އުތުރުގެ ނުވަ ރަށަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކުރެއްވި ދަތުރު ނިންމަވާލައްވައި މިރޭ މާލެ ވަޑައިގެންފި އެވެ.
އެ ދަތުރުގައި ރައީސް ވަޑައިގެންފައި ވަނީ ށ އަތޮޅުގެ ހަތަރު ރަށަކަށާއި ރ. އަތޮޅުގެ ފަސް ރަށަކަށެވެ. އެއީ އެއީ ށ.ފުނަދޫ، ށ.ފޯކައިދޫ، ށ.ޅައިމަގު، ށ.މިލަންދޫ، ރ. އަލިފުށި، ރ.ވާދޫ، ރ. އަނގޮޅިތީމާއި ރ. ރަސްގެތީމު އަދި ރ.މަޑުއްވަރީ އެވެ.
ރައީސް ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސާއި ހިއްސާ ކުރައްވާފަ އެވެ.
އެ ދަތުރުގައި ރައީސް ވަނީ ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ހިދުމަތް އިފްތިތާހްކޮށްދެއްވާފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރ. މަޑުއްވަރީގެ މަލްޓި-ޕާޕަސް ހޯލްވެސް ހުޅުއްވައިދެއްވާފަ އެވެ.
ރައީސްގެ ދެކަނބަލުން ކުރެއްވި އެ ދަތުރުގައި އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވި އެވެ.













