އިހޫގެ މިހާރާއި ގިލަނުން ހިތްވަރު ހޯދި މާޒީ

އިހޫ މީގެ 20 އަހަރު ކުރިން، އަދި މިހާރު

އިހޫ މީގެ 20 އަހަރު ކުރިން، އަދި މިހާރު

"ހަނދާން ހުންނަން ފެށީއްސުރެ ވެސް ހުރީ ފަލަކޮށް. ފަލަވެގެން ގޮސް ފަކުރު ގަނެއޭ ކިޔާ ވަރަށް ސްކޫލު ނިމުނު އިރު ވެސް ފަލަވާނެ. މީހުން ވެސް، ކުދިން ވެސް ދެރަކޮށް ހަދާނެ. ސެލްފް އެސްޓީމް ވަރަށް ދަށް ވާނެ، އަމިއްލަ ހަށިގަނޑު ދެކެ ފޫހިވާނެ،"

ކިރިޔާ ފުރާވަރަށް އެޅި ހިސާބުން، އޮވޭރިއަން ސިސްޓިކް ސިންޑްރޯމް ނުވަތަ ޕީސީއޯޑީގެ އަލާމާތްތަކާ އެކު ފަލަވާން ފެށި ގޮތަށް، މަލާމާތާއި ފުރައްސާރަ ގިނަވެ، މާޔޫސްކަމާއި އެކަނިވެރިކަމުގެ ތެރެއަށް ފުރާވަރު ގެނބި، ހަޔާތް ގިލަންވެރި ކަމަށް ބަދަލުކޮށްލި ގޮތުގެ ވާހަކަ ފަށައިގަތުމުގެ ކުރިން، ޒަހަމްވި ހިތުގައި އެޅި މަލަންގަނޑު ތަންކޮޅަކަށް ހިއްލާލަމުން، އައިމިނަތު އިހުސާނާ (އިހޫ)، 40، ތިލަކޮށް ދިނީ، ބަރުހެލި ހަށިގަނޑަކާ އެކު ހަމުގެ ކުލަ ކަޅުވެގެން ތަޖުރިބާކުރަން ޖެހުނު އަސަރުގެ ކުޑަ މިންވަރެކެވެ.

އޭރު ފަލަވާން ފެށި ގޮތަށް ކެވެން ފެށުނީ އެވެ. ކިޔަވަން އިނަސް ކެއުމެވެ. ލިބޭ ފުރައްސާރައާ އެކު ލޮލުން ހިލޭ ކަރުނައިން އަރު ތެރޭގައި ލާ ހިތި ރަހަ ފިލުވަން ވެސް ފޮނި ކެއުމެކެވެ. ކޮންމެވެސް ކާ އެއްޗެކެވެ. މި ވިޔާނުދާ އާދަޔާއެކު ގުރޭޑު ބާރަ ނިމުނު އިރު ބަރުދަން ހުރީ އަށްޑިހައިން މަތީގަ އެވެ.

Advertisement

"އެސްއީސީ [އޭލެވެލް] ގައި އުޅުނު އިރު ރަނގަޅު ރައްޓެހިން ލިބުނު. އެހެންވީމަ ޑިޕްރެޝަން އާއި މާޔޫސްކަމާއި މިކަހަލަ ނެގެޓިވް ހިޔާލުތަކުން މަޑުމަޑުން ދުރަށް ދާން ފެށީ. ސްކޫލް ނިމިގެން އައިޖީއެމްއެޗް އަށް ވަނީ ތަރުޖަމާނެއްގެ ގޮތަށް. އެކަމަކު އޭރު ވެސް ކެއުމާ ދުރަކަށް ނުދެވޭ،" އިހޫ ބުންޏެވެ.

އޭގެ ފަހުން ދެ އަހަރު ވަންދެން ކުރިއަށް ދިޔައީ ޑޮކްޓްރީކަން ކިޔަވަން ބޭރަށް ދާ ހިޔާލު އޮތުމުން އެކަމުގެ ތައްޔާރީތަކެވެ. ހަމަ އެ ދުވަސްކޮޅު ރައްޓެއްސަކު މެދުވެރިވެގެން ދިމާވި ފިރިހެން ކުއްޖަކާ ކައިވެނި ވެސް ވެއްޖެ އެވެ. އޭރު ވެސް ބަދަލުނުވެ އޮތީ ކެއުމުގައި ގެންގުޅުނު ނުރަނގަޅު އަހުލާގެވެ.

"ސްކޮލާޝިޕެއް ހޯދައިގެން އެމްބީބީއެސް ކިޔަވަން ދިޔައީ ޗައިނާ އަށް. އެހާ ހިސާބުން ދިރިއުޅުން ބަދަލުވާން ފަށައިފި،" އިހޫ ކިޔައިދިނެވެ.

"ޗައިނާ އަށް ކިޔަވަން ފުރި އިރު ބުރަދަނުގައި ޔަގީނުން ވެސް 96 ކިލޯ ހުންނާނެ،"

ބޭރު ގައުމަކަށް ގޮސް އެކަނި ހުންނަން ޖެހުމުން އަމިއްލަ ނަފްސާ އެކު އެކަނިވެލާފައި ވިސްނަން ވަގުތު ލިބުނު ކަމަށް އިހޫ ބުންޏެވެ. ސިއްހީ ނުރަނގަޅު އާދަތަކުން ދުރުވެ، ދުޅަހެޔޮ ހަޔާތަކާ ދިމާލަށް މިސްރާބު ބަދަލު ކުރަން ވަގުތު ވެސް އެހާ ހިސާބުން ލިބެން ފެށި ކަމަށް ބުންޏެވެ.

އިހޫ: އޭނާ އަކީ ރޭޑިއޯލޮޖިސްޓެއް
އިހޫ: އޭނާ އަކީ ރޭޑިއޯލޮޖިސްޓެއް

އިހޫ: އޭނާ އަކީ ރޭޑިއޯލޮޖިސްޓެއް

"އުންމީދުތަކުގައި ކުލަ ޖެހެން ފެށި ހިސާބުން ދިރިއުޅުމުގެ ބަހާރު ފެށުނު ހެން ހީވާން ފަށައިފި. އެހާ ހިސާބުން ނަފްސު ދެކެ ލޯބި ވެވިއްޖެ، އަމިއްލަ ހިތްހަމަޖެހުން ހޯދުމުގެ މުހިއްމުކަން ވިސްނެން ފަށައިފި،"

ރޭޑިއޮލޮޖިސްޓަކަށް ވުމަކީ އިހޫގެ މަންމަގެ ހުވަފެނެކެވެ. ފަހުން އޭނާގެ އެންމެ ބޮޑު ހުވަފެނަކަށް ވެސް ވީ އެކަމެވެ. އެކަން ހަގީގަތާ ގާތަށް ދިޔަ ހިސާބުން "ދެން ކޮންމެ ފަދަ ކަމެއް ވެސް ކާމިޔާބު ވެދާނެ،" ކަމަށް ގަބޫލުކުރެވި ޖޯޝު އާވެއްޖެ އެވެ.

"އެއް ދުވަހު އަޒުމް ހިފާފައި ކެއުމުގައި ހަކުރު ބޭނުން ކުރުން އެއްކޮށް ހުއްޓާލީ. ދެން ހުދު ބަތާއި ހުދު ފުށުގެ ބަދަލުގައި ރަތް ހަނޑުލާއި އާޓާ ފުށް ބޭނުން ކުރަން ފެށީ. ފިޒީ ޑްރިންކް އެއްޗެހި ވެސް ބުއިން ހުއްޓާލީ، ހަމަ ޓޯޓަލް ކަޓްޑައުން އެއް،" އިހޫ ކިޔައިދިނެވެ.

"ދެން ހުސްކޮށް ލިބޭ ދުވަހެއްގައި ހަދާ ގޮތަކީ ދަބަހަށް ލެޕްޓޮޕާއި ފޮތް އަޅައިގެން ކޮންމެވެސް ބަހަކަށް އަރައިގެން ދެވުނު އެންމެ ދުރަކަށް ދަނީ. ގޮއްސަ ހިނގާފައި މުޅި ދުވަހު ބޭރުގައި އުޅެފައި ގެއަށް އަންނަނީ،"

އިހޫ: އޭނާ ބުނީ 30 ކިލޯ ހިއްކާލުމަށްފަހު ޓޯން ކުރުމަށް އެހީތެރިވެދިނީ ރާއްޖެ ފިޓްނަސްގެ ޓްރެއިނާ ޖިމީ ޖުމާން ކަމަށް

އެގޮތުގައި މާގިނަ ދުވަހެއް ނުވަނީސް ހަށިގަނޑަށް އެނގުންވެ، ހިކެން ފަށައިފި އެވެ. އެހެންވީމަ އެކަމުން ލިބެމުންދިޔަ ހިތްވަރާ އެކު ދެން ފެށުނީ "ސެލްފް ލަވް" ހޯދުމުގެ މަރުހަލާ އެވެ.

"ހަށިގަނޑު ރީތިކޮށް ބެހެއްޓުމާއި ރީތިކޮށް ހެދުން އެޅުމާއި މި ހުރިހާ ކަމަކުން ލިބޭ ހިތްހަމަޖެހުން އެހެން އެއްވެސް ހިތްހަމަޖެމަކާއި އަޅާ ނުކިޔޭނެ،"

ޗައިނާގެ މާހައުލުގައި އުޅެން ފަށައިގެން ދުވަސްކޮޅެއް ވީތަނާ މޫނާއި އަތް ތަންތަނުގެ ހަންގަނޑު ވަރަށް ބޮޑަށް ކުރަކިވެފައި ހުންނަ ތަންތަނުން ލޭ އަންނަ ވަރަށް ހަންގަނޑު ހަލާކުވާން ފެށި ކަމަށް އިހޫ ބުންޏެވެ. ޑޮކްޓަރަށް ދެއްކުމުން އެކަމުގެ އެންމެ ރަނގަޅު ހައްލަކަށް ދިނީ "ސަން ބްލޮކް" އެވެ.

"އޭގެ ފަހުން މިއަދާ ހަމައަށް ގަވާއިދުން ކޮންމެ ދުވަހަކު ސަން ބްލޮކް ބޭނުން ކުރަން. ގޭގަ ހުއްޓަސް، ދުވާލު ވިޔަސް، ރޭގަނޑު ވިޔަސް. ހަންގަނޑު ރީތިކޮށް އޮމާންކޮށް މިހާރު ވެސް ހުންނަ ސަބަބަކީ އެއީ ކަމަށް އިހޫ ދެކެނީ،"

ޗައިނާގައި އެމްބީބީއެސްގެ ހަތް އަހަރު ފުރިހަމަކޮށް ނިމުނު އިރު ބަރުދަން ނުވަދިހައިން ތިރިވެއްޖެ އެވެ. އެކަމަކު އޭރުވެސް 80 ކިލޯ ހުއްޓެވެ.

"ދެން ދިޔައީ ބަނގްލަދޭޝް އަށް ޓްރެއިނިން އަށް. އެކޮޅުގައި ހުރި އިރު ފުރަތަމަ ފަހަރަށް ބަނޑު ބޮޑުވީ. އެކަމަކު އޭރު ވެސް ހަށިގަނޑު ރަނގަޅު ވަރަށް ފިޓު ނޫން ވީމަ ބައިގެން ދިޔައީ،" އިހޫ ބުންޏެވެ.

ފުރަތަމަ ދަރިފުޅު ބައިގެން ދިއުމުން ވެއްޓުނު ޑިޕްރެޝަން އާއި ހިތާމައިގެ ވަޅުގަނޑުން އަނެއްކާ ވެސް އަރައިގަންނަން، ޓްރެއިނިން ނިންމާފައި މާލެ އައިސް މަސަކަތް ފެށި އެވެ. ގާތްގަނޑަކަށް 72 ކިލޯއަށް ހިކުނު ތަނާ އަނެއްކާ ވެސް ބަލިވެ އިނެވެ.

"އެ ފަހަރު އިރާދަކުރެއްވިއްޔާ ކާމިޔާބުވީ. ދެން ދަރިފުޅު ވިހައިގެން އަނެއްކާވެސް ދިޔައީ ކުއްޖާ ގޮވައިގެން ނޭޕާލަށް ކިޔަވަން. އެކަމަކު އެ ހިސާބުން ހަމަ ގަދަ އަޅައިފައި ހިކެން މަސައްކަތް ފެށީ، މީހާގެ ލުކް ވެސް އެއްކޮށް ބަދަކޮށްލީ އެހިސާބުން،" އިހޫ ބުންޏެވެ.

ނޭޕާލްގައި އުޅުނު އިރު، އެ މާހައުލުގައި ހަމުގެ ކުލަ އާއި އެ ކަހަލަ އެކި ކަންތައްތަކާ ހެދި، ސްޓްރިކްޓް ޑައިޓަކަށް ކެއުން ބަދަލުކޮށްލައި ހެދުން އެޅުމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލި އެވެ. އެގޮތަށް ދިރިއުޅުމުގެ ކަންކަން ބަދަލުކޮށްލި ހިސާބުން ކޮންފިޑެންސް އިތުރުވެ، ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބެންފެށި ކަމަށް ބުންޏެވެ.

އެ ފެށުނު ގޮތަށް، އިހޫ ބުނީ މިއަދާ ހަމައަށް ވެސް، ކެއުމުގައި މުޅިން ވެސް ގެންގުޅެނީ ދުޅަހެޔޮ އާދަތައް ކަމަށެވެ. ހެދުން އެޅުމުގައި ވެސް އަބަދުވެސް ތަފާތު ސްޓައިލް ގެންގުޅެން މަސައްކަތްކުރާ ކަމަށެވެ. ހަށިގަނޑު ރީތިކޮށް ބަހައްޓަން ކަސްރަތުކުރުމާއި ދޭތެރެއަކުން މަސާޖް ކުރުމާއި ގަވާއިދުން ސަން ބްލޮކް ބޭނުންކުރުން ކަހަލަ ކަންކަން ކުރާ ކަމަށެވެ.

"ކުރިން މިގޮތަކަށް ނުވިސްނޭ. ކިޔަވައި ނިމިގެން އައިޖީއެމްއެޗް އަށް ހަ އަހަރު ދިޔަ އިރު އަތުގައި އޮންނާނީ ލާން އެންމެ ދެ ހެދުން. އެންމެ ފައިވާނެއް. އެންމެ ދައްޗެއް. އަތުގައި ނުވެސް ހުރޭ އަމިއްލަ ހިތްހަމަޖެހުމަށް ހަރަދުކުރާނެ ލާރިއެއް،"

އެކަމަކު މިހާރު އުންމީދުތައް ހާސިލުވި އިރު އަމިއްލަ ހިތްހަމަޖެހުމާއި ނަފްސު ރަނގަޅަށް އެނގިފައި އޮތުމުން ލިބެނީ އާދަޔާ ހިލާފު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ. ހިތްވަރު އެލުވާނުލައި، ގޮންޖެހުންތައް ހުރަސްކުރަމުން ހުވަފެންތައް ހާސިލް ކުރަން އުޅުމުގެ ނަތީޖާ މިއަދު ފެންނަނީ ފޮނިކޮށް، އަރާމުކޮށް ކަމަށް އިހޫ ބުންޏެވެ.

"މިއަދު އަޅުގަނޑަކީ ރޭޑިއޮލޮޖިސްޓެއް. ސަތޭކަ ކިލޯއިން ފަންސާހަށް ބަރުދަން ލުއިކޮށްފިން. އެންމެ ނުލިބިގެން އުޅުނު ދަރިފުޅު ލިބިއްޖެ. ބޭނުންވާ ހުރިހާ އެއްޗެއް ހޯދުމުގެ ގާބިލުކަމާއި އެ ހިތްވަރު ވެސް މި ކާމިޔާބީތަކާ ހެދި ލިބިއްޖެ. ކުޑައިރު ނަފްސު ދެކެ ފޫހިވެ، މާޔޫސްވެފައި ހުއްޓަސް، މިހާރު މި އުޅެނީ ވަރަށް އުފަލުގައި. މަސައްކަތް ކުރުމުން ކާމިޔާބު ދެއްވާނެ،" އެހެން މީހުންނަށް ރަނގަޅު ފިލާވަޅެއް ދެމުން އިހޫގެ ވާހަކަ ނިންމާލި އެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox