ގައުމީ އެއާލައިން މޯލްޑިވިއަނުން އިންޑިއާގެ ނިއު ދިއްލީ އާއި މާފަރާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.
މާފަރު އިންޓަނޭޝަލް އެއާޕޯޓުން ނިއު ދިއްލީއަށް ކުރާ ފުރަތަމަ ދަތުރު މޯލްޑިވިއަނުން ތާވާލުކޮށްފައި ވަނީ އޮކްޓޫބަރު 21 ވަނަ ދުވަހަށެވެ.
މޯލްޑިވިއަނުން މައުލޫމާތުދޭ ގޮތުގައި މާފަރާއި ނިއު ދިއްލީ އާދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެ އެވެ.
އެގޮތުން މާފަރުން ދަތުރު ކުރާނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. ދިއްލީން ދަތުރު ކުރާނީ ބުދަ، ހުކުރު، އާދިއްތަ ދުވަހު އެވެ.
މާފަރުން ނިއުދިއްލީއަށް ދެކޮޅު ޓިކެޓް ފެށޭއަގަކީ 285 ޑޮލަރު ކަމަށާއި ނިއުދިއްލީން މާފަރަށް ދެކޮޅު ޓިކެޓް ފެށޭ އަގަކީ 312 ޑޮލަރު ކަމަށް އެކުންފުނިން ބުނެ އެވެ. އަދި ކުންފުނީގެ ވެބްސައިޓާއި އެޕުން މިހާރު ޓިކެޓް ބުކް ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.
މާފަރާއި ނިއު ދިއްލީއާ ދެމެދު ކުރާ ދަތުރުތަށް ވެގެންދާނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މޯލްޑިވިއަނުން ފެށި ފުރަތަމަ އާ ރޫޓަށެވެ.
މޯލްޑިވިއަނުން ދަނީ މިހާރު ވެސް އިންޑިއާގެ ހަތަރު މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. އެއީ ޗެންނާއި، ޓްރިވެންޑްރަމް، ކޮޗިން އަދި މުމްބާއީ އެވެ. މީގެ އިތުރުން ޑާކާ އަދި ބެންކޮކަށްވެސް މޯލްޑިވިއަނުން ދަތުރުތައް ކުރެ އެވެ.










