ރޯނުއެދުރުން އެއްކިބާކުރަންވީ އެވެ.

އިސްލާމީ ހަޟާރަތް ތަސައްވުރުކޮށްދޭ ބިނާއެއް.

އިސްލާމީ ހަޟާރަތް ތަސައްވުރުކޮށްދޭ ބިނާއެއް.

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

ހަތަރު މީހަކު ދުނިޔެ ޚަރާބުކޮށްލަ އެވެ! އެއުރެންގެ ތެރެއިން ފުރަތަމަ މީހަކީ ރޯނުއެދުރު ވެރިޔެކެވެ. ދެވަނަ މީހަކީ ރޯނުއެދުރު ދަންނަބޭކަލެކެވެ. ތިންވަނަ މީހަކީ ރޯނުއެދުރު ބަސްވާރެކެވެ. ހަތަރުވަނަ މީހަކީ ރޯނުއެދުރު ޑަކުޓަރެކެވެ. ދުނިޔެ ޚަރާބުކުރުމުގައި މި ހަތަރު މީހުންގެ ދައުރު ވަރަށްވެސް ބޮޑެވެ!

ފަހެ، މިއިން ކޮންމެ މީހަކުމެ އޭނާގެ އަތަށްއަރާ ކަންކަން ފަސާދަކޮށްލަ އެވެ. ރޯނުއެދުރު ވެރިޔަކު، އޭނާ ވެރިކަމަށް އިސްކުރެވިފައިވާ ޤައުމުގެ ކަންކަމެވެ. ރޯނުއެދުރު ދަންނަބޭކަލަކު، އޭނާގެ ދީނުގެ ކަންކަމެވެ. ރޯނުއެދުރު ބަސްވާރަކު، އޭނާގެ ޤައުމުގެ މީހުންގެ ބަހެވެ. ރޯނުއެދުރު ޑަކުޓަރަކު، އޭނާ ފަރުވާކުރާ ބަލިމީހުންގެ ހަށިތަކެވެ.

އެހެނީ، ރޯނުއެދުރު ވެރިޔާއަކީ، ދައުލަތުގެ ކަންކަން ހިންގުމަށް އަހުލުވެރިވެފައިވާ މީހެއް ނޫނެވެ. އޭނާގެ މިސާލަކީ، ދީނީ ކަންކަން ހުއްޓުވައި، ޤާނޫނާ ކުޅެ، ދުސްތޫރު އުވާލައި، ދައުލަތުގެ ހުރިހާ ކަމެއް ޚަރާބުކޮށްލި މީހެއްގެ މިސާލެވެ!

ރޯނުއެދުރު ދަންނަބޭކަލަކީ، ރަނގަޅަށް ދީން ދަންނަ މީހެއް ނޫނެވެ. ބައެއް ފަހަރު އޭނާ ފަތުވާދެނީ ނޭނގޭ ޙާލުގަ އެވެ. ބައެއް ފަހަރު އޭނާ ފަތުވާދެނީ ހީތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އޭނާއަކީ އޭނާއަށް ލިބިފައިވާ ދީނީ މަޢުލޫމާތާމެދު ޔަޤީންކަމެއް ނެތް މީހެކެވެ. ދީނީ ސުވާލެއް ހުށަހެޅޭ ހިނދު ދޭނެ ފުރިހަމަ ޖަވާބެއް އޭނާގެ އަތަކު ނެތެވެ. އަދި ދީނުގެ މައްސަލައަކަށް ޝިފާލިއްބައިދެނިވި ޙައްލެއް ވެސް އޭނާގެ ކިބަޔަކު ނެތެވެ. އޭނާއަކީ އޭނާގެ ޢިލްމަށް އިތުބާރުކުރެވޭ ވަރުގެ މުޢުތަބަރު ޢިލްމުވެރިޔެއް ނޫނެވެ. އަދި އޭނާއަކީ އޭނާ އެއްފަރާތްކޮށްލެވޭ ވަރުގެ ރޯމަރު ޖާހިލެއް ވެސް ނޫނެވެ!

ރޯނުއެދުރު ބަސްވާރަކީ، ބަހަވީ ޢުލޫމުތަކުގެ ތެރެއަށް ފީނާފައިވާ މީހެއް ނޫނެވެ. އޭނާ ވާހަކަދައްކާއިރު ރަސްމީ ބަސްމަގާއި ނުރަސްމީ ބަސްމަގު މައްސުނިކޮށްލަ އެވެ. އޭނާއަކީ ބަލާޣާތްތެރި އުސްލޫބުން މޮޅަށް ވާހަކަދައްކަން ދަންނަ މީހެއް ނޫނެވެ. އަދި އޭނާއަކީ ގޮތް ބޮޑުކުރުމެއް ނެތި، އާންމުން ވާހަކަދައްކައިއުޅޭ އާދައިގެ އުސްލޫބުން ވާހަކަދައްކަން ދަންމަ މީހެއް ވެސް ނޫނެވެ!

ރޯނުއެދުރު ޑަކުޓަރަކީ، ފަރުވާތެރިކަމާއެކު ޑަކުޓަރީ ޢިލްމު އުނގެނިފައިވާ މީހެއް ނޫނެވެ. އޭނާ ފަރުވާދޭ ބަލިމީހުންނަށް އިތުރު ބަލިތައް ޖެހެ އެވެ. އެ މީހުންނަށް އޭނާ ދޭ ބޭސް ކެއުމުން އެ މީހުން މަރުވެ އެވެ. އޭނާ ދޭ ބޭހަކީ އެ މީހުންގެ ހަށިތަކަށް ޒަހަރެކެވެ. އޭނާގެ ސަބަބުން އެތައް ބަޔެއްގެ ހަށިތައް ހަލާކުވެ އެވެ. އެތައް ބަޔެއްގެ ފުރާނަތައް ގެއްލެ އެވެ!

ޤައުމުގެ އިސް މަޤާމުތަކުގައި ތިބެންވާނީ އެކިއެކި ތަޚައްޞުޞުތަކުގައި ފުންނާބުއުސް ކުޅަދާނަ މީހުންނެވެ. އެ މީހެއްގެ ތަޚައްޞުޞުގައި މާހިރުންގެ ދަރަޖައަށް ވާޞިލުވެފައިވާ ތަޖުރިބާކާރު ހުނަރުވެރިންނެވެ.

ފަހެ، އާރާއި ބާރު ލިބިގެންވާ ޢަދުލުވެރި ވެރިޔަކީ، އޭނާގެ ޤައުމުގެ މީހުންގެ މައްޗަށް މާތް ﷲ ލައްވާ ރަޙްމަތެކެވެ. އޭނާއަކީ އެ މީހުންގެ މައްޗަށް އެކަލާނގެ ލައްވާ ބަރަކާތެކެވެ. އޭނާގެ އާރާއި ބާރާއި ޢަދުލުވެރިކަމުން ޙުކުމްތައް ތަންފީޒުކުރެވެ އެވެ. ޙައްދުތައް ޤާއިމުކުރެވެ އެވެ. މަގުތައް އަމާންވެ އެވެ. ޤައުމަށް ލިބޭ އާމުދަނީ ރައްޔިތުންގެ މެދުގައި ހަމަހަމައަށް ބަހައިލެވެ އެވެ. އޭނާ ޤައުމު ޙިމާޔަތްކުރެ އެވެ. ޤައުމުގެ ޢިއްޒަތާއި ކަރާމަތު ދަމަހައްޓަ އެވެ. ޤައުމުގެ ފަޚުރާއި ޝަރަފު ބިނާކުރެ އެވެ.

ޢިލްމު ލިބިގެންވާ ފުންނާބުއުސް ހަރުދަނާ ދަންނަބޭކަލަކީ، އޭނާ ދޭ ފަތުވާތަކުގައި ޙުއްޖަތެކެވެ. އޭނާގެ ޢަމަލުތަކުގައި ނަމޫނާއެކެވެ. އޭނާގެ އިޞްލާޙުކުރުންތަކުގައި އިމާމެކެވެ. އޭނާ މީހުން ތަރުބިއްޔަތުކުރެ އެވެ. މީހުން އުޅެންވީ ގޮތުގެ މަންހަޖު ދައްކަ އެވެ. ރަނގަޅު ނޫން ކަންކަން އިޞްލާޙުކުރުމުގެ މަޝްރޫޢު ހިންގަ އެވެ. ދީނުގެ ކަންކަން އާކުރެ އެވެ.

ބަހަވީ ޢުލޫމުތަކުގައި ތަމްކީނުވެގެންވާ ބަސްވާރަކީ، އޭނާގެ ޤައުމީ ބަސް ނަގަހައްޓާ ތަނބެކެވެ. އޭނާގެ ޤައުމުގެ ރަސްމީ ބަހާއި ނުރަސްމީ ބަސް އޭނާ ދަމަހައްޓަ އެވެ. އެއިން ކޮންމެ ބާވަތެއްމެ އޭގެ މަޤާމުގަ އެވެ. އޭނާ ޤައުމުގެ ސަގާފަތަށް ރިޢާޔަތްކުރެ އެވެ. ޤައުމުގެ ޝަޚުޞިއްޔަތު ރައްކާތެރިކުރެ އެވެ.

