ބޮޑާކަމުގެ ދަމިލަ ފިލުވާލުން

ބަޔަކު މާލޭ ހުކުރު މިސްކިތުގެ ވަޅުން ވުޟޫކުރަނީ. --ފައިލް ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބަޔަކު މާލޭ ހުކުރު މިސްކިތުގެ ވަޅުން ވުޟޫކުރަނީ. --ފައިލް ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޝައިހް މުހައްމަދު އަބްދުލްހަލީމުލްހަދީދީ ކިޔައިދެއްވަ އެވެ. ގޭކައިރީ ހުރި މަސްޖިދުލް ހުސައިންއަށް އެއްރެޔަކު ފަތިސްނަމާދަށް ދިޔައިރު، މިސްކިތުގެ ފާހާނާތައް ސާފުކުރުމަށް މީހަކު އުޅެ އެވެ. އާންމުކޮށް އެކަން ކުރަން އުޅޭ މީހާއަށްވުރެ ތަފާތުކޮށް ބޮޑުކޮށް ހުރި މީހެއްހެންވެސް ހީވި އެވެ. މާ މުހިންމު ކަމަކަށް ނުވާތީ އެކަމަށް ސަމާލުކަން ނުދީ ވުޟޫކުރަން އޮއްވައި، ފާހާނާ ސާފުކުރަން އުޅުނު މީހާ ގެންގުޅުނު ފެންހޮޅި އޭނާއަށް ގެންގުޅެވުނު ގޮތަކުން އަހަރެންނާ ދިމާއަށް އަމާޒުވެ ކޮންމެވެސް ވަރަކަށް އަހަރެން ތެމިއްޖެ އެވެ.

މޫނުހަދާފައި ރުޅިއައިސްގެން އެމީހާއާ ދިމާއަށް ބަލާލަމުން އަޑުގަދަކޮށް ރުޅި ބޭރުކޮށްލީމެވެ. އޭނާގެ މޫނު ފެންނަ ގޮތްވީއިރު ވާއެއްޗެއް ވެނިމިއްޖެ އެވެ. އެކަމަކު އެމީހާ އޭރު ނުހަނު މަޑުމޮޅިކަމާއެކު އުޒުރުވެރި ރާގެއްގައި މާފަށް އެދުމުގެ ބަސްތަކުން ފަށައިގަނެއްޖެ އެވެ. ރުޅިއައިސްގެން ހަޅޭލަވައިގަނެވުނު ވަގުތާއި އޭނާއަށް ބަލާލުމުން އޭނާގެ މޫނު ފެނުނު ވަގުތާއި އޭނާ ދެރަވެ މާފަށް އެދުނު ވަގުތު ދިމާވީ އެކުއެކީގަ އެވެ. ކުއްލި ސިހުމެއް ލިބި ހައިރާންކަމާއެކު ސުވާލުކުރެވުނީ އެއީ ހަމަ އެބޭފުޅާ ހެއްޔެވެ؟

މިސްކިތުގެ ފާހާނާ ސާފުކުރަމުން އެދަނީ އަހަރެންގެ އުސްތާޒު އަދި ޝައިހް މުހައްމަދު މުތަވައްލިއްޝައުރާވީކަން އަހަރެން ހަމަ ގަބޫލުކުރަންވީ ހެއްޔެވެ؟ އަހަރެންނަށް އެއީ ޝައިހްކަން ޔަގީންކުރެވުނު ހިނދު ކައިރިއަށް ޖެހި ވަގުތުން ފެންހޮޅީގައި ހިފީމެވެ. ޝައިހް ވިދާޅުވި އެވެ. މި މަސައްކަތަކީ ﷲ ގެ ގެކޮޅު ސާފުކުރުމުގެ މަސައްކަތެވެ. އަހަރެމެން މިކަމުގައި އިހްލާސްތެރިވެއްޖެނަމަ އަދި ދެމިތިބެއްޖެނަމަ ރަނގަޅު ނިމުމެއް އަހަރެމެންނަށް ދެއްވާނެ އެވެ.

މިސްރުގެ މަޝްހޫރު އިލްމުވެރިޔާ މުހައްމަދު މުތަވައްލިއްޝައުރާވީ ނުވަތަ އިމާމް ޝައުރާވީއަކީ ފަހު ޒަމާނުގައި ފެނިގެންދިޔަ އެންމެ ތަރުހީބު ބޮޑު އެއް އިލްމުވެރިޔާ އެވެ. ނަވާރަސަތޭކައިގެ ކުރީކޮޅުގައި ދުނިޔޭގައި އުޅުއްވި އެންމެ ފުންނާބު އުސް އިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ. ފަސޭހަކޮށް ކުރުކޮށް އަދި އާންމުންގެ ވިސްނުމަށް ތިލަކޮށް ކީރިތި ގުރުއާނުގެ އާޔަތްތައް ކިޔައިދެއްވުމުގައި އިމާމް ޝައުރާވީއަކީ ނަމޫނާ ބޭފުޅެކެވެ. ވާހަކަދެއްކުންތެރިކަމުގެ މޮޅުކަމާއި ޝައުގުވެރިކަމަށްޓަކައި ތާއީދުކުރާ މީހުން އިންތިހާއަށް ގިނަ އެވެ. އިމާމް ޝައުރާވީގެ ދަރުސްތަކާއި ވައުޒުނަސޭހަތް އަޑުއެހުމަށްޓަކައި ދަރުސް ދެއްވާ މުޅި ސަރަހައްދު އޮންނަނީ ފުރާލާފަ އެވެ. ހޯލެއްނަމަ ކައިރި ސަރަހައްދުތަކާއެކީ ތޮއްޖެހިފަ އެވެ. މިސްކިތެއްނަމަ ފުރިބާރުވެފަ އެވެ.

