އިންޑިއާގެ ޕޫނާގައި ކުރިއަށް ދިޔަ އަސްކަރީ ތަމްރީނެއް ފުރިހަމަ ކުރަނިކޮށް އިއްޔެ ނިޔާވި ދިވެހި ސިފައިންގެ ބޭކަލެއް ކަމަށްވާ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ މަރުގެ ތަހްގީގު ކުރުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.
ސުލްތާން ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އޭނާ ނިޔާވީ ވަރަށް ބުރަ ފިޒިކަލް ޓްރޭނިންއެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށެވެ. އެއީ ދުވުމުގެ ހަރަކާތެކެވެ.
"ކެޑޭޓްގެ (ސުލްތާންގެ) ފުރާނަ ސަލާމަތް ކުރަން އެންމެ ފުރިހަމައަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވޭ. އޭނާ ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައި،" އެންޑީއޭއިން ނެރުނު ބަޔާނުގައިވެ އެވެ.
"އިންޑިއަން އެކްސްޕްރެސް" އަށް ޕޫނާގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕޮނިމާ ގައިކްވަޑް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ސުލްތާންގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ނެތް ކަމަށެވެ. އެހެންނަމަވެސް އިންޑިއާގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން މަރު ތަހުގީގުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެމްއެންޑީއެފް އިން ބުނަނީ ޕޯސްޓްމޯޓަމް ހަދަން އަދި ނިންމާފައި ނުވާ ކަމަށެވެ.

"އަދަދު" އާ ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ހަނާ މުހައްމަދު ވިދާޅުވީ ޕޯސްޓްމޯޓަމް ހެދޭނީ އާއިލާގެ ހުއްދަ ލިބިގެން ކަމަށާއި، އަދި އެކަމުގައި ގޮތެއް ނުނިންމާ ކަމަށެވެ.
"ޕޯސްޓްމޯޓަމް ހަދަން އަދި ނިންމާފައެއް ނުވޭ. އެކަމަށް އާއިލާގެ ހުއްދަވެސް ބޭނުންވާނެ. މިހާރު އެކަމާ މިދަނީ މަޝްވަރާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
މިލިޓަރީ ތަމްރީނެއް ފުރިހަމަ ކުރަނިކޮށް ނިޔާވާ މިފަދަ ކޮންމެ މަރެއް އިތުރަށް ތަހުގީގު ކުރުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަކީ އިންޑިއާގައި މަޖުބޫރު ކަމެކެވެ. އެހެންވެ މި ހާދިސާގައި ޕޯސްޓްމޯޓަމް ނަހަދަން ނިންމުމުގެ ބާރެއް ދިވެހި ސަރުކާރަށް ނޯންނާނެ އެވެ.
އެމްއެންޑީއެފުން މިވަގުތު އަންނަނީ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ހަށިގަނޑު ރާއްޖެ ގެނެވެން އޮތީ ޕޯސްޓްމޯޓަމް ހެދުމަށްފަހު އެވެ.
އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސާ ކެޑޭޓް ކޯހުގެ ތަމްރީނުތަކުގައި ސުލްތާން ގުޅުނީ މި އަހަރުގެ މާޗު މަހު އެވެ. އޭނާގެ ކޯސް ނިމޭނީ މާޗު 2024 ގަ އެވެ.
ސުލްތާނަކީ އޭނާގެ އާއިލާގައި ތިބި އެއްބަނޑު އެއްބަފާ ކުދިންގެ ތެރެއިން އެންމެ ހަގު އަދި ހަމައެކަނި ފިރިހެން ކުއްޖާއެވެ.












