ބުއެނޯޒް އެރީޒް، އާޖެންޓީނާ (ސެޕްޓެމްބަރު 10) - ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ބުރުގައި ރޭ ބޮލިވިއާ އަތުން 3-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު އޭނާ ބްރެޒިލްގެ ލެެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑް މުގުރާލައިފި އެވެ.
ޕެލޭ ރެކޯޑް ހަދާފައިވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަހައިގެންނެވެ. އެއީ ރެޔާ ހަމައަށް ދެކުނު އެމެރިކާ ގައުމުތަކުގެ ޓީމުތަކަށް ބަލާއިރު އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑެވެ. މެސީ، ރޭ އެ ރެކޯޑް މުގުރާލީ ގައުމީ ޓީމަށް ކުޅެދިން 153 މެޗުން 79 ގޯލު ޖަހައިގެންނެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. އެއީ 180 މެޗުން 111 ގޯލު ޖަހައިގެންނެވެ.
މެސީ އޭނާގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 14 ވަނަ މިނިޓްގައި ލެއަންޑްރޯ ޕަރޭޑޭސް ދިން ބޯޅައަކުން ބޮލިވިއާގެ ޑިފެންޑަރެއް ކައިރިން ނައްޓާފައި ގޮހެވެ. މެސީ ދެ ވަނަ ގޯލު ޖެހީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާތެރެއިން ލަޓާރޯ މާޓީނޭޒް ދިން ބޯޅައަކުން މެސީ ޖެހި ގޯލެކެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި މެސީ އޭނާގެ ހެޓްރިކް ފުރިހަމަަކުރީ ބޮލިވިއާގެ ކީޕަރު ކާލޯސް ލަމްޕޭ އަތުގައި ޖެހިފައި ނުކުތް ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗުގެ ތިން ގޯލާ އެކު މެސީ ވަނީ ގައުމީ ޓީމަށް ޖުމްލަ އަދަދަށް ބަލާއިރު، ހަތް ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިދިޔަ ޖޫން މަހު ކޮޕަ އެމެރިކާ މުބާރާތް ބްރެޒިލްގައި ކުރިއަށް ދިޔައިރު، އާޖެންޓީނާ އިން ތަށި ހޯދީ ފައިނަލްގައި ބްރެޒިލް ބަލިކޮށްފަ އެވެ. މިއަދު ބޮލިވިއާއާ ދެކޮޅަށް ކުޅުނު މެޗަކީ ކޮޕަ އެމެރިކާ ކާމިޔާބު ކުރި ފަހުން އާޖެންޓީނާ އިން އަމިއްލަ ގައުމުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗަށް ފަހު އާޖެންޓީނާ ކުޅުންތެރިން ވަނީ އެ ގައުމުގެ ސަޕޯޓަރުންނާ އެކު ކޮޕަ އެމެރިކާ ތަށި ހިފައިގެން އުފާފާޅުކޮށްފަ އެވެ. އާޖެންޓީނާ އިން މި ފަހަރު ދެކުނު އެެމެރިކާގެ ޗެމްޕިއަންކަން ހޯދީ 28 އަހަރަށް ފަހު އެވެ.

ބޮލިވިއާ މެޗަށް ފަހު އާޖެންޓީނާގެ ޑެ ޕޯލް (ކ) އާއި މެސީ ތަށްޓާ އެކު އުފާފާޅުކުރަނީ.
ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގައި އާޖެންޓީނާ އިން އެންމެ ފަހުން ކުޅެން އޮތް ބްރެޒިލް މެޗު ކުރިއަށް ނުދިޔަ އެވެ. އެއީ އެ މެޗު ކުޅެން ފެށިތާ ފަސް މިނިޓް ތެރޭ ބްރެޒިލްގެ ސިއްހީ އޮފިޝަލުން ދަނޑަށް އަަރައި އާޖެންޓީނާގެ ހަތަރު ކުޅުންތެރިއަކު ގެންދަން އުޅުމުންނެވެ. ސިއްހީ އޮފިޝަލުން ފުލުހުންނާ އެކު ދަނޑަށް އެރީ މެޗަށް ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލްގެ ކަރަންޓީނު އުސޫލާ ހިލާފުވެފައިވާ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށް ބުނެ އެވެ. އެ ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގު ކްލަބްތަކުގައި ކުޅޭ އާޖެންޓީނާގެ ކުޅުންތެރިންނެވެ. އިންގްލެންޑް އޮތީ ބްރެޒިލުން ކަނޑައަޅާފައިވާ ރެޑް ލިސްޓްގަ އެވެ.
އެ ކުޅުންތެރިންނަކީ ޓޮޓެންހަމްގެ ޖިއޮވާނީ ލޮ ސެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އާއި އެމީ ބުއެންޑީއާ އެވެ. މި ކުޅުންތެރިން ރޭގެ މެޗުގައި އާޖެންޓީނާ އަށް ނުކުޅެ އެވެ.
ކޮލިފައިންގައި ރޭ ބްރެޒިލުން ވަނީ 2-0 ޕެރޫ ބަލިކޮށްފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން ނުލައި ބްރެޒިލުން މި މެޗު ވެސް ކުޅުނުއިރު، އެ ޓީމުގެ ގޯލުތައް ޖެހީ އެވަޓަން ރިބޭރޯ އާއި ނޭމާ އެވެ.
ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގެ އެއް ވަނައިގައި ބްރެޒިލް އޮތީ ފުރިހަމަ ރެކޯޑަކާ އެކު އަށް މެޗުން ވެސް މޮޅުވެގެންނެވެ. ބްރެޒިލަށް 24 ޕޮއިންޓް ލިބިފައިވާއިރު، އާޖެންޓީނާ ދެ ވަނައިގައި އޮތީ 18 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ ރޭ އެކުއެޑޯ އަތުން 1-0 އިން މޮޅުވި އުރުގުއޭ އެވެ. އުރުގުއޭ އަށް ނުވަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.












