ދިވެހިރާއްޖޭގެ ހިމެނޭ ސަރަހައްދުގެ ކަނޑުފަޅަށް ހާއްސަ އެމެއް ކަމަށްވާ "ބޯދި" ގެ އާ ބާވަތެއް ސައިންސްވެރިން ހޯދައިފި އެވެ.
ރާއްޖޭގައި އުޅޭ ކަމަށް ފިޝަރީޒް މިނިސްޓްރީގެ މެރިން ރިސާޗް ސެންޓަރުން ބުނެފައިވަނީ "ބޯދި" ގެ ހަތް ވައްތަރެކެވެ. މި ފެނުނު ވައްތަރާ އެކު ރާއްޖޭން އަށް ވަނަ ބާވަތެއް ހޯދުނީ އެވެ.
މި ބޯދި ފެނިފައި ވަނީ 2019 ވަނަ އަހަރު ލ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސިކް ސެންސެސް ލާމު އަށް އައިސް އުޅުނު ޑރ. މާކް އެޑްމައިން ކިޔާ މީހެއް ހޯދި މަސްތަކެއްގެ ތެރެއިންނެވެ.
އެ މަހަށް ނަން ދީފައި ވަނީ ލ. އަތޮޅުގެ ނަމުންނެވެ. އެފަދަ އެއްޗިއްސަށް ނަން ދިނުމުގައި ދެ ނަމެއް ބޭނުން ކުރެ އެވެ. އެއީ ފުރަތަމަ ނަމަކީ "ޖީނަސް" އެއީ އެ ބާވަތުގެ ސަބް ފެމިލީއަށް ކިޔާ ނަމެކެވެ. ދެވަނަ ނަމަކީ އެ އެއްޗަށް ހާއްސަކޮށް ދޭ ވަކި ނަމެކެވެ.
އަލަށް ފެނުނު "ބޯދި" ގެ ބާވަތަށް ދީފައިވާ ނަމަކީ "ސާކާމިޔާ" އެވެ.

އެހެން ބާވަތްތަކުގެ "ބޯދި" ގައި ނުވަ ކަށިކޮޅު ހުރެ އެވެ. މި ފެނުނު "ބޯދި" ގައި އިންނަނީ 10 ކަށިކޮޅެވެ. މި ވައްތަރުގެ "ބޯދި" އެހެން ތަނަކުން ފެނިފައި ނުވާކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މި ބާވަތުގެ "ބޯދި" މީގެ ކުރިން އދ. ދިގުރައް ކައިރިންވެސް ފެނިފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. ނަމަވެސް މިއީ ރާއްޖެ ސަރަހައްދުން އެކަނި ފެންނަ ބާވަތެއްކަން ކަށަވަރު ކުރެވިފައި ވަނީ މި އަހަރު އެވެ.
މޯލްޑިވްސް ރިޒަލިއެންޓް ރީފްގެ ޗެއާޕާސަން ޝާހާ ހާޝިމް "އަދަދު" އަށް ވިދާޅުވީ ހަމަ އެކަނި ރާއްޖޭގެ ސަރަހައްދުން ފެންނަ ތަފާތު ވައްތަރުގެ މަސް އުޅުން އެކަށީގެންވާ ކަމަށެވެ.
"އަދި ރާއްޖޭގެ ކަނޑުތަައް ރަނގަޅަށް ޑިސްކަވާ ނުވެވި އޮތީ. އެކަމަކު ސައިންޓިފިކް ދިރާސާތައް ކޮށްގެން ބަލައިގެން ދެނެގަނެވޭނީ،" ޝާހާ ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖެއިން ފެނިފައިވާ "ބޯދި" ގެ ބާވަތްތަކަކީ:
- އެއްރޮނގު ބޯދި
- ފުޅާރޮނގު ބޯދި
- ލޯބޮޑު ބުރެކި
- ލައްފަތާ
- ތިކިޖެހި ބޯދި
- އިލޮޅި ބޯދި
- ހިމަ ބޯދި
ބޯދި އަކީ ރާއްޖޭގެ ތިލަފަޅުތަކުގެ ބޭރުގަޔާއި ވިލުވިލުގައި ހެދިފައި ހުންނަ މުރަކަތަކުގެ މާހައުލުގައި އުޅޭ ކުޑައިސްކޮޅެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 10 ސެންޓިމީޓަރަށް ކަމަށްވިޔަސް ގިނައިން ފެނިފައި ހުންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ 7 ސެންޓި މީޓަރު ކަމަށް ދިރާސާތަކުން ދައްކަ އެވެ.
މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ނަމަވެސް ދިވެހިން އެންވެރިކަމުގައި މިބާވަތުގެ މަސް ބޭނުންކުރެ އެވެ. "ބޯދި" އާއިލާގެ މަސް ބިސްއެޅުމަށް ފަހު ދަރިމައިކުރަނީ އަނގައިގެ ތެރޭގައި ބަހައްޓައިގެންނެވެ.
"ބޯދި" ގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 7 ހަރުކަށި ހުރެ އެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 9 މަޑުކަށި ހުރެ އެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 6 މަޑުކަށި ހުރެ އެވެ. އަދި މަހުގެ ކަރުތާފަތްގަނޑުގެ ކުރީބައިގައި ރާޅުކަމެއް ހުރެ އެވެ.













