ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކެއް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން އެކުވެރި ދައުލަތްތައް (އދ.) އާ މިއަދު ހިއްސާކޮށްފި އެވެ.
އދ. ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރެއްގެ ގޮތުން ރާއްޖޭގައި މަސައްކަތް ކުރައްވާ ފާޑިނާންޑް ވޮން ހެބްސްބާގް އުސޫލެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް އަދި މުހިންމު އެހެން ދާއިރާތަކުގެ ސްޓޭކްހޯލްޑަރުންނާ ގަވާއިދުން ބައްދަލު ކުރައްވަ އެވެ.
އިދިކޮޅު ޕީޕީއެމް އޮފީހުގައި މިއަދު ހެބްސްބާގްއާ ބައްދަލު ކުރައްވައި އެ ޕާޓީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ޔާމީންގެ ޝަރީއަތާ ގުޅިގެން ހުރި ބައެއް ކަންބޮޑުންތަކުގެ ވާހަކަ އޭނާއެކު ދައްކަވައިފަ އެވެ.
އެގޮތުން، ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބައެއް ބޭފުޅުން އެ މައްސަލައާ ގުޅޭ ވާހަކަ ދައްކާ އޯޑިއޯތަކެއް ލީކުވެފައިވާތީ އޭގެ ކަންބޮޑުވުން ހެބްސްބާގްއާ ހިއްސާ ކުރެއްވި ކަމަށް "އަދަދު" އާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ އެ އޯޑިއޯތަކުގެ މައްސަލައިގެ ޝަރީއަތް ނިމުނީމައޭ ސުޕްރީމް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް މިހާރު ހިންގާ ޝަރީއަތް ކުރިއަށް ގެންދެވޭނީ،" ސަރުކާރުގެ ތަރުޖަމާނަކަށް އަދި ރައީސް އޮފީހުގެ މިނިސްޓަރަކަށް ކުރިން އުޅުއްވި މުންދު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 8، 2019 ގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި އެ ޝަރީއަތުގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދާފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރެއްގެ އަޑު ހިމެނޭ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވުމާއެކު އެވެ.
އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން އަދި ފުލުހުންގެ އިދާރާއިން ބަލަމުންދާއިރު އެ ސުވާލު އުފެދިގެން އުޅޭ ފަނޑިޔާރުން ކަމަށްވާ އަހުމަދު ސަމީރާއި އަލީ އާދަމާއި ހުސެއިން ފާއިޒު ރަޝާދު ވަނީ އޯޑިއޯތަކަކީ ސައްހަ އެއްޗެހި ނޫން ކަމަށް ވިދާޅުވެފަ އެވެ.
އޯޑިއޯތައް ލީކުވި ކަމަށް ބުނާ ފަނޑިޔާރުންގެ އިތުރުން ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ކުރިމިނަލް ކޯޓުގެ އެއިރުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.
އޭނާއަށް ރައްދުވާ ތުހުމަތުތައް ދޮގު ކުރައްވާ އަލީ ޒާހިރު ވިދާޅުވެފައި ވަނީ އެއީ އިދިކޮޅުން "ރޭވުންތެރިކަމާއެކު ހިންގާ ސިޔާސީ ހަރަކާތެއް" ކަމަށެވެ. އަދި އޭނާއަށް ކުރި ތުހުމަތު އޭނާ އަނބުރާލެއްވީ އިދިކޮޅަށެވެ.
"މިއީ ވަރަށް ރޭވުންތެރިކަމާއެކު ހިންގާ ސިޔާސީ ހަރަކާތެއް. އިއްތިފާގެއް ނޫން ކަންނޭނގެ މިކަން މި ހިނގަނީ ޔާމީންގެ މައްޗަށް އުފުލިފައިވާ ދައުވާތަކެއް ފަށައިގެން ކުރިއަށްދާއިރުކަން. މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެހެނިހެން ގޮތް ގޮތުން ވަނުމުގެ ބޭނުމުގައި ހިންގާ ކަމެއް،" އާދީއްތަ ދުވަހު އަލީ ޒާހިރު ވިދާޅުވި އެވެ.











