އިޒްރޭލު ޖަލުން ފިލި ގައިދީންގެ ތެރެއިން ފަހު ދެ މީހުން ހައްޔަރުކޮށްފި

އިޒްރޭލުގެ ޖަލުން ފިލި ފަލަސްތީނުގެ ޒަކަރިއްޔާ ޒުބެއިދީ ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ޖަލުން ފިލި ފަލަސްތީނުގެ ޒަކަރިއްޔާ ޒުބެއިދީ ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ގުދުސް (ސެޕްޓެމްބަރު 18) - އިޒްރޭލުގެ ސެކިއުރިޓީ ވަރުގަދަ ޖަލެއްގައި ސިންކެއްގެ ދަށުން ބިމު އަޑިން މަގެއް ކޮނެގެން ފިލި ފަލަސްތީނުގެ ހަ ގައިދީން ވެސް ހައްޔަރުކޮށްފައިވާ ކަމަށް އިޒްރޭލް ސިފައިން އާދީއްތަ ދުވަހު ބުނެފި އެވެ.

ގިލްބޯއާ ޖަލުން ފިލި ހަ ގައިދީންނަކީ ޔަހޫދީ ދައުލަތާ ދެކޮޅަށް ހަމަލާ ހިންގިކަމަށް ނުވަތަ ހަމަލާ ހިންގަން ރޭވިކަމަށް ތުހުމަތުވާ މީހުންނެވެ. ސަމުސާ ފަދަ ތަކެތިން ބިމު އަޑީގެ މަގެއް ކޮނެ، ޖަލުން ފިލުމުން ފަލަސްތީނު ރައްޔިތުން ދެކެނީ އެއީ ބަތަލުން ކަމަށެވެ.

އެ ހަ މީހުން ހައްޔަރު ކުރަން އިޒްރޭލުގެ ސެކިއުރިޓީއާ ގުޅޭ ހުރިހާ ވަސީލަތެއް ބޭނުން ކުރި އެވެ. އެގޮތުން ޑްރޯންތައް ދުއްވައި، މަގުމަތީގައި ޗެކްޕޮއިންޓް ގާއިމްކޮށް، އެ ގައިދީން އުޅެ ބޮޑުވި ޖެނިން އަށް ގިނަ އަދަދެއްގެ ސިފައިން ފޮނުވާފައި ވެ އެވެ.

އެ މީހުން ހޯދަން ހިންގި ވަރުގަދަ އޮޕަރޭޝަން ގާތްގަނޑަކަށް ދެ ހަފުތާ ވަންދެން ކުރިއަށް ގެންގޮސްފައި ވާއިރު، އޭގެ ތެރެއިން ހަ މީހަކު މިދިޔަ ހަފުތާގައި ހައްޔަރު ކުރި އެވެ.

އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައި އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނީ "ޖާސޫސީ މައުލޫމާތަށް ބިނާކޮށް ބާކީ ދެ ގައިދީން ތިބި ހޯދައި، ސިފައިން ގޮސް އެ މީހުން ވަށާލުމުން" އަމާންދީފައިވާ ކަމަށެވެ.

އެންމެ ފަހުން ހައްޔަރު ކުރި އުމުރުން 35 އަހަރުގެ އައިހަމް ކަމަމްޖީ އާއި 26 އަހަރުގެ މުނާދިލް އިންފިއާތަކީ އިސްލާމިކް ޖިހާދު ޖަމާއަތުގެ މެމްބަރުންނެވެ.

އައިޑީއެފުން ނެރުނު ކުރު ބަޔާނެއްގައި ބުނީ އެ މީހުން ހައްޔަރު ކުރީ ހުޅަނގު އައްސޭރީގެ ޖެނިން އިން ސިފައިންނާއި ކައުންޓާ ޓެރަރިޒަމް ފައުޖުތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނީ އެ މީހުންނާ "މިހާރު ސުވާލު ކުރަމުންދާ" ކަމަށެވެ.

ޖަލުން ފިލި ހަ ގައިދީންނަކީ ވެސް ހަތިޔާރު ހިފައިގެން ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމިއްޔާތަކުގެ މެމްބަރުންނެވެ. ޔަހޫދީންނާ ދެކޮޅަށް ހަމަލާ ދިން ކަމަށް ނުވަތަ ހަމަލާ ދޭން ރޭވި ކަމަށް އެ މީހުންގެ މައްޗަށް ސާބިތުވީ އިޒްރޭލުގެ ކޯޓުތަކުންނެވެ.

ޖެނިން ކައިރީގައި އޮންނަ ކަފްރް ދަން އަވަށަށް ނިސްބަތްވާ ކަމަމްޖީ ހައްޔަރު ކުރީ 2006 ގަ އެވެ. އޭނާ އުމުރަށް ޖަލަށް ހުކުމް ކުރީ ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވި ޔަހޫދީއެއް ރަހީނުކޮށް މަރާލި ކަމަށް ސާބިތުވެގެންނެވެ.

އިސްލާމިކް ޖިހާދު ޖަމިއްޔާ އިން ބުނީ ޖަލުގައި ހުރިއިރު ކަމަމްޖީ އަށް ބަނޑާއި ގޮހޮރުގެ ބޮޑު މައްސަލަތަކެއް ދިމާވާން ފެށި ކަމަށާއި ޖަލުގެ ކަމާ ބެހޭ ފަރާތްތަކުން އޭނާއާ މެދު "ސިއްހީ ގޮތުން އިހުމާލުވި" ކަމަށެވެ.