ޑަކުޓަރީ ޢިލްމު ރަނގަޅަށް ޙާޞިލުކޮށްފައިވާ ތޫނުފިލި ޑަކުޓަރަކީ، ބަލިމީހުންގެ ބަލިތައް މާތް ﷲ ގެ ވާގިފުޅާއެކު ފަސޭހަކޮށްދޭ ޙަކީމެކެވެ. ބަލިތަކާއި ބަލިތަކަށް ދޭންޖެހޭ ފަރުވާތައް އެނގިހުރެ އޭނާ ކުރާ ފަރުވާއިން އެތައް ބަޔަކަށް ޝިފާ ލިބެ އެވެ. އެތައް ބަޔެއްގެ ފުރާނަ ސަލާމަތްވެ އެވެ.

އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކާ ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ރޯނުއެދުރު ވެރިޔާ އާއި ރޯނުއެދުރު ދަންނަބޭކަލާއި ރޯނުއެދުރު ބަސްވާރާއި ރޯނުއެދުރު ޑަކުޓަރުގެ މައްސަލަ އެވެ! އެހެންކަމުން އެ ޤައުމުތަކުގެ ސިޔާސީ ކަންކަން ވަނީ މަގުއޮޅިފަ އެވެ. ދީނީ ކަންކަން ވަނީ ޙައްދުފަހަނަޅާފަ އެވެ. ބަހާއި އަދަބިއްޔާތު ވަނީ ގަޑުބަޑުވެފަ އެވެ. ބޭސްކުރުމާއި ފަރުވާދިނުން ވަނީ ބަލިކަށިވެފަ އެވެ.

ނޫންނަމަ ދޮޅު ބިލިޔަނުގެ ބިޔަ އާބާދީއެއްގެ މައްޗަށް އެކުލެވޭ އިސްލާމީ އުންމަތުގެ ޠަބީޢީ މަޤާމު އެ އުންމަތަށް ނުލިބޭންވީ ކީއްވެބާވަ އެވެ! މި އުންމަތަކީ އެންމެ ބައިބޯ އުންމަތެވެ. އެންމެ މަޢުރިފާ ގިނަ އުންމަތެވެ. އެންމެ ފުނަށް މޫލާފައިވާ ތާރީޚެއް އޮތް އުންމަތެވެ. އެންމެ މުއްސަނދި އުންމަތެވެ. ބިމުގެ އޭރިއާ އެންމެ ބޮޑު އުންމަތެވެ. މި އުންމަތުގެ އާބާދީއާއި މަޢުރިފާއާއި ތާރީޚާއި މުއްސަނދިކަމާއި ބިމުގެ އަރުތަތައް، މި އުންމަތާ ވަކިވެގެން ދިޔައީ ކޮންތާކަށްބާވަ އެވެ!

މި ކަންކަމާމެދު ވިސްނާ ފިކުރުކުރުމުން އެނގޭ އެއްޗަކީ، މި އުންމަތަށް ލިބިފައިވާ އާރާއި ބާރު ނެއްތައިލީ، ބައެއް ވެރިންނާއި ބައެއް ދަންނަބޭކަލުންނާއި ބައެއް ބަސްވާރުންނާއި ބައެއް ޑަކުޓަރުން ކަމެވެ. އުންމަތާއިގެން ތެދުވުމުގެ ފުރުޞަތު އޮތީ އެ މީހުންގެ އަތްމަތީގަ އެވެ. ނަމަވެސް އެ މީހުން ވަނީ އުންމަތުގެ ހޭލުންތެރިކަމުގެ މަޝްރޫޢު ހީނަރުކޮށްފަ އެވެ. ކަންކަން އާކުރުމުގެ ރޫޙު ބަލިކަށިކޮށްފަ އެވެ. ލިބިފައިވާ މުއްސަނދިކަން ވީރާނާކޮށްފަ އެވެ. ތަރައްޤީގެ ދުވެލި ހުއްޓުވާފަ އެވެ. މި ކަންކަމުގެ ސަބަބުން އެ މީހުންގެ ޤައުމުތައް ވެއްޓިފައިވަނީ ބުއްދީގެ ގޮތުންނާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަމުގެ އަނދަވަޅެއްގެ ތެރެއަށެވެ.

ބައެއް އިސްލާމީ ޤައުމުތައް، ވަކި އަމާޒެއް ނެތި ހޫރޭތާ ދުއިސައްތަ ވަރަކަށް އަހަރު ވެއްޖެ އެވެ. އެ ޤައުމުތަކަށްފަހުގައި އުފެދުނު ޖަޕާނާއި ޖަރުމަނު ވިލާތް ވަނީ، އެ ޤައުމުތައް ފަހަނަޅައި ތިންސަތޭކަ އަހަރު ކުރިޔަށް ދަތުރުކޮށްފަ އެވެ. ބައެއް އިސްލާމީ ޤައުމުތައް ވަނީ، ރައްޔިތުން ކިޔާ އަންބާތަކާއި ޤައުމީ ލަވަތަކުން ފުއްދާލައިގެންނެވެ. ގިޑިގެ ހެދުމާއި އެކިއެކި ބިނާތަކުގެ ފާރުތަކުގައި ވެރިޔާގެ ފޮޓޯތައް ބެހެއްޓުމުން ފުއްދާލައިގެންނެވެ.

