ޕެރިސް (22 ސެޕްޓެމްބަރު) - ފްރާންސް ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ލިޔޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގައި، ޕީއެސްޖީގެ އާޖެންޓީނާ ފޯވަޑް ލިއޮނެލް މެސީ ބޭލީ އަނިޔާގެ މައްސަލައަކާ ގުޅިގެން ކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ލިއޯންއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ 76 ވަނަ މިނިޓުގައި މެސީ ވަނީ ބާލައިފަ އެވެ. މެސީ ދަނޑުން ފައިބައިގެން ދިޔަ ވަގުތު ޕޮޗެޓީނޯއާމެދު ހިތްހަމަނުޖެހިފައި ހުރިކަން ސިފަވި އެވެ. އެ މެޗަށް ފަހު ޕޮޗެޓީނޯ ވަނީ މެސީ ބޭލުމުން ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފަ އެވެ.
ޕޮޗެޓީނޯ ބުނީ މެސީ ބާލަން ޖެހުނީ އޭނާގެ ވާތު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ. އެކަމަކު، ލިޔޯން މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން މެސީ އަށް އަނިޔާގެ މައްސަލައެއް ދިމާވި ވާހަކަ ޕޮޗެޓީނޯ ނުބުނެ އެވެ.
"މެސީ މެޗުގައި ދެއްކި ކުޅުމާމެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. ފުރަތަމަ ހާފުގައި އޭނާ ވަރަށް މޮޅަށް ކުޅުނު. އޭނާގެ ފަރާތުން މަދުވީ ހަމައެކަނި ގޯލެއް،" ޕޮޗެޓީނޯ ބުންޏެވެ.
ލިޔޯން މެޗަކީ މެޗަކީ ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވި ފަހުން އެ ޓީމުގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މެސީ މިހާތަނަށް ޕީއެސްޖީ އަށް ތިން މެޗު ކުޅުނުއިރު، އޭނާގެ ފަރާތުން އަދި ގޯލެއް ނުފެނެ އެވެ.
ފްރާންސް ލީގުގައި މިރޭ މެޓްޒްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީ އަށް ނުކުޅެވޭނެ އެވެ. އަދި ޗެމްޕިއަންސް ލީގުގައި އަންނަ ހަފުތާގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ވެސް އޭނާ ފިޓުވާނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. -- ބީބީސީ