އިންފިއާތު ހައްޔަރުކޮށް ޖަލަށް ލީ މިދިޔަ އަހަރު އެވެ. އިސްލާމިކް ޖިހާދާއެކު އޭނާ މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ކުރިން ވެސް އިޒްރޭލުން ވަނީ އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށްފަ އެވެ. ޖަލުން ފިލިއިރު، އޭނާގެ މައްޗަށް ހުކުމެއް ވެސް ކޮށްފައެއް ނުވެ އެވެ.

މިދިޔަ ހަފުތާގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން މަހްމޫދު އަބްދުﷲ އަރްދާހް އަކީ ޖަލުން ފިލަން ރޭވުމުގެ "މާސްޓަމައިންޑް" ގެ ގޮތުގައި އިޒްރޭލު މީޑިއާ އިން ބުނެ އެވެ. ދެން ހިމެނޭ ޒަކަރިއްޔާ ޒުބެއިދީ އަކީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތުގެ އަސްކަރީ ގޮފީގެ ކުރީގެ ވެރިޔާ އެވެ.

ޒުބެއިދީ އާއި އަރްދާހް ފިލައި ތިއްބާ ފެނުނީ އުތުރު އިޒްރޭލުގެ ނަޒަރެތުގައި ލޮރީ ޕާކު ކުރާ ޒޯނެއްގަ އެވެ. އަރްދާހް އަކީ އިސްލާމިކް ޖިހާދާ ގުޅިގެން އުޅޭކަމަށް ސާބިތުވެ 2002 ވަނަ އަހަރު އުމުރަށް ޖަލަށް ހުކުމްކޮށްފައި ހުރި މީހެކެވެ.

މިދިޔަ ހަފުތާގައި ފުރަތަމަ ހަތަރު ގައިދީން އަތުލެވުމާއެކު އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ވަނީ ސިފައިން ހިންގާ އޮޕަރޭޝަނަށް ތައުރީފު ކުރައްވާފަ އެވެ.

ނަމަވެސް ސެކިއުރިޓީ ވަރުގަދަ ޖަލަކުން އެ މީހުން ފިލުނު ގޮތަކާ މެދު ވަނީ ސުވާލުތައް އުފެދިފަ އެވެ. އެ ކަމުގައި އިހުމާލެއްވޭތޯ ބެލުމަށް ރަސްމީ ތަހުގީގެއް ވަނީ ފަށާފަ އެވެ.

ފިލި ގައިދީންގެ ތެރޭގައި ހިމެނޭ ޔައުގޫބް ގަދްރީގެ ގާނޫނީ ވަކީލު ފަލަސްތީނުގެ ޓީވީއަކަށް ވިދާޅުވީ ސެޕްޓެމްބަރު ހަ ވަނަ ދުވަހު ޖަލުން ފިލުމަކީ އެ މީހުން ރޭވި ގޮތް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ޖަލު ގޮޅިއަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ގާޑުންނަށް ފާހަގަވެފައިވާ ހެން ހީވާތީ، އަވަސް އަރުވާލައިގެން އެ ދުވަހު ޖަލުން ފިލީ ކަމަށެވެ.

އަރްދާހްގެ ވަކީލު އޭއެފްޕީ އަށް ވިދާޅުވީ ޖަލުން ފިލާނެ ގޮތް ރޭވުމަށް މަސްތަކެއް ހޭދަކުރި ކަމަށެވެ.

"މަހްމޫދު އަޅުގަނޑު ކައިރީގައި ބުނީ ބިމު އަޑީގެ މަގު ކޮންނަން ފެށީ މިދިޔަ ޑިސެމްބަރު މަހުގައި ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޖަލު ގޮޅީގެ ތެރެއިން ބޭރަށް ދެވޭނެ ބިމު އަޑީގެ މަގު ކޮންނަން ބޭނުން ކުރީ ސަމުސަލާއި ތައްޓާއި ސައިކުރައެއްގެ އަތްގަނޑު ކަމަށް އަރްދާހް ވަނީ ވަކީލު ކައިރީގައި ބުނެފަ އެވެ.

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ބޭނުން ކުރާ ނިޝާނަކަށް ސަމުސާ މިހާރު ވަނީ ވެފަ އެވެ. އިޒްރޭލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން މިހާރު ބާއްވާ އެއްވުންތަކުގައި ސަމުސާ ގެންގުޅެ އެވެ.

ޖަލުން ފިލަން ބޭނުން ކުރި އާލާތަކަށް ސަމުސާވެފައި ވާތީ އެކަމާ ގުޅޭ ބޮޑެތި އާޓްވޯކްތައް ވެސް މިހާރު ފެންނަން ފަށައިފި އެވެ. އެގޮތުން ކުވެއިތުގެ އާޓިސްޓު މައިތަމް އަބްދަލް ވަނީ ބޮޑު އަތަކުން ސަމުސަލެއް ހިފަހައްޓައިގެން އިންނަ ސްކަލްޕްޗާއެއް ހަދާފަ އެވެ. އެއަށް ދީފައި ނަމަކީ "މިނިވަންކަމުގެ ސަމުސާ" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox