އަންނަ މަހު މާލޭގައި ބާއްވާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝްގެ ކޯޗުކަމާ ހަވާލުވި ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮންގެ ފުރަތަމަ ޓާގެޓަކީ މި ފަހަރުގެ މުބާރާުތުގެ ފައިނަލުގައި ބަންގްލަދޭޝް ގޮވައިގެން ވާދަކުރުން ކަމަށް ބުނެފި އެވެ.
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ގައުމީ ޓީމު ކޮމިޓީން މިދިޔަ ހަފްތާގައި ނިންމީ ބަންގްލަދޭޝް ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި އިނގިރޭސި ކޯޗު ޖޭމީ ޑޭގެ ކޮންޓްރެކްޓުގައި ބާކީ އަހަރެއް އޮތްއިރު، އޭނާ ވަކިނުކޮށް އޭނާ ދެ މަސް ދުވަހަށް ގައުމީ ޓީމުގެ ޒިންމާ އިން ވީއްލާށެވެ. އެ ގޮތަށް ނިންމަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އޮސްކާ އަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދިން ނަމަވެސް އޭނާ ކްލަބް ފުޓްބޯޅަ ދޫކޮށްލަން އަދި ބޭނުންނުވާތީ އެވެ. އޮސްކާ ހުރީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ކޯޗަކަށެވެ.
ކުރިން އިންޑިއާގެ މުމްބާއީ ސިޓީ އާއި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބުނީ އޭނާ ބަންގްލަދޭޝް ޓީމާ ހަވާލުވީ އެއީ ކިހާ ވަރެއްގެ ޒިންމާއެއް ކަން އެނގިހުރެ ކަމަށެވެ. އަދި ސަރަހައްދުގެ ރޭންކިން އަށް ބަލާއިރު (މުބާރާތުގައި ކުޅޭ ޓީމުތަކުގެ ތެރެއިން) ބަންގްލަދޭޝް ފުލުން ދެ ވަނައިގައި އޮތުމުން ކުއްލިއަކަށް ޓީމާ ހަވާލުވެ ހުރިހާ ކަމެއް ބަދަލެއް ނުކުރެވޭނެ ކަމަށް އޮސްކާ ބުންޏެވެ.
"މީގެ އެބައޮތް ސައިކޮލޮޖިކަލީ ބަދަލުކުރަން ޖެހޭ ކަމެއް. ފުރަތަމަ އެ އެގޮތަށް ގެންނަން ބޭނުންވާ ބަދަލަކީ އަހަރެން ބޭނުމެއް ނޫން މިއީ ބަލި ޓީމެއްގެ ގޮތުގައި ގަބޫލުކުރެވިފައި އޮންނަން. އަހަރެމެން ދަނޑަށް އަރަންވީ ކޮޅަށް ވަންނަނީ ކިތައް ގޯލުތޯ އެކަމާ ވިސްނައިގެނެއް ނޫން. އަހަރެމެން އެޓޭކް ކުރަން ވިސްނަންވީ،" އޮސްކާ ބުންޏެވެ.
"މިހެން ބުންޏަސް ގަބޫލުކުރަން ޖެހޭ އަހަރެމެން އަމިއްލަ އަށް މަރުވާން ވެސް ބޭނުމެއް ނޫން. މިހާރު މުބާރާތަށް މި އޮތީ ހަފްތާއެއްހާ ދުވަސް. ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުކޮށްލަން އަހަންނަކީ ޖާދޫ ހަދާ މީހެއް ނޫން. އަހަރެން ޓާގެޓް މި ކުރަނީ މި ޓީމު ގޮވައިގެން ފައިނަލަށް ދާން،"

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން އޮސްކާއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
ސަރަހައްދުގެ ޗެމްޕިއަންކަން އެއް ފަހަރު ހޯދާފައިވާ ބަންގްލަދޭޝް އިން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަލުގައި ކުޅުނީ 2005 ވަނަ އަހަރު އެވެ. ޕާކިސްތާންގައި ބޭއްވި އެ މުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝް ބަލިވީ އިންޑިއާ އަތުން 2-0 އިންނެވެ. އެންމެ ފަހުން ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުން އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުން ލަނޑުގެ ތަފާތުންނެވެ.
ބަންގްލަދޭޝްއާ ހަވާލުވެ އޮސްކާ ވަނީ ސްކޮޑަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ތަޖުރިބާކާރު ކުޅުންތެރިންތަކެއް ޓީމަށް އިތުރުކޮށް 26 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ވަނީ އިއުލާނުކޮށްފަ އެވެ. ސްކޮޑުގައި ހިމެނޭ ނައިޖީރިއާ އަށް އުފަން ފޯވާޑް ކެލެޓާ ކިންގްސްލީ އަށް ބަންގްލަދޭޝްގެ ރަށްވެހިކަން ދިން ނަމަވެސް ފީފާ އިން ފުރިހަމަވާން ޖެހޭ ކަންތައްތައް އޮތީ އަދި އެއްކޮށް ހަމަނުޖެހި އެވެ. ބަންގްލަދޭޝްގައި 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކިންގްސްލީ އަކީ އޮސްކާއާ އެކު ބަޝުންދަރާ އަށް ކުޅޭ ކުޅުންތެރިއެކެވެ.
އޮސްކާ ވަނީ ބަންގްލަދޭޝްގައި ހުރިއިރު ކޯޗު ޑޭ ކުރި މަސައްކަތަށް ތައުރީފުކޮށްފަ އެވެ. އަދި ފާއިތުވި މަސްތަކުގައި ޑޭ އަށް ބަންގްލަދޭޝް ޓީމުގައި ނަތީޖާ ނެރެން ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މެޗުތައް ކުޅެން ޖެހުނުއިރު، ތައްޔާރީތަކުގައި ދިމާވި ގޮންޖެހުން ކަމަށާއި އޭނާ އަށް ވެސް އެކަން ދިމާވާނެ ކަމަށާާއި އެކަން ކަމަށް ސަމާލުކަން ދޭނެ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާއި މުބާރާތް ހޯސްޓްކުރާ ރާއްޖޭގެ އިތުރުން ދެން ވާދަކުރާ ތިން ގައުމަކިީ ނޭޕާލާއި އިންޑިއާ އަދި ސްރީ ލަންކާ އެވެ. މުބާރާތް ރޭވިފައި އޮތީ ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.
ބަންގްލަދޭޝް ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހު ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި ހަތަރު ވަނަ ދުވަހު އިންޑިއާއާ ކުޅުމަށް ފަހު ތިން ވަނަ މެޗުގައި ހަތް ވަނަ ދުވަހު ރާއްޖެއާ ބައްދަލުކުރާނެ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި 13 ވަނަ ދުވަހު ނޭޕާލާ ކުޅޭނެ އެވެ.












