މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ "އުޖާލާ ދިރިއުޅުން" ސްކީމަށް އެދި ހުށަހެޅުމަށް ލުއިފަސޭހަ ގޮތްތަކެއް އެބޭންކުން ތައާރަފުކޮށްފި އެވެ.
އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް، ނެގޭ އެންމެ ކާމިޔާބު އެއް ސްކީމެވެ.
މިހާރުވެސް މި ސްކީމްގެ ދަށުން މިހާރަށްވުރެ ފަސޭހައިން މުދާ ނެގޭނެ އިންތިޒާމު އެމްއައިބީން ހަމަޖައްސާފައި މިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންނަށް ލުއިކޮށްދިނުމަށެވެ.
އެގޮތުން ސްކީމަށް އެދި ހުށަހެޅުން އިތުރަށް ފަސޭހަކޮށްދިނުމަށް އެމްއައިބީން ވަނީ އެކަމަށް ހާއްސަ ރޯޑްޝޯތަކެއް ބާއްވާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ރޯޑްޝޯތައް ބާއްވާނެ ކަމަށް އެމްއައިބީން ބުނެ އެވެ. މި ރޯޑްޝޯތަކުގައި އުޖާލާ ދިރިއުޅުން ސްކީމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެމްއައިބީން މިހާރު ވަނީ ބޭންކަށްގޮސް ފޯމު ހުށަހަޅަން އުނދަގޫވާނަމަ، ބޭނުން ކޮންމެ ވަގުތެއްގައި ޑްރޮޕް ބޮކްސް އަށް ފޯމު ލެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާފަ އެވެ.
އަދި ހިޔާ ފްލެޓްގެ ޔޫނިއަން މެދުވެރިކޮށް ފްލެޓުވެރިންނަށް މައުލޫމާތު ދިނުމާއި ފޯމް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއައިބީ އިން ބުނެ އެވެ.
އެމްއައިބީން މައުލޫމާތުދޭ ގޮތުގައި އެހެން ސްކީމްތަކާ ހިލާފަށް، އުޖާލާ ދިރިއުޅުމުގެ ދަށުން ހިޔާ ފްލެޓަށް މުދާ ނެގޭނީ ހަމައެކަނި ފްލެޓް ލިބުނު ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ތިމާގެ މީހަކު ނުވަތަ އެކުވެރިޔަކު މެދުވެރިކޮށް ފްލެޓަށް މުދާ ނެގިދާނެ އެވެ. މި ސްކީމްގެ ދަށުން ފްލެޓުގެ މަސައްކަތް އެއްކޮށް ނިންމުމަށް ބޭންކުން ފަންޑުކުރާނެ އެވެ.
މިވަގުތު މި ކުރެވޭ ކަމަކީ ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފަސޭހަކޮށް އުޖާލާ ދިރިއުޅުން ފެސިލިޓީ ހޯދައި ދިނުން ކަމަށާއި އެކަމަށް ބޭނުންވާ މައުލޫމާތު ދިނުމާއި، އެ މީހުންގެ ފޯމުތައް ހުށަހެޅުން ފަސޭހަ ކުރުމަކީ އެންމެ އިސްކަމެއްދީގެން ކުރާ ކަންތައް ކަމަށް ބޭންކުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި ސްކީމްގެ ދަށުން ނަގާ މުދަލަށް ފައިސާ އަނބުރާ ދައްކަން ފަށަން ޖެހެނީ ތަން ހަދައި ނިމުމުން ކަމަށް އޭނާ ފާހަގަކުރައްވަ އެވެ.
ބައެއް ސްކީމުތަކުގެ ކްރެޑިޓްގެ މިންވަރު ކަނޑައަޅަނީ ހުށަހަޅާ ފަރާތް ދިރިއުޅޭ ތަނުގެ ކުއްޔާއި ޒަރޫރީ ބައެއް ހަރަދު އުނިކުރުމަށް ފަހު، މުސާރައިގެ ބާކީ ހުންނަ ވަރަށެވެ.
ނަމަވެސް އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމްގެ މިންގަނޑުތައް ލުޔެވެ. އެހެން ލޯނަކަށް ނުވަތަ ސްކީމަކަށް ފައިސާ ދައްކަން ނެތް ނަމަ، އުޖާލާ ދިރިއުޅުން ސްކީމުން މުދާ ގަނެވޭނެ މިންގަނޑު ބިނާ ވެފައި އޮތީ ހަމައެކަނި މުސާރައިގެ މިންވަރަށެވެ. ކުއްޔަށް އަދި އެހެން ހަރަދުތަކަށް ނުބަލަ އެވެ.
އުޖާލާ ދިރިއުޅުން ސްކީމުން، 25،000 ރުފިޔާއިން ފެށިގެން 400،000 ރުފިޔާއާ އާ ހަމައަށް ފަންޑުކުރާއިރު، މިއީީ ރާއްޖޭގައި ހިންގާ މިފަދަ އެންމެ ކާމިޔާބު އެއް ސްކީމެވެ. މި ސްކީމްގެ ދަށުން މުދާ ހޯދަން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ އެޕްލިކޭޝަންތަކެއް ހުށަހަޅަ އެވެ.