މިސްރުގެ ރޭޑިއޯ ޓީވީން ފޮނުވަމުންދިޔަ ޝައިހްގެ ގިނަ އަދަދެއްގެ ޕްރޮގްރާމްތައް ވެގެންދިޔައީ މިސްރު މީހުންގެ އީމާންކަމާއި ދީންވެރިކަން ތާޒާކުރުމުގެ އެންމެ ހަރުދަނާ އެއް ވަސީލަތަށެވެ. ހަމަ އެކަނި މިސްރެއް ނޫނެވެ. އަރަބި އިސްލާމީ ގިނަ ގައުމުތަކެއްގަ އެވެ.

އެއްރެއެއްގައި ބޭއްވުނު ކޮންފަރެންސެއްގައި ޝައިހް ދެއްވި ދަރުސެއްގެ ޝައުގުވެރިކަމާއި މޮޅުކަމުން ވަރަށް ގިނަ މީހުން ޝައިހާ މެދު ލޯބި ޖެހުނެވެ. އަދި ކޮންފަރެންސް ތެރެއިން އެތައް ބަޔަކު އައިސް ޝައިހް ވަށާލި އެވެ. ޝައިހްގެ ކާރުކޮޅާ ހަމަޔަށް ވެސް އެމީހުން ޝައިހް ގެންދިޔައީ އުފުލާލައިގެން ކަހަލަ ގޮތަކަށެވެ. އެކަމުގެ ސަބަބުން ބޮޑާވެރިކަން ހިތަށް ވަދެދާނެކަމަށްޓަކައި ޝައިހް ބިރުގަތެވެ. އެރޭ ލަސްނުކުރައްވާ އޭގެ ފަރުވާ ހޯއްދެވުމަށް ޝައިހް ވަޑައިގެންނެވީ ގެކޮޅު ކައިރީގައި ހުރި މިސްކިތަށެވެ. އެތަނުގެ ފާހާނާ ސާފުކުރުމަށް ޝައިހް ނިންމެވީ ތިމާގެ ނިކަމެތިކަން ހިތަށް އިހްސާސްކޮށްދީ މަމޮޅުކަމުގެ ދަމިލަ ހިތުން ފިލުވާލުމަށެވެ. ޝައިހްގެ ދަރިވަރު ހަދީދީއާ ދިމާވީ އެމަސައްކަތުގައި އުޅުއްވަނިކޮށެވެ.

ކިބުރުވެރިކަން ނުވަތަ ބޮޑާކަމަކީ ތިމާގެ ހުންނަ ހާއްސަ ހާލަތެއްގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސާމެދު ތިމާ ފަހުރުވެރިވެ އެހެން މީހުންނަށްވުރެ ތިމާއަކީ މާބޮޑު މީހެއްކަމުގައި ހިތެވުމެވެ. އަމިއްލަ ނަފުސު އެހެން ހުރިހާ ނަފުސުތަކަށްވުރެ މޮޅުކޮށްގަތުމެވެ. ވަކި ކަމެއްގައި ތިމާ މޮޅުވުމުން ނުވަތަ އާންމުން ތިމާ ބަލައިގަނެ ތަރުހީބު އިތުރުވުމުން ނުވަތަ މިނޫންވެސް އެކި ސަބަބުތަކާ ހުރެ ތިމާއަށް ތިމާ ފެންނަ ގޮތް މެދުވެރިވެދާނެކަމަށް އިންސާނާ ސަމާލުކަން ދޭންވީ ހަމައެކަނި އާހިރަތަށްޓަކައެއް ވެސް ނޫނެވެ. އެހެނީ ބޮޑާކަމުގެ ދަމިލައިން ކަޅުވެއްޖެ ހިތުގެ ވެރިޔާގެ މޫނުން އެސިފަ ފާޅުވެ އެވެ. އިސާހިތަކު މީސްތަކުން އޭނާއާމެދު ނަފުރަތު ކުރެ އެވެ.

