އިންޑިއާގައި އަންނަ އަހަރު ބާއްވާން ނިންމާފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވިއެޓްނާމް އަތުން 16-0 އިން ރާއްޖޭގެ އަންހެން ޓީމު މިރޭ ބަލިވެއްޖެ އެވެ.
މިއީ ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗެއްގައި ގައުމީ އަންހެން ޓީމު ދެ ވަނަ އަށް އެންމެ ފަރަގު ބޮޑުކޮށް ބަލިވި މެޗެވެ. އެންމެ ތަފާތު ބޮޑުކޮށް ބަލިވީ 2004 ވަނަ އަހަރު މިޔަންމާ އަތުން 17-0 އިންނެވެ. އެއީ ވިއެޓްނާމްގައި ކުޅުނު އާސިއާން މުބާރާތެއްގަ އެވެ.
ތަޖިކިސްތާންގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ކޮލިފައިން އަށް ދިޔަ އަންހެން ޓީމަކީ ޒުވާން ކުޅުންތެރިން ގިނަ ޓީމެކެވެ. ބައިނަލްއަގުވާމީ ތަޖުރިބާ މަދު ގިނަ ކުޅުންތެރިން ހިމެނޭ ރާއްޖޭގެ އަންހެން ޓީމުން މިރޭ ކުޅުނު ވިއެޓްނާމަކީ އަންހެން ފުޓްބޯޅައިގައި އޭޝިއާގެ އިތުރުން ދުނިޔެ އަށް ބެއްޔަސް ވަރުގަދަ ބާރެކެވެ.

ވިއެޓްނާމް ކުޅުންތެރިއަކު ރާއްޖެ ޓީމުގެ ރިފާ ކައިރިން ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްސީ
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ފަސް ގޯލު ޖެހިއިރު، ދެ ވަނަ ހާފުގައި އެކަނި ވެސް 11 ގޯލު ޖެހި އެވެ. ވިއެޓްނާމުން އެންމެ ގިނަ ގޯލު ޖެހީ ދެ ހެޓްރިކް ހެދި ހަމް ހައި ޔެން އާއި ދެ ގޯލު ޖެހި ކެޕްޓަން ގްޔެން ތީ ޓުޔޭ އާއި ގްޔެން ތީ ތާން އެވެެ.
މި މެޗަކީ ވިއެޓްނާމްގެ އަންހެން ފުޓްބޯޅަ ތާރީހުގައި އެ ޓީމުން އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. އެހެންވެ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަންހެން ޓީމަށް ބޮޑު ބޯނަހެއް ދޭން ނިންމައިފަ އެވެ. އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މުޅި ޓީމަށް 15،000 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ.
އަންހެން ޓީމު ކުޅެމުން އަންނަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)ގެ ކޯޗުކަމުގަ އެވެ. މުބާރާތަށް ފުރުމުގެ ކުރިން ޑުންގާ ވަނީ މި މުބާރާތުން ކަނޑައަޅަން ޖެހޭނެ ޓާގެޓަކީ މުސްތަގުބަލުގައި މި އޮތް ޒުވާން ކުޅުންތެރިންނަށް ރަނގަޅުކުރެވޭނެ ކަންތައްތައްތަކެއް ކަމަށެވެ.
ވިއެޓްނާމާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ:
އައިމިނަތު ލީޒާ (ގޯލްކީޕަރު/ކެޕްޓަން)، ފާތިމަތު ސައިނާ، ފާތިމަތު އަފްޒާ، ފާތިމަތު ތީބާ، ފަރާ އަހުމަދު، ޝަހުލާ ތައުފީގް، ފާތިމަތު ސާލިޔާ، ހައްވާ ހަނީފާ، މަރިޔަމް ނޫރާ، މަރިޔަމް ރިފާ، ރާނިޔާ އިބްރާހިމް

ރާއްޖެ ޓީމުގެ ސާލިޔާ ކައިރިން ވިއެޓްނާމްގެ ގްޔެން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ވިއެޓްނާމް ފުޓްބޯލް ފެޑެރޭޝަން
ރާއްޖޭން މި ފަހަރު އޭޝިއަން ކަޕް ކޮލިފައިންގައި މި ވާދަކުރަނީ އެގާރަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
ކޮލިފައިންގައި މި ފަހަރު ވާދަކުރާ ގައުމީ އަންހެން ޓީމުގެ އެވްރެޖް އުމުރަކީ 21 ވަރަކަށް އަހަރެވެ. ގައުމީ އަންހެން ޓީމުން މިރޭ މެޗަކަށް ނުކުތްއިރު، އެ ޓީމުން އެންމެ ފަހުން ވާދަވެރި މެޗަކަށް ނުކުތީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ.
އަންހެން ޓީމުން ކޮލިފައިންގައި ވާދަކުރަން ޖެހޭ ގްރޫޕްގައި އެންމެ ފުރަތަމަ ރާއްޖެ އާއި ތަޖިކިސްތާނާއި ވިއެޓްނާމްގެ އިތުރުން އަފްގާނިސްތާން ހިމެނުނެވެ. އެކަމަކު، ފަހުން ސިޔާސީ ހަލަބޮލިކަމާ ހުރެ އަފްގާނިސްތާނަށް ޖެހުނީ މުބާރާތުން ވަކިވާށެވެ.
މިހާރު ކޮލިފައިން މެޗުތައް ތިން ޓީމުގެ މެދުގައި ކުރިއަށްދާއިރު، ރާއްޖޭން ދެ ވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ތަޖިކިސްތާނާ ބައްދަލުކުރާނެ އެވެ. ކޮންމެ ގްރޫޕަކުން ވެސް ކޮލިފައިވާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ.











