ލިވަޕޫލް (ސެޕްޓެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން 3-0 އިން ކްރިސްޓަލް ޕެލަަސް ބަލިކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަމިއްލަ ދަނޑުގައި 0-0 އިން ސައުތެމްޓަނާ އެއްވަރުވެއްޖެ އެވެ.
ލިވަޕޫލް އެއް ވަނަ އަށް އެރީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް، ހަތަރު ވަނައިގައި އޮތް ޗެލްސީ އަދި ފަސް ވަނައިގައި އޮތް އެވަޓަނަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން އެވަޓަން އާއި ސިޓީން ފަސް މެޗު ކުޅުނުއިރު، ޗެލްސީ އާއި ޔުނައިޓެޑް ކުޅުނީ ހަތަރު މެޗެވެ.
އެންފީލްޑްގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލަށް ލީޑުނަގައިދިނީ ސަޑިއޯ މާނޭ އެވެ. މުހައްމަދު ސަލާހު ބޮލުން ޖެހި ބޯޅަ ކްރިސްޓަލް ޕެލަސްގެ ގޯލްކީޕަރު ވިސެންޓޭ ގައީޓާ އަތުގައި ޖެހިފައި ނުކުތް ވަގުތު މާނޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މާނޭ ލިވަޕޫލަށް ޖަހައިދިން 100 ވަނަ ގޯލެވެ. އޭނާ އަކީ ލިވަޕޫލަށް 100 ގޯލު ހަމަކުރި 18 ވަނަ ކުޅުންތެރިޔާ އެވެ.
ދެ ވަނަ ހާފްގައި ލިވަޕޫލްގެ އަނެއް ދެ ގޯލު ޖެހީ ސަލާހުގެ އިތުރުން ނަބީ ކެއިޓާ އެވެ. ކެއިޓާ ކުޅެން އެރީ ތިއާގޯ އަލްކަންޓާރާ އަށް އަނިޔާވެ އޭނާގެ ބަދަލުގަ އެވެ.

ސިޓީގެ ގްރީލިޝް (ވ) އަތުން ބޯޅަ ހޯދަން ސައުތެމްޓަންގެ ރޮމޭއު މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ސިޓީ ވަނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުގައި 16 ގޯލު ޖަހައިފަ އެވެ. އެކަމަކު، މިރޭ ސައުތެމްޓަން ކޮޅަށް ސިޓީން ގޯލާ ސީދާކޮށް ފުރަތަމަ ޝޮޓް ޖެހީ ވެސް މެޗުގެ ފަހު ވަގުތުގަ އެވެ. މި މެޗުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ސިޓީގެ ސަޕޯޓަރުންގެ ގްރޫޕްގެ އިސް އޮފިޝަލުންނާ ދެމެދު ވަނީ ބަހުގެ ހަަމަލާ ބަދަލުކޮށްފަ އެވެ.
ސިޓީގެ އެޓޭކިން ކުޅުންތެރިން ހުއްޓުވަން ސައުތެމްޓަން އިން ވަނީ އޮގަނައިޒް ޑިފެންސިވް ކުޅުމެއް ދައްކައިފަ އެވެ.
ދަށް ނަތީޖާތަކަކާ އެކު ސީޒަން ފަށަން ޖެހުނު އާސެނަލުން ވަނީ މިރޭ ރަށުންބޭރުގައި ބާންލީ އަތުން 1-0 އިން މޮޅުވެފަ އެވެ. މެޗުގައި އާސެނަލްގެ ހަމައެކަނި ގޯލު ޖެހީ ނޯވޭގެ މިޑްފީލްޑަރު މާޓެން އޮޑެގާޑް ހިލޭ ޖެހުމަކުންނެވެ. ޖެހިޖެހިގެން ހޯދި ދެ މޮޅާ އެކު އާސެނަލް އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގަ އެވެ.
ރަފައެލް ބެނިޓޭޒްގެ ކޯޗުކަމުގައި މި ފަހަރު ތަފާތު ދައްކަމުން އި އެވަޓަން ވަނީ މިރޭ ރަށުންބޭރުގައި އެސްޓަން ވިލާ އަތުން ބަލިވެފަ އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި އެވަޓަން ބަލިވި ފުރަތަމަ ފަހަރެވެ.
އެވަަޓަން ކޮޅަށް ވިލާ އިން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފްގަ އެވެ. ލެއޯން ބެއިލީ އާއި މެޓީ ކޭޝްގެ ގޯލުތަކުގެ އިތުރުން ދެން އެސްޓަން ވިލާ އިން ޖެހި ގޯލަކީ އެވަޓަންގެ ލޫކަސް ޑީނިއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.












