ޑާކްރެއިން އެންޓަޓެއިންމަންޓުން ތައްޔާރު ކުރާ ވެބް ސީރީޒް 'ގިރިޓީ ލޯބި' މި އަހަރު ފަހުކޮޅު ބައިސްކޯފަށް އަންނާނެ ކަމަށް އެ ޕްރޮޑަކްސަނުން ބުނެފި އެވެ.
ކުރިއަރަމުން އަންނަ ޒުވާން ދެ ތަރިން ކަމުގައިވާ މުހައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑް ރޯލުން ފެނިގެންދާ މި ސީރީޒަކީ ކޮމެޑީ ޑްރާމާއެކެވެ. މީގެ އިތުރުން މުހިންމު ރޯލުތަކުން މުހައްމަދު މަނިކު، މުހައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ފެނިގެން ދާއިރު، މުޅިން އާ މޫނުތަކެއް ވެސް ކާސްޓުންގެ ތެރޭގައި ހިމެނެ އެވެ.
މިހާރުވެސް ސީރީޒްގެ ޝޫޓިން ކުރިއަށް ދާއިރު ޑާކްރެއިންގެ މުހައްމަދު އަލީ (މޮގާ) ބުނީ ޝޫޓިން ކުރިއަށް ދަނީ ބައިތަކަކަށް ބަހާލައިގެން ކަމަށާއި، މި ސީރީޒަށް އަދި އެހެން ކާސްޓުން ވެސް ވަރަށް އަވަހަށް ގުޅޭނެ ކަމަށެވެ.
މޮގާގެ އިތުރުން އާއިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކޮށް އަދި ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ސީރީޒްގެ ސްކްރީން ޕްލޭ ލިޔުނީ އަހުމަދު ޒަރީރު (ޒައްރެ) އެވެ.
"ވަރަށް އަވަހަށް އާ ކާސްޓުން ގުޅޭނެ،" މޮގާ ބުންޏެވެ.

ހެއްވާ މަޖާ ލޯބީގެ ޑްރާމާތަކާއި ފިލްމުތަކަށް ފަހަކަށް އައިސް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިއީ ވެސް އެ ރަހަތައް ނިކަން ފުރިހަމައަށް ފެންނާނޭ ސީރީޒެއް ކަމަށް ޑާކްރެއިންއިން ބުނެ އެވެ.
ސީރީޒްގެ ދެ ލަވައެއްގެ ސައުންޑް ކްލައުޑުން އަޑުއަހާލެވޭނެ އެވެ.







