މާލެއަށް ކަރަންޓުދޭ ދައުލަތުގެ ކުންފުނި ސްޓެލްކޯގެ ޕަވާހައުސްތައް ސައުންޑް ޕްރޫފް ކުރުމަށާއި ދުންހޮޅިތައް އުސްކުރުން ފަދަ މަސައްކަތް ކުރުމަށް އަންގައި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަމުންދާ ގެއްލުންތަކުން ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ވިސްނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން މިއަދު ވަރުގަދަ ރިޕޯޓެއް ފާސްކޮށްފި އެވެ.
ސްޓެލްކޯ ޖަނަރޭޓަރުތަކުން އިވޭ އަޑާއި ނިކުންނަ ދުމާއި ވައިބްރޭޝަނުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގަރާރެއް ހުށަހެޅެއްވުމުން އެ މައްސަލަ ބަލާފައި ވަނީ ތިމާވެއްޓާ ބެހޭ ކޮމެޓީ އާއި ދައުލަތުގެ ކުންފުނިތަކާ ބެހޭ ކޮމެޓީ ގުޅިގެން އުފެއްދި ސަބް-ކޮމެޓީއަކުންނެވެ.
ސަބް-ކޮމެޓީގެ ރިޕޯޓު މައި ކޮމެޓީއަށް ފޮނުވަން މެމްބަރުން އިއްތިފާގުން މިއަދު ފާސްކުރިއިރު ވަރަށް ގިނަ ހޯދުންތަކާއެކު ސްޓެލްކޯ އަދި ސަރުކާރަށް ރައްދުވާ ގޮތަށް ޖުމްލަ ހަތް ރިކޮމެންޑޭޝަން ފާސްކޮށްފައިވެ އެވެ. އެއީ:
- ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުން. އަދި ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުން.
- ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމުމަށް އެދުން.
- ސްޓެލްކޯ އިންޖީނުގެތައް ހިންގަނީ ގަވާއިދާ އެއްގޮތައްތޯ ބެލުމަށް މޮނީޓާ ކުރުމަށް ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުން. އަދި ވައިގެ ކޮލިޓީ އާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި އެކަމަށް މުވައްޒަފުން ތަމްރީނު ކުރުން.
- މުސްތަގްބަލުގައި މާލެއަށް ކަރަންޓުދޭން ނިންމާފައި ވަނީ ތިލަފުށި އަދި ހުޅުމާލެއިން ކަމަށްވާތީ އެ ޕްރޮޖެކްޓުތައް ސުންގަޑިތަކަށް ނިންމުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން، ބަދަހިކޮށް މަސައްކަތް ކުރުން.
- ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުން.
- ވަގުތީ ގޮތުން ބޭނުން ކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުން.
- އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
އެ މައްސަލައިގައި ސްޓެލްކޯއިން އަބަދުވެސް ބުނަމުންދިޔައީ އުނދަގޫވަނީ އަދި ގަވާއިދާ ހިލާފަށް ގެތަކާ 200 ފޫޓު ކައިރިން ބަހައްޓާފައި ހުރި ޖަނަރޭޓަރުތަކަކީ މާލެއަށް ބޭނުންވާ ކަރަންޓު ދިނުމަށް އެމަޖެންސީކޮށް ބަހައްޓާފައިވާ ޖަނަރޭޓަރުތަކެއް ކަމަށެވެ. އަދި ހުޅުމާލޭގައި ގާއިމްކޮށްފައި ހުރި 50 މެގަވޮޓްގެ ބިޔަ ޖަނަރޭޓަރު މާލެއާ މިހާރު ގުޅާލާފައި އޮތުމުން ކުދި ޖަނަރޭޓަރުތައް ބަންދުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯ ޖަނަރޭޓަރުތަކުގެ މައްސަލަ ސަބް-ކޮމެޓީން ނިންމާފައި މި ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައި އޮއްވަ އެވެ. އަދި އެ ގެތަކުގެ މީހުންނަށް ހުޅުމާލެއިން ގޯތި ދޫކުރުމަށް އެ ކައުންސިލުން ވަނީ ރައީސް އޮފީހުގައި އެދިފަ އެވެ.

"ތޮއްޖެހިފައި އޮތް މާލޭ ތެރޭގައި މިހާ ބޮޑު ބިމެއްގައި އެހާ މީހުންނަށް ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން އުނދަގޫވާ ތަނެއް ހުރުމަށްވުރެ، މާލެއިން ބޭރަށް ތިލަފުއްޓަށް ނޫނީ އެހެން ތަނަކަށް ނަމަވެސް ބަދަލުވުމަކީ ލޯންގް ޓާމްގައި ހަގީގަތުގައި ޓެކްނިކަލީ އެންމެ ރަނގަޅު ގޮތް ކަމަށްވާނީ ސްޓެލްކޯ ރިލޮކޭޓްވުން،" މަޖިލީހުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ސްޓެލްކޯގެ ކުދި ޖަނަރޭޓަރުތައް ހުޅުމާލެއަށް ބަދަލު ކުރުމަށް މިހާރު ކުރަމުންދާ ޕްރޮޖެކްޓު ނިމުމުން މައްސަލަ ހައްލުވީ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމާމެދު ސީދާ ރައީސް އޮފީހުން އެއްޗެއް ބުނަފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަމުން ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ އެމީހުންނަށް ލިބޭ ގެއްލުންތަކާއި ވަމުންދާ އުނދަގޫތައް ހިއްސާކޮށްފަ އެވެ. އަދި އެދިފައި ވަނީ ދާއިމީ ހައްލެއް ހޯދައިދީ އެހެން ސަރަހައްދަކަށް އެމީހުން ބަދަލުކޮށްދިނުމަށެވެ.
"އެމީހުން ނުވިސްނާނެ ދޯ އަޅުގަނޑުމެން އެ ސަރަހައްދުގައި އުޅޭ ވިއްސަކަށް މީހުންނަކަށް؟ އެމީހުން ވިސްނަވާނީ މުޅި މާލެއަށް ކަަރަންޓު ދެވޭތޯ. އެއީ ޖަނަރޭޓަރުތައް އެބަ ހިންގަންޖެހޭ އެ ސަރަހައްދުގައި. ކަރަންޓު ވެސް ދޭންޖެހޭ އެބަ. އެހެންވީމަ އެތަން އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ބާއްވާފައި އަޅުގަނޑުމެން މޫވްކޮށްލަދޭށޭ (މި ދަންނަވަނީ)،" އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.













