ރިސޯޓު ހަދަން އެވޯޑްކުރެވުނީ އެންމެ ރަށެއް

ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ބިޑް ކާމިޔަބިކޮށް އެވޯޑްކުރި ހއ. ވެލިފިނޮޅު. -- ފޮޓޯ:ގޫގްލްއާތު

ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ބިޑް ކާމިޔަބިކޮށް އެވޯޑްކުރި ހއ. ވެލިފިނޮޅު. -- ފޮޓޯ:ގޫގްލްއާތު

ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން އެވޯޑް ކުރެވުނީ އެންމެ ރަށެއްކަން އެނގިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ބިޑަށް ހުޅުވާލި 16 ރަށުގެ ތެރެއިން އެވޯޑް ކުރެވިފައި ވަނީ އެންމެ ރަށެކެވެ. މި ރަށްތަކަށް ހަތް ފަރާތަކުން ބިޑް ހުށަހެޅި ނަމަވެސް އިވެލުއޭޝަން ޕްރޮސެސް ނިމުނު އިރު އެވޯޑް ކުރެވުނީ ހއ. ވެލިފިނޮޅު އެކަންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލިފިނޮޅަށް ބިޑު ހުށަހެޅީ ދެ ކުންފުންޏަކުންނެވެ. އެއީ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް އަދި ޕާލް ސޭންޑްސް އޮފް މޯލްޑިވްސް އެވެ.

މީގެ ތެރެއިން ބިޑު ކާމިޔާބު ކުރި ޕާލް ސޭންޑްސް އޮފް މޯލްޑިވްސް އަކީ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޝިޒްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ވެލިފިނޮޅަށް ހުށަހަޅާފައިވާ ދެ ބިޑުގެ ތެރެއިން ކާމިޔާބުކޮށްފައި ވަނީ އެންމެ އަގު ކުޑަކޮށް ހުށަހެޅި ކުންފުންޏެވެ.

ކޮވިޑުގެ ސަބަބުން ދުނިޔޭގެ ގިިނަ ސަރަހައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާ އިރު، ކުރިއަށް އޮތް ތަނުގައި ހުޅުވާލާ ބިޑްތަކަށް މިއަށްވުރެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

އަދި ވިސްނުމަކީ ދެން ރަށްތައް ބިޑަށް ހުޅުވާލުމަށްފަހު ބިޑް ހުށަހެޅުމުގެ ސުންގަޑިއާ ދެމެދު ވަގުތު އިތުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީން ވަނީ މިދަނޑިވަޅުގައި ރަށްތައް ބިޑަށް ހުޅުވާލި އިރު، ރަށްތަކުގެ އަގު ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި މި ރަށްތައް ދޫކޮށްގެން ސަރުކާރަށް ލީޒް އެކުއިޒިޝަން ފީގެ ގޮތުގައި 17.4 މިލިއަން ޑޮލަރު (263 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް ލަފާކުރި އެވެ.

ނަމަވެސް އެންމެ ރަށެއް އެވޯޑް ކުރެވުމާއެކު ރަށް ވިއްކައިގެން ސަރުކާރަށް އެންމެ ގިނަވެގެން ލިބޭނީ އެއް މިލިއަން ރުފިޔާ އެވެ.

ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ގިނަ އަދަދެއްގެ ރަށްތައް ދޫކޮށްފައިވާ އިރު، ތަރައްގީނުކުރެވި ގިނަ ދުވަސްވެފައިވާ ރަށްތައް ދޫކޮށްފައިވާ އިންވެސްޓަރުންނާއެކު އާ އެއްބަސްވުމެއް ހަދައި ތިން އަހަރު ދުވަހުގެ ތެރޭގައި ރަށްތައް ތަރައްގީކުރުމުގެ ފުރުސަތުދީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ތަރައްގީކުރަން ނުފަށާ ރަށްތައް މިނިސްޓްރީއަށް އަތުލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox