ލީޑްސް (ސެޕްޓެމްބަރު 12) - އިނގިރޭސި ޕްރިމިއާ ލީގުގެ މިރޭ ލީޑްސް ޔުނައިޓެޑް އަތުން 3-0 އިން މޮޅުވި ލިވަޕޫލްގެ މި މުހިއްމު ކާމިޔާބަށް އެ ޓީމުގެ އަރަމުން އަންނަ ޒުވާން ތަރި ހާވީ އެލިއަޓްގެ އަނިޔާގެ ހިޔަނި އެޅިއްޖެ އެވެ.
މި ސީޒަނުގައި ލިވަޕޫލުން އައީ އުމުރުން 18 އަހަރުގެ އެލިއަޓަށް ގިނަ ފުރުސަތުތަކެއް ދެމުންނެވެ. ލޯނެއްގެ ދަށުން މިދިޔަ ސީޒަނުގައި ބްލެކްބާން ރޯވާސް އަށް މޮޅު ކުޅުމެއް ދެއްކި އެލިއަޓަށް މި ފަހަރު ލީގުގައި ލިވަޕޫލުން ކުޅުނު ތިން މެޗެއްގައި ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.
މިރޭގެ މެޗުގެ ދެ ވަނަ ހާފްގައި ލީޑްސްގެ ޕަސްކާލް ސްޓްރުއިކް ޖެހި ޓެކަލެއްގެ ސަަބަބުން އެލިއަޓްގެ ކުޑަހުޅަށް ވަރަށް ބޮޑަށް އަނިޔާވެ، ސްޓްރެޗަރުގައި އޭނާ ދަނޑުން ބޭލީ އޮކްސިޖަން ވެސް ދީގެންނެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެލިއަޓަށް ލިބުނު އަނިޔާގެ ސަބަބުން މާޔޫސްކަމެއް ލިބުނު ކަމަށެވެ. އެއީ އެލިއަޓް ރަނގަޅު ފޯމެއްގައި ހުރެ ޑިވެލޮޕްވަމުން އަންނަނިކޮށް މި އަނިޔާ ކުރިމަތިވުމުން ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
"އަހަރެމެން އޭނަ އަށް އިންތިޒާރު ކުރާނަން. އެއީ ވަރަށް ހުނަރުހުރި ވަރަށް މޮޅުވާނެ ކުޅުންތެރިއެއް،" ކްލޮޕް ބުންޏެވެ.
އެލިއަޓް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޮޕަރޭޝަނެއް ކުރާނެ އެވެ. އާންމު ގޮތެއްގައި އެ ކަހަލަ އަނިޔާތައް ދިމާވާ ކުޅުންތެރިން ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހެ އެވެ.

ލަނޑު ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލީޑްސްގެ އެލަންޑް ރޯޑްގައި ކުޅުނު މެޗު ފަށައިގެން މާގިނަ އިރެއްނުވެ ލީޑްސްގެ ރޮޑްރީގޯ މޮރޭނޯ އަށް ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރި އެވެ. ލިވަޕޫލަށް ލީޑުނަގައިދިނީ މެޗުގެ 20 ވަނަ މިނިޓްގައި މުހައްމަދު ސަލާހެވެ. މިއީ ލިވަޕޫލްގެ ކަނާތު ބެކް ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނަގަައިދިން ހުރަހަކުން ސަލާހު ޖެހި ގޯލެކެވެ. މިއީ ސަލާހު ލީގުގައި ޖެހި 100 ވަނަ ގޯލެވެ. ސަލާހަކީ ލީގުގައި 100 ގޯލު ހަމަކުރި 30 ވަނަ ކުޅުންތެރިޔާ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ފަބީނިއޯ ވަނީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައި ލިވަޕޫލަށް ލީޑުފުޅާކޮށްދީފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އެލިއަޓަށް ކުރި ފައުލަށް ސްޓްރުއިކަށް ރަތް ކާޑު ދެއްކި އެވެ.
ލީޑްސް އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ގޯލެއް ޖެހޭތޯ ބެލި އެވެ. އެ ގޮތުން ހާފުގެ މެެދުތެރެއިން ލީޑްސްގެ ޕެޓްރިކް ބަމްފޯޑް ޖެހި ބޯޅަ ކީޕަރު އެލިސަން ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލްގެ ފަހު ގޯލު ޖެހީ އިތުރު ވަގުުތުގައި ސަޑިއޯ މާނޭ އެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ތިއާގޯ އަލްކަންޓާރާ އެވެ. ތިއާގޯ ފުރަތަމަ ހާފުގައި ޖެހި ގޯލެއް ވަނީ ވީޑިއޯ އެެސިސްޓަން ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ލީގުގެ އެންމެ ކުރީގައި އޮތް ތިން ޓީމަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ދެ ވަނައިގައި އޮތް ޗެލްސީ އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ތިން ޓީމު މަގާމުތަކަށް ބެހިފައި އޮތީ ލަނޑުގެ ގަވާއިދަށް ބަލައިގެންނެވެ.