އިސްލާމީ އުންމަތުގެ މައްޗަށް މިއަދު ވާޖިބުވެގެންވަނީ، ރޯނުއެދުރު ވެރިޔާއާއި ރޯނުއެދުރު ދަންނަބޭކަލާއި ރޯނުއެދުރު ބަސްވާރާއި ރޯނުއެދުރު ޑަކުޓަރު އެއްފަރާތްކުރުމެވެ. އެ މީހުން ތިބެންޖެހޭ ހިސާބުގައި އެ މީހުން ބައިތިއްބުމެވެ. ނާކާމިޔާބާއި ނާއުންމީދާއި އިހުމާލުގެ ތަޖުރިބާކުރާ މައިދާނަކަށް އުންމަތާއި ޤައުމުތައް ބަދަލުކުރުމުގެ ފުރުޞަތު އެ މީހުންނަށް ނުދިނުމެވެ. މިއަދުގެ ދުނިޔޭގައި އިސްލާމީ ޤައުމުތަކަކީ އެންމެ ބޮޑަށް ފަޤީރުކަން ފެތުރިފައިވާ ޤައުމުތަކެވެ. އެންމެ ބޮޑަށް ބަލިމަޑުކަން ޢާންމުވެފައިވާ ޤައުމުތަކެވެ. އެންމެ ބޮޑަށް ޖާހިލުކަން ރަސްކަންކުރާ ޤައުމުތަކެވެ. އެންމެ ބޮޑަށް ނާތަހުޒީބުކަން އަށަގެންފައިވާ ޤައުމުތަކެވެ.

ބައެއް އިސްލާމީ ޤައުމުތަކުގެ ޙާލަތު މި ދަރަޖައަށް ހީނަރުވުމުގެ ސަބަބުތަކެއް ވެ އެވެ. އޭގެތެރޭގައި، އިސްލާމީ އުޞޫލުތައް އެއްކިބާކުރުމާއި ތަރައްޤީގެ ދުވެލި ހުއްޓުވުން ހިމެނެ އެވެ. އެ ޤައުމުތަކުން، އިސްލާމްދީން ރައްކާތެރިއެއް ނުކުރެ އެވެ. އީމާންކަން ވަރުގަދައެއް ނުކުރެ އެވެ. ޤައުމު ތަރައްޤީއެއް ނުކުރެ އެވެ. ސަހަރުތައް އިޞްލާޙެއް ނުކުރެ އެވެ. ނަތީޖާއަކީ ގެއްލުމާއި ހަލާކާއި ނިކަމެތިކަން ވެރިވުމެވެ.

ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުމަށް ތަޚައްޞުޞުގެ ފަންނު އިޢާދަކުރަން އެބަޖެހެ އެވެ. ފަހެ، މަތީ މަޤާމަކަށް ވާޞިލުވެއްޖެ މީހާ އެ މަޤާމުގައި އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ ފުރިހަމައަށް އަދާކުރަންވީ އެވެ. ނޫންނަމަ އިސްތިޢުފާދީފައި އެހެން މީހަކަށް ފުރުޞަތުދޭންވީ އެވެ.

ވެރިކަމުގެ އަހުލިއްޔަތުން އެއްކިބާވެ އެކަމަށް ނުކުޅެދިއްޖެ މީހާ ޤައުމެއްގެ ވެރިކަމުގައި ބަހައްޓާކަށް ހެޔޮނުވާނެ އެވެ. ޢިލްމީ މަންހަޖުން އެއްކިބާވެ މަޢުރިފާތައް މަދުވެއްޖެ މީހާ ދަންނަބޭކަލެއްގެ މަޤާމަށް ނުގެނެސް ގޭގައި ބަހައްޓަންވީ އެވެ. ބަހަވީ ފަންނުގެ ހަމަތަކުން އެއްކިބާވެ އޭގެ ޢިލްމުތައް ޙާޞިލުނުކޮށްފި މީހާ ބަސްވާރެއްގެ ގޮތުގައި ނުނެރެންވީ އެވެ. ޑަކުޓަރުކަން ކިޔަވަން އުޅެފައި އަންނަ ތަންދޮރު ނުދަންނަ ގަބު މީހާ ކަރަންޓީނުކޮށް އޭނާ އެހެން މީހުންގެ ހަށިތަކާއި ފުރާނައާ ކުޅުން މަނާކުރަންވީ އެވެ. ޤައުމާއި ރައްޔިތަށް މޮޅުއިތުރީ، މި ބީދައިން ހުރިހައި ރޯނުއެދުރުން އެއްކިބާކުރުމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox