އަންނަ މަހު އެއް ވަނަ ދުވަހު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު ރޭގަނޑު ކުޅޭ ގޮތަށް ބަދަލުކޮށްފި އެވެ.
ކުރިން ޝެޑިއުލްގައިވާ ގޮތުން ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ އެއް ވަނަ ދުވަހު ހަވީރު އެވެ. އެކަމަކު، މިއަދު ޝެޑިއުލަށް ގެނެވުނު ބަދަލާ އެކު ނޭޕާލާއި ރާއްޖެ މެޗު މިހާރު ކުޅޭނީ އެއް ވަނަ ދުވަހުގެރޭގަ އެވެ. އެ ދުވަހު ހަވީރު އޮތީ ސްރީ ލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗެވެ.
އެފްއޭއެމުން ބުނީ ރާއްޖެ ނޭޕާލް މެޗު ރޭގަނޑު ކުޅޭ ގޮތަށް ބަދަލުކުރަން ޖެހުނީ ހުޅުވުމުގެ ރަސްމިއްޔާތަށް ހާއްސަ ކުރުމަށް ކަމަށެވެ. އަދި މުބާރާތުގެ ހޯސްޓްގެ ފުރަތަމަ މެޗު އާންމުކޮށް ކުޅެނީ ރޭގަނޑު ކަމަށްވާތީ އާއި ހުޅުވުމުގެ ރަސްމިއްޔާތުގެ ހުރިހާ އިންތިޒާމްތައް ހަމަޖެހިގެންދިޔަ ގޮތަށް ބަލާފައި ޝެޑިއުލަށް އެ ބަދަލު ގެނައީ ކަމަށެވެ.
ފުރަތަމަ މެޗު ކުޅޭ ނޭޕާލާއި ރާއްޖޭން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މި ވަގުތު ޓްރެއިނިން ކޭމްޕެއް ފުރިހަމަަ ކުރަމުން އަންނަނީ ގަތަރުގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗު ޝެޑިއުލް.-- ގްރެފިކްސް ފޮޓޯ: އެފްއޭއެމް
ރާއްޖޭން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވަނީ ސެމީ ފައިނަލްގައި 3-0 އިން ނޭޕާލް ބަލިކޮށްފަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ރާއްޖޭން ވަނީ ނޭޕާލާ ދެކޮޅަށް ހަތް ފަހަރު ކުޅެފަ އެވެ. ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އަނެއް ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ.
އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖޭން ވަނީ 2-1 އިން އިންޑިއާ ބަލިކޮށްފަ އެވެ. މި ފަހަރުގެ މުބާރާތަށް ރާއްޖެ ނުކުންނަނީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި ފުރަތަމަ ފަހަރަށް ތަށި ދިފާއުކުރާށެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހަވީރު ކުޅޭނީ އެންމެ މެޗެކެވެ. އެއީ 10 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގު ބުރުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި 13 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ އިންޑިއާއާ އެވެ.
ލީގު ބުރު ނިމުމުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއްގެ މެދުގައި ފައިނަލް ކުޅޭނީ އަންނަ މަހު 16 ވަނަ ދުވަހުގެރޭ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ނުކުންނާނީ މުޅިން ދިވެހި ޓީމަކާ އެކު އެވެ. ކޯޗިން ޓީމު ވެސް ވަނީ ދިވެހި ކޮށްލައިފަ އެވެ. ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކާމިޔާބު ކޯޗު އަލީ ސުޒޭންއާ އެވެ. ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ގަތަރު ޓްރެއިނިން ކޭމްޕްގައި އަދި ބައިވެރިނުވެ އެވެ. އެހެންވެ، ޓީމު ލީޑުކުރަނީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.
ސުޒޭން ވަނީ މި ފަހަރުގެ ސާފްގެ ޝެޑިއުލަށް ބަލާއިރު އެންމެ ރަނގަޅަށް އޮތީ ރާއްޖެ އަށް ކަމަށް ބުނެފަ އެވެ.











