ޑިމޮކްރަސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ހައްގަކީ ދިރިހުރުމުގެ ހައްގާއި ރަނގަޅު ކާނާ ކައިބޮއި އުޅުމުގެ ހައްގު ކަމަށާއި އެ ހައްގުތައް ފުރިހަމައަށް ހޯދުމަށްޓަކައި، އެންމެން ގަދައަޅައި މަސައްކަތް ކުރަންވީ ކޮވިޑުން އިގްތިސާދަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ސޯލިހު ވަނީ، މި ދުވަސް ބައްދަލުކުރިއިރު ކޮވިޑުން އަރައިގަނޭތޯ މުޅި ދުނިޔެ މަސައްކަތްކުރާތާ ދޮޅު އަހަރުވީކަން ފާހަގަކުރައްވައި، އެކަމުން ރާއްޖެ އަށް އެކަށީގެންވާ ކާމިޔާބެއް ލިބިފައިވާކަމަށް ވިދާޅުވެފަ އެވެ.
"އާބާދީގެ ބޮޑު އިންސައްތައެއް، ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް، މި ވަބާއަށް ފައްސިވާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިއްޖެ އެވެ. ސްކޫލްތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތައް ހުޅުވައި، ރާއްޖެ މިހާރު މިއަންނަނީ، އައު އާންމު ހާލަތަށް ފަރިތަވަމުންނެވެ،" ރައީސް ވިދާޅުވި އެވެ.
ދިރިހުރުމުގެ ހައްގާއި ރަނގަޅު ކާނާ ކައިބޮއި އުޅުމުގެ ހައްގު ފުރިހަމައަށް ހޯދުމަށްޓަކައި، އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް މަސައްކަތްކުރަން ގޮވާލައި ރައީސް ވިދާޅުވީ އިގްތިސާދީ ހަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަކީ، ގައުމީ އުފެއްދުންތެރިކަން މަތިކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކޮންމެ ހާލަތެއްގައި ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޑިމޮކްރެސީން ކަށަވަރުކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށް ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހާ އަސާސީ ހައްގުތަކަށް ސަރުކާރުން އަބަދުވެސް އިހްތިރާމުކޮށް، އެ ހައްގުތައް ލިބިދެވޭކަންވެސް ކަށަވަރުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް، ދައުލަތުގެ ކަންކަމާމެދު ބަސްބުނެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ އެވެ. ސަރުކާރުގެ އެންމެހާ ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މައުލޫމާތު އާންމުކުރުމަކީ ވެސް، ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދުގެ ދިވެހިންނަކީ ޒަމާނީ ޑިމޮކްރަސީއަށް ފައްކާވަމުން ހޭނެމުން އަންނަ ބައެއް ކަމަށާއި ރައްޔިތުންގެ ބާރާއި ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކާއި ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބުތަކާއި ޒިންމާތަކަށް އަހުލުވެރިވަމުން އަންނަ ބައެއް ކަމަށެވެ.
"އޭގެ ތެރެއިން ވެސް އެންމެ މުހިންމު ހައްގަކީ، ދައުލަތް ހިންގުމުގެ ދާއިރާއިން ބަސްބުނުމުގައި، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގެކެވެ. އެ ހައްގުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށްޓަކައި، ރާއްޖޭގައި ގާއިމުވެފައި އޮތް ޑިމޮކްރެސީގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް، އެގޮތުގައި ނަގަހައްޓައި ދެމެހެއްޓުމުގައި، ދިވެހި ރައްޔިތުން ސާބިތުވެތިބޭނެކަން ޔަގީނެވެ،" ރައީސް ވިދާޅުވި އެވެ.











