއޭސާ އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ މި މެޗުގައި ނުކުޅެ އެވެ. ޗެލްސީ އަށް ގޯލެއް ޖަހައިދޭން ރޮމެލޫ ލުކާކޫ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
މި ގްރޫޕްގެ އަނެއް މެޗުން ރަޝިއާގެ ޒެނިޓް ވަނީ 4-0 އިން މަލްމޯ ބަލިކޮށްފަ އެވެ.












