ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސާޝިޕް އުރީދޫ މޯލްޑިވްސް އިން ނެގީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަންނަ މަހުގެ 1 އިން 16 އަށް ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖެހުމާއެކު، މި މުބާރާތް ކުރިއަށްދާނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް"ގެ ނަމުގަ އެވެ. މިއީ ރާއްޖެ އަށް ނިސްބަތްވާ ކުންފުންޏަކުން ދެކުނު އޭޝިއާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށްވި ފުރަތަމަ ފަހަރެވެ.
އުރީދޫ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖެހުމާއެކު، ފުޓްބޯލް އެސޯސިއޭޝަން އިން ވަނީ މިއަދު އެ ކުންފުންޏާއެކު ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު (ސީ.ސީ.އޯ) ހުސެއިން ނިޔާޒް އެވެ.
މި ރަސްމިއްޔާތަށް ފަހު "އަދަދު" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނިޔާޒް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށްވުމަކީ އެ ކުންފުންޏަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ ވިޔަފާރީގެ ވިސްނުމަށްވުރެ ބޮޑަށް "ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން" އުރީދޫން ނެގި ސްޕޮންސާޝިޕެއް ކަމަށެވެ.

އުރީދޫ އާއި އެފްއޭއެމުން މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
"އެނގިވަޑައިގަންނަވާނެ އުރީދޫ އަކީ އަބަދު ވެސް ކުޅިވަރަށް، ހާއްސަކޮށް ފުޓްބޯޅަ އަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކުންފުންޏެއް. އަޅުގަނޑުމެންގެ މައި ކުންފުންޏަކީ ވެސް ފުޓްބޯޅަ އަށް ބޮޑު ސަމާލުކަމެއް ދޭ ބައެއް. ޕީއެސްޖީ އާއި (ލިއޮނެލް) މެސީ އަކީ ވެސް ޕީއެސްޖީގެ އެމްބެސަޑަރުން. އެހެންކަމުން، ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށްވުމަކީ އަޅުގަނޑުމެންނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާްޒް ވިދާޅުވި އެވެ.
އުރީދޫ އަކީ ފެށުނީންސުރެ ކުޅިވަރަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އުރީދޫ ވަނީ މިދިޔަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ އެންމެ ވަރުގަދަ ކްލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވެސް ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސައިފަ އެވެ.
ނިޔާޒް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ގިނަ އުނދަގޫތަކާ ކުރިމަތިލުމަށް ފަހު، މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ދިވެހި ރައްޔިތުންނަށް އުފާވެރިކަމެއް ގެނެސްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ނިޔާޒް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްއާ ގުޅުވައިގެން އިތުރު ހަރަކާތްތަކެއް ބޭއްވުމަށް އުރީދޫން ރާވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ސަޕޯޓަރުން ދަނޑު ފުރާލައި، ކުރިން ފުޓްބޯޅައިގެ އޮތް ފޯރި މި ފަހަރު ފެނިގެންދިއުން،" ނިޔާޒް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އުރީދޫ އަކީ ފުޓްބޯޅަ ކުރިއެރުވުމަށް އަބަދު ވެސް އެހީތެރިވެދޭ ކުންފުންޏެއް ކަމަށާއި، ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖެހުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އުރީދޫ އަށް ޝުކުރު އަދާކުރަން، މި މުބާރާތުގެ ޓައިޓަލް ސްޕޮންސާ ނަގައި، މި އުފާވެރި ކާނިވަލުގައި ބައިވެރިވީތީ،" ބައްސާމް ވިދާޅުވި އެވެ.
އެންމެ ފަހުން 2015 އިންޑިއާގެ ޓްރިވެންޑްރަމުގައި ގައި ބޭއްވި މުބާރާތާއި 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި މުބާރާތުގެ ޓައިޓަލް ސްޕޮންސާކުރީ ޖަޕާނުގެ ސުޒުކީ ކުންފުނިންނެވެ. އެ ދެ މުބާރާތް ބޭއްވީ "ސާފް ސުޒުކީ ކަޕް" ގެ ނަމުގަ އެވެ. އޭގެ ކުރިން 1999 ވަނަ އަހަރު އިންޑިއާގެ ގޯއާގައި މުބާރާތް ބޭއްވީ ކޮކާކޯލާ އިން ސްޕޮންސާކޮށްގެން، ސާފް ކޮކާކޯލާ ކަޕުގެ ނަމުގަ އެވެ.











