ލީޑްސް (13 ސެޕްޓެމްބަރު) - މުހައްމަދު ސަލާހް ކާމިޔާބުކުރި 100 ވަނަ ލަނޑާއެކު، އިނގިރޭސި ލީގުގައި ލީޑްސް ޔުނައިޓަޑް އަތުން 3-0 އިން ލިވަޕޫލް މިރޭ މޮޅުވެއްޖެ އެވެ.
ލީޑްސްގެ ދަނޑުގައި ކުޅުނު މެޗުގެ 20 ވަނަ މިނިޓުގައި ސަލާހް ލިވަޕޫލަށް ލީޑު ހޯދައިދިނީ ޓްރެންޓް އެލެކްޒަންޑާ އާނޯލްޑް ހުރަސްކޮށްލި ބޯޅައެއް ގޯލަށް އަމާޒުކޮށްލަައިގެނެވެ.
މެޗުގެ 50 ވަނަ މިނިޓުގައި ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހީ ފަބީނިއޯ އެވެ. އަދި، ރަނގަޅު ފުރުސަތުތަކެއް ބޭކާރުކޮށްލުމަށް ފަހު، މެޗުގެ އިތުރު ވަގުތުގައި ސެނެގާލްގެ ފޯވަޑް ސަދިއޯ މާނޭ ވަނީ ލިވަޕޫލްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މި މެޗުން ލިވަޕޫލް މޮޅުވި ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ހާވީ އެލިއަޓް އަށް ނުރައްކާތެރި އަނިޔާއެއްވުމުގެ ހިޔަނި ވަނީ މި މެޗަށް އެޅިފަ އެވެ. ހާވީ އަށް އަނިޔާވީ ލީޑްސްގެ ޕަސްކާލް ސްޓްރޫއިކް ކުރި ޓެކަލްއަކާ ގުޅިގެނެވެ. ސްޓްރޫއިކަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މި މެޗުން ލިވަޕޫލް މޮޅުވިޔަސް، އެލިއަޓް އަށް ލިބުނު އިންޖަރީގެ ސަބަބުން މެޗުން މޮޅުވުމާމެދު މާ ބޮޑަށް ނުވިސްނޭ ކަމަށެވެ.
"އެއީ ބޮޑު އިންޖަރީއެއް. އަދި ނޭނގެ ވަކި އެއްޗެއް ބުނާކަށް. މިހާރު ހަމައެކަނި މި މޮޅެއް ނޫން ބޮލުގައި އިނީ. އެލިއަޓް އަށް ލިބުނު ބޮޑު އިންޖަރީގެ ހިޔަނި މި މެޗަށް މި އޮތީ އެޅިފައި،" ކްލޮޕް ބުންޏެވެ.












