ސިވިލް ސާވީސް މުވައްޒަފުންގެ މުސާރަ މައްސަލައިގައި ގެންގުޅޭ ތަފާތުކުރުމުގެ ސަބަބުން މިއަދު ފެށި އިހުތިޖާޖަށް ހައްލެއް ލިބިފައި ނުވާތީ މާދަމާއިން ފެށިގެން ވަޒީފާއަށް ނުކުމެ މަސައްކަތް ނުކުރާނެ ކަމަށް އެކަމުގައި އިސްކޮށް ޖަމިއްޔާއިން ބުނެފި އެވެ.
ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އެ ހަރަކާތަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ފަށާފައިވާ ހިމޭން އިހުތިޖާޖެކެވެ.
އެގޮތުން، އެކަމުގައި ބައިވެރިވި ސިވިލް ސާވިސްގެ މުވައްޒަފުން މިއަދު ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެފައިވާއިރު، އެކަމުގައި ރާއްޖޭގެ 98 ޕަސެންޓު ރަށްރަށުގެ މުވައްޒަފުން ބައިވެރިވިކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ އެ އިހުތިޖާޖު ހުއްޓާލާނީ ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް އައިސް، އެކަމަށް ޖަވާބެއް ލިބުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޑިމާންޑުތައް ސާފުކޮށް ފެންނާނެ. ނުވާ ވަރުގެ ކަންކަމަށް އެދިފައެއް ނޯންނާނެ،" ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް މުވައްޒަފުން އެދޭ ބައެއް ކަންކަމުގެ ތެރޭގައި:
ސެޓެފިކެޓަށް ވަޒީފާގެ ކުރިއެރުން ދިނުން.
- ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ލިވިން އެލަވެންސް ދޭ ގޮތަށް ސިވިލް ސާވިސް މުވައްޒަފުންނަށްވެސް ލިވިން އެލަވެންސް ދިނުން.
- ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން.
- އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުން.
- ސުކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވެންސް ދިނުން.
އެ އިހުތިޖާޖު ކުރިއަށް ގެންދިއުމުގެ ގޮތުން، މާދަމާ އޮފީހަށް ނުކުތަސް، މަސައްކަތް ނުކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އެދެވިގެންވާ ޖަވާބެއް ނުލިބޭނަމަ، އެގޮތަށް އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މުވައްޒަފުންގެ ހައްގުގައި މަސައްކަތް ނުކުރާކަމަށް ތުހުމަތުކުރައްވައި އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޝަނުގެ ރައީސަށް މުވައްޒަފުން އިހުތިޖާޖު ކުރާކަން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
"ސީދާ ރައީސް ނުވަތަ ނައިބު ރައީސްގެ ބަޔާނެއް ބޭނުންވަނީ ލިޔުމުން. ޕޭ ކޮމިޝަން އަދި ފިނޭންސް މިނިސްޓްރީގެ ވެސް ޔަގީންކަން ބޭނުން. ވަރަށް ދުވަހު ތިބެފަ މި ނުކުތީ. ދެން ވަންނާނީ ކޮޅެއްގަ ޖެހުނީމަ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނުން ވެސް އަދި ރައީސް އޮފީހުން ވެސް މިހާތަނަށް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.













