އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެޕާޓީގެ މެދު ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ލ. ގަމު ދާއިރާއަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިންތިހާބު ވެއްޖެ އެވެ.
މިނިސްޓާރު އަމީރު މެދު ދެކުނު (ތ އަދި ލ. އަތޮޅު) ޕްރޮވިންސްގެ ރައީސްކަން ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ. އެގޮތުން, ތ. އަތޮޅުން އެކަނިވެސް މިނިސްޓަރު އަމީރު ވަނީ ދެން ވާދަކުރެއްވި ކެންޑިޑޭޓުގެ މައްޗަށް 1،000 ވޯޓުގެ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވާފަ އެވެ.
މިނިސްޓާރު ފައްޔާޒް ގަމު ދާއިރާ ކާމިޔާބުކުރެއްވީ ވޯޓުގެ ބޮޑު އަގުލަބިއްޔަތަކާ އެކުގަ އެވެ. އެގޮތުން މިހާތަނަށް ލިބުނު ވަގުތީ ނަތީޖާތަކަށް ބަލާއިރު، މާލޭގައި ބަހައްޓާފައި ހުރި ގަމު ދާއިރާގެ ފޮށިން މިނިސްޓަރު ފައްޔާޒް ވަނީ 97 ވޯޓު ކާމިޔާބުކޮށްފަ އެވެ.
އެންމެ ކައިރިން ދެން ވާދަކުރި ކެންޑިޑޭޓަށް ލިބުނީ 16 ވޯޓެވެ. އަދި ގަމުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ވެސް މިނިސްޓަރު ފައްޔާޒް އުޅެނީ ހުރިހާ ފޮއްޓަކުން ވެސް ކުރީގަ އެވެ.
titledesc

މިނިސްޓަރު ފައްޔާޒަކީ މިފަހަރުގެ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ އެވެ. އޭނ މިފަހަރު އެމްޑީޕީގެ އިންތިހާބުގައި ވާދަކުރެއްވި ގަމު ދާއިރާއަކީ މީގެކުރިން މަޖިލިސް މެމްބަރެއްގެ ގޮތުގައި ވެސް ތަމްސީލު ކުރެއްވި ދާއިރާ އެވެ.
އަމީރާއި ފައްޔާޒުގެ އިތުރުން މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ދެން އިންތިހާބުގައި ވާދަ ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އޭނާ ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.
މި ތިން މިނިސްޓަރުންނަކީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތް ތިން ބޭފުޅުންނެވެ.












