ލަންޑަން (ސެޕްޓެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާ 3-0 އިން ބަލިކޮށް ޗެލްސީން ލީގުގައި 600 ވަނަ މޮޅު ހޯދައިފި އެވެ.
އިނގިރޭސި ފުރަތަމަ ޑިވިޝަން، 1992 ވަަނަ އަހަރު ޕްރިމިއާ ލީގަށް ރިބްރޭންޑް ކުރި ފަހުން ޗެލްސީން މި ވަނީ ދެ ވަނަ އަށް އެންމެ ގިނަ މޮޅު ހޯދި ޓީމުގެ ޝަރަފް ހޯދައިފަ އެވެ.
ޗެލްސީ އަށް ވުރެ ގިނަ މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ލީގުގެ އެންމެ ކާމިޔާބު ޓީމު މެންޗެސްޓާ ޔުނައިޓެޑް އެވެ. ޔުނައިޓެޑް ވަނީ މިހާތަނަށް ލީގުގެ ތާރީހުގައި 690 މެޗުން މޮޅުވެފަ އެވެ. ޔުނައިޓެޑުން މިރޭ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އައިސް ޖެހި ގޯލުތަކާ އެކު ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ.
އެސްޓަން ވިލާ ކޮޅަށް ޗެލްސީގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ރޮމެލޫ ލުކާކޫ އެވެ. މިއީ ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖްގައި ލުކާކޫ ޖެހި ފުރަތަމަ ގޯލެވެ. މީގެ ކުރިން ޗެލްސީ އަށް ކުޅުނު ނަމަވެސް ލުކާކޫ އަށް އެ ޓީމަށް ގޯލެއް ނުޖެހެ އެވެ. އެކަމަކު، މި ފަހަރު އެ ކްލަބްގެ ރެކޯޑް އަގަކަށް އަލުން އެ ޓީމަށް ސޮއިކުރުމަށް ފަހު ލުކާކޫ މި ވަނީ މިހާތަނަށް ތިން ގޯލު ޖަހައިފަ އެވެ.
ލުކާކޫ ބުނީ ޗެލްސީ ދަނޑުގައި ގޯލެއް ޖެހުމަކީ އުމުރުން 11 އަހަރުގައި ދެކުނު ހުވަފެނެއް ކަމަށާއި އެކަން ހަގީގަތަަކަށް ހެދުމުން ހާއްސަ އުފަލެއް ލިބިފައިވާ ކަމަށެވެ. މިއީ ޗެލްސީ ދަނޑުގައި ލުކާކޫ އެކި ފަހަރު މަތިން ކުޅުނު 15 ވަނަ މެޗެެވެ.
"މީގެ ކުރިން އަހަރެންގެ ފޯމް އެއް ވަރަކަށް ހިފަަހައްޓަން އޮތީ އުނދަގޫވެފައި. އެކަމަކު، މިހާރު މަޑުމަޑުން މި އޮތީ ހަމަޔަކަށް އެޅިފައި. އުއްމީދަކީ މިއަދު (މިރޭ) ލަނޑު ޖަހައިގެން މި ހޯދި އުފާ ކުރިއަށް އޮތްތަނުގައި އެތައް ފަހަރަކު ހޯދުން،" ކުރިން އިންޓަ މިލާނާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ލުކާކޫ ބުންޏެވެ.
ލުކާކޫގެ އިތުރުން ޗެލްސީގެ އަނެއް ގޯލު ޖެހީ ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް އެވެ. މިއީ 2018 ވަަނަ އަހަރުން ފެށިގެން ޗެލްސީ އަށް ކުޅެމުން އަންނަ ކޮވަސިޗް، ޗެލްސީ ދަނޑުގައި ޖެހި ފުރަތަމަ ގޯލެވެ.