ޣާފިރު ސޫރަތުގެ 35 ވަނަ އާޔަތަށް ވިސްނާއިރު، ބޮޑާވެގަތުމަކީ ހިތުގައި ސިއްކަޖައްސެވުމުގެ ސަބަބެކެވެ. ނަޙްލު ސޫރަތުގެ 23 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވަނީ ބޮޑާވެ ކިބުރުވެރިވެގަންނަ މީހުންނަށް މާތް ﷲ ލޯބިވެވޮޑިނުގަންނަވާނެ ކަމަށެވެ. އަދި ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތުގައި އަންގަވަނީ ﷲ ގެ އަޅުތަކުންނަށް ބޮޑާވެރިކަން ދައްކާ މީހުން ނަރަކައިގައި ދެމިތިބޭނެ ކަމަށެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. ބޮޑާކަމުގެ ޒައްރެއްގެ މިންވަރު އެމީހެއްގެ ހިތުގައިވާ މީހާ ވެސް ސުވަރުގެ ނުވަންނާނެ އެވެ. މީހަކު ދެންނެވި އެވެ. އެމީހެއްގެ ފޭރާމާއި ފައިވާނަކީ ރަނގަޅު އެއްޗެއްސަށްވުމަށް މީހުން ލޯބި ކުރެ އެވެ. ހަދީސް ކުރެއްވި އެވެ. ހަމަކަށަވަރުން ﷲ ރީއްޗެވެ. އެކަލާނގެ ރީތިކަމަށް ލޯބިވެވޮޑިގެންވެ އެވެ. ބޮޑާކަމަކީ ހައްގަށް ފުރަގަސްދިނުމާއި މީސްތަކުން ކުޑައިމީސް ކުރުމެވެ.

އިމާމް ޝައުރާވީ ދެއްކެވި ރީތި މިސާލުގައި ހިއްޕަވާށެވެ. ތިމާގެ އަސްލު ހިތަށް ގެންނަވާށެވެ. އައްސަޖިދާ ސޫރަތުގެ 7 އާއި 8 ވަނަ އާޔަތުގައި މާތް ﷲ އަންގަވަ އެވެ. " އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެ އިންސާނާގެ ހެއްދެވުން ފެއްޓެވީ މަށިންނެވެ. ދެން އެކަލާނގެ އެ އިންސާނާގެ ދަރިފަސްކޮޅު ދެރަވެގެންވާ ފެނެއްގެ ހުލާސާއަކުން ހެއްދެވި އެވެ."

އިންސާނުން ބޮޑާވެ ކިބުރުވެރިވާން މިދުނިޔެމަތީން ލިބި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ އިލްމުވެރިކަން ހެއްޔެވެ؟ މާތް ﷲ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަލާއިކަތުންނަށްވުރެ އިލްމުގެ ގޮތުން މުއްސަނދި ބޭކަލަކު ކަމުގައި އާދަމްގެފާނު ލެއްވި އެވެ. ތިމާގެ ދަރިފަސްކޮޅު މޮޅުވެފައި ނަސަބުން އަރާހުރީމާ ހެއްޔެވެ؟ މާތް ނަބިއްޔާ އެކަން ސިފަކުރެއްވީ ނާތަހުޒީބު އަދި ޖާހިލިއްޔަ ޒަމާނުގެ ކަމެއްގެ ގޮތުގަ އެވެ. މުއްސަނދިކަން ހެއްޔެވެ؟ އެއީ ދެއްވަންވީމާ ދެއްވައި ގެންދަވަންވީމާ ގެންދަވާ އެއްޗެކެވެ. ގާރޫނަށް ވީގޮތް އެނގޭ ނޫން ހެއްޔެވެ؟ ބޮޑާ ވާން އޮތީ ބުރުސޫރައިގެ ރީތިކަމާއި ޒުވާންކަން ހެއްޔެވެ؟ ދުނިޔެއިން ދުވަހަކާއެކު އުމުރުން ތިޔަ ހޭދަވާ ދުވަހުގެ މިސްރާބު ހުރީ ދުރުނުކުރެވޭނޭ މުސްކުޅިކަމާ ދިމާލަށެވެ. ބޮޑާ ވެވެނީ ލިބިއޮތް މަގާމަކާއި ނުފޫޒެއްގެ ސަބަބުން ނަމަ އެއީ ވަގުތު ކަނޑައެޅިފައި އޮތް ކަމެއް ނޫން ހެއްޔެވެ؟

ހަގީގަތުގައި ބޮޑާކަމަކީ ވިސްނުންތެރިޔަކަށް މެނުވީ ސަލާމަތް ނުވެވޭނޭ އާފާތެކެވެ. ބޮޑާކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހާވެސް ސުވަރުގެ ނުވަންނާނޭ ކަމަށް ރަތުން އޮތް އިންޒާރު އޮތުމުން، ތިމާއަށް ދެއްވި މަގާމާއި އާރާއި ބާރާއި ބުރުސޫރައިގެ ރީތިކަމަކީވެސް ތިމާއަށް ކުރިމަތިކުރެވުނު އިމްތިހާނެއް ކަމަށް ބަލަންޖެހެ އެވެ. ލިބިހުރި ނިއުމަތްތަކުގެ މަސްތުގައި ބޮޑާކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތަށް ވައްދައިފި މީހާ ގެއްލި ހަލާކުވެއްޖެ އެވެ. ﷲ އަޅުގަނޑުމެން އެންމެން އެ ނުރައްކާތެރި އާފާތުން ސަލާމަތް ކުރައްވާށި އެވެ. އާމީން!

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox