އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)އިން އައްޑޫގައި ހިންގަމުން ދިޔަ ފްލައިން ސްކޫލް ގަންނަން ވެފައިވާ އެއްބަސްވުން އުވާލީ ސަރުކާރުން އެއްބާރުލުން ނުލިބިގެން ކަމަށް އެވިޑް ކޮލެޖުން ބުނެފި އެވެ.
މި އެއްބަސްވުން ދެ ފަރާތުން ބޭނުންވެގެން ބާތިލުކުރިއިރު، މީގެ ހަފުތާއެއް ކުރިން ވެސް އެވިޑުން ބުނީ ހުއްދަތަކާއި ލައިސެންސް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބިގެން، އެންމެ ފަހުން އެވިޑުން ވަނީ އެއްބަސްވުން ބާތިލުކުރަން ނިންމާފަ އެވެ.
އެއްބަސްވުން ބާތިލުކުރި ސަބަބާ ގުޅިގެން އެވިޑުން ބުނީ އެ ކޮލެޖުގެ ދަށަށް ފްލައިން ސްކޫލުގެ ކަންކަން ބަދަލުކޮށްގެން ހިންގޭތޯ މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް ފްލައިން ސްކޫލު ހިންގަން އުފެއްދި އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އާސާ)ގެ ދަށަށް އެ ހުއްދަތައް ބަދަލު ނުކުރެވުނު ކަމަށެވެ.
ވާޗުއަލްކޮށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެވިޑުގެ ޗެއާމަން މުޝްތާގު ރަޝާދު އޭއޭއޭ ކުދިންނާ ބައްދަލުކޮށް ކިޔެވުމުގެ ކަންކަން ހައްލުކުރަން ވަރަށް މަސައްކަތް ކުރެވުނު ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސިވިލް އޭވިއޭޝަނާއި އެއްވެސް އެހެން މުއައްސަސާއަކުން ވެސް އެއްބާރުލުން ނުދިން މައްސަލަ އޭނާ ފާހަގަކުރި ކަމަށް ވެ އެވެ.

ރައްދުގައި ސްކޫލުގެ ދަރިވަރުން ވަނީ، އެވިޑުން ވެސް މަސައްކަތްކުރީ އޭއޭއޭ އާ ގުޅިގެން ކުދިންނަށް އޮޅުވާލަން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި މިއީ ފެށުމުގައި ވެސް ނުވާނެ ކަމެއްކަން އެނގޭ ކަމަށް ބުނެ އެ ކުދިން ނުރުހުން ފާޅުކުރި އެވެ. އެކަމަކު މުޝްތާގު އެ ވާހަކަތަކަށް އިންކާރުކުރެއްވި އެވެ.
މީގެ ކުރިން ވެސް ދަރިވަރުން ވަނީ އެވިޑު ކޮލެޖާއެކު ބޭއްވި ބައްދަލުވުމެއްގައި މިކަން ހައްލުކުރަން އެވިޑުން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
މައްސަލަ ބޮޑުވެފައިވާ މި ސްކޫލުގެ ކަންކަމާއި ގުޅިގެން 48 ދަރިވަރަކު ވަނީ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. ދަރިވަރުންގެ ފަރާތުން މައިގަނޑު ގޮތެއްގައި އެދިފައިވަނީ ތަމްރީނު ދިނުމަށް އޭއޭއޭއިން ދަރިވަރުންނާއެކުވީ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި، ތަމްރީނުގެ ނަމުގައި ހައްގު ނޫޏް ފައިސާތަކެއް ނަގާފައިވާތީ އެ ފައިސާތައް އަނބުރާ ހޯދުމަށެވެ.
އޭއޭއޭއިން ކިޔަވަމުން އަންނަ 178 ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ ގިނަ ދުވަސްވާ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއްވެެއްޖެ އެވެ. އެކަމަކު މި މައްސަލަ ހައްލު ނުވެ ގިނަ ދިގުލައިގެން ގޮސް ދަރިވަރުންގެ ކިޔެވުންތައް ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެ އެވެ.












