އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އަމާޒަކީ މެޗުތައް ކުޅޭ ގަލޮޅު ދަނޑު ސަޕޯޓަރުން ވައްދައިގެން ފުރާލުން ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ބޭއްވިއިރު ގަލޮޅު ދަނޑު އޮތީ ފުރިބާރުވެފަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދަނޑަށް ސަޕޯޓަރުން ވެއްދުމުގައި ހުރަހަކަށް އޮތީ ކޮވިޑް-19ގެ ހާލަތާއި ގަލޮޅު ދަނޑުގެ ދެ ސިޑިބަރިއެއް ބަންދުކޮށްފައި އޮތުމެވެ. އެފްއޭއެމުން އަންނަނީ އެ ދެ ކަމަށް ވެސް ހައްލެއް ހޯދަން މަސައްކަތް ކުރަމުންނެވެ.
ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް "އަދަދު" އިން ގެނެސްދޭ ވީޑިއޯ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ކަމާބެހޭ އެކި ފަރާތްތަކާ އެކި ލެވަލްގައި މަޝްވަރާ ކުރުމަށް ފަހު ދަނޑަށް ފުލްކޮށް ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅެވޭނެ ހައްލެއް ހޯދުމަށް ކަމަށެވެ.
ޖަވާ ވިދާޅުވީ މި ވަގުތަށް ބެލިޔަސް ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު ބަޔަކީ ގައުމީ ޓީމުން 2008 އާއި 2018 ގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރާއި އަދިވެސް ޓީމާ އެކު ދެ ގޮތެއް ނުވެ ސާބިތުކަންމަތީ ތިބި ސަޕޯޓަރުން ކަމަށެވެ.
"ދިވެހި ސަޕޯޓަރުންނާ ނުލައި ދިވެހި ފުޓްބޯޅައެއް ނޯންނާނެ. ހާއްސަކޮށް ދިވެހި ގައުމީ ޓީމު މި ދަނޑުގައި (ގަލޮޅު ދަނޑުގައި) ކުޅެވިފައި ހުރި މެޗުތަކަށް ބަލައިފިނަމަ އެކަން ފެނިގެންދޭ،" ޖަވާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ): ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް "އަދަދު" އިން ގެނެސްދޭ ވީޑިއޯ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު
މީގެ ދެ އަހަރު ކުރިން ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރި އެވެ. މިހާރު އެ ދެ ފަޅި ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، އެ މުއްދަތުގައި ގައުމީ ޓީމުން ވަނީ އެ ދެ ފަޅިއަށް ސަޕޯޓަރުން ނުވައްދައި ވޯލްޑް ކަޕް ކޮލިފައިން މެޗުތަކެއް ކުޅެފަ އެވެ. އެ މެޗުތައް ކުޅުނުއިރު، ވަގުތީ ހައްލުތަކެއް ހޯދައިގެން ސަޕޯޓަރުން ވެއްދޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރަން ގޮވާލި ނަމަވެސް އޭރު އެކި ސަބަބުތަކާ ހުރެ އެކަން ނުކުރެވުނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް މި ފަހަރު ގަލޮޅު ދަނޑުގައި ކުޅޭ ގޮތަށް ޝެޑިއުލް ނެރެފައިވާއިރު، އެފްއޭއެމުން އަންނަނީ ދަނޑުގެ އެކި މަރާމާތުގެ މަސައްކަތް ޔޫތު މިނިސްޓްރީއާ ގުޅިގެން ކުރަމުންނެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މަޝްވަރާ ކުރެވިގެން ސަޕޯޓަރުން ވެއްދޭނެ ގޮތްތަކެއް ހެދޭތޯ ވެސް އަންނަނީ ބަލަމުންނެވެ.
"އަޅުގަނޑުމެން ވެސް މަސައްކަތް މި ކުރަނީ މިނިސްޓްރީ އާއި ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން މި ދަނޑުގައި (ގަލޮޅު ދަނޑުގައި) ފުލްކޮށް ދިވެހި ސަޕޯޓަރުންނަށް ވަދެގެން ގައުމީ ޓީމުގެ ކާމިޔާބުތައް ސެލެބްރޭޓް (އުފާފާޅު) ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން،" ޖަވާ ވިދާޅުވި އެވެ.
"އެގޮތުން އިންޖިނިއަރިން އެކި ގޮތްގޮތަށް މަރާމާތު ކުރަން ހުރި ކަންކަން ރަނގަޅު ކުރަން އެބަ މަސައްކަތް ކުރަން. އަޅުގަނޑުމެންގެ އުއްމީދަކީ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީއާ އެއްކޮށް އެއްބައިވެގެން ދިވެހި ސަޕޯޓަރުންނާ އެކު (ދަނޑު) ފުރާލުން،"
މީގެ ކުރިން އެފްއޭއެމުން ވަނީ ސާފް ޗެމްޕިއަންޝިޕް މެޗުތަކަށް ސަޕޯޓަރުން ވައްދަން އެޅޭނެ އެންމެ ބޮޑު ބާރަކީ ވީހާވެސް ގިނަ ބަޔަކު ކޮވިޑް ވެކްސިން ދެ ޑޯޒު ފުރިހަމަކޮށްގެންނެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަލޮޅު ދަނޑުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔޫތު މިނިސްޓްރީން ފަށާނެ އެވެ. ފާއިތުވި ދުވަސްތަކުގައި ގަލޮޅު ދަނޑުގެ މަރާމާތު ކުރަން ޖެހޭ ދިމާތަކަށް ގެނެވޭނެ ހައްލުތަކާ މެދު ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ކަމާބެހޭ އެކި ފަރާތްތަކާ އެކު އެކި ސާވޭތައް ވަނީ ކުރެވިފަ އެވެ.
ގައުމީ ޓީމުން މި ވަގުތު ގަތަރުގައި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ކޭމްޕް ޖަހައިގެން ތިބިއިރު، މާލޭގައި މިިދިޔަ މަހު 26 ވަނަ ދުވަހުން ފެށިގެން އައީ ޕްރެކްޓިސް ކުރަމުންނެވެ. ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕަށް ގަލޮޅު ދަނޑު ތައްޔާރުކުރަން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުން ގިނަ ކަންތައްތަކެއް ކުރަން ވަނީ ހަމަޖެހިފަ އެވެ. އެންމެ ފަހުން ގަލޮޅު ދަނޑުގެ މަރާމާތުގެ ބޮޑު މަސައްކަތެއް ކުރެވުނީ 2014 ވަަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕާ ދިމާކޮށެވެ.











