ޒިއުރިކް (ސެޕްޓެމްބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅޭ ބްރެޒިލް ގައުމީ ޓީމުގެ ކުޅުންތެރިން ފަސް ދުވަހަށް ސަސްޕެންޑްކުރަން ފީފާ އިން ނިންމައިފި އެވެ.
އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ކުޅޭ ކުޅުންތެރިން ރިލީސްނުކުރަން ޕްރިމިއާ ލީގުން ވަނީ ނިންމައިފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި ބްރެޒިލާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކެއް ހިމެނެ އެވެ. ރެޑް ލިސްޓުގައި އޮތް ގައުމަކަށް ގޮސްފައި އެނބުރި އިންގްލެންްޑަށް އައިސް 10 ދުވަހުގެ ކަރަންޓީނު ވާން ޖެހޭނެ އެވެ. އެހެންވެ، ކްލަބްތަކުން ކުޅުންތެރިން ދޫނުކުރީ އެވެ.
ބްރެޒިލް ގައުމީ ޓީމުގެ ކުޅުންތެރިން ރިލީސްނުކުރަން އިނގިރޭސި ކްލަބްތަކުން ނިންމުމާ އެކު ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ފީފާގައި އެދުނީ އެ ކްލަބްތަކާއި ކުޅުންތެރިންނަށް ފިޔަވަޅު އަޅައިދޭށެވެ.
ފީފާ އިން މިއަދު ނިންމީ އެ ކުޅުންތެރިންނަށް މި މަހު 10 އިން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކްލަބް ލެވަލްގެ މެޗެއް ނުކުޅެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ. މާނަ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތަކުގައި ބްރެޒިލް ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުތައް ވެސް އެ ކުޅުންތެރިންނަށް ގެއްލޭނެ އެވެ.
ފީފާގެ މި ސަސްޕެންޝަނަށް އަމަލުކުރަން ޖެހޭ ބްރެޒިލްގެ ކުޅުންތެރިންނަކީ ލިވަޕޫލްގެ އެލިސަން ބެކާ، ރޮބާޓޯ ފިރްމީނޯ، ފަބީނިއޯ، މެންޗެސްޓާ ސިޓީގެ ގަބްރިއެލް ޖީސޫސް އާއި އެޑަސަން މޮރާއެސް، ޗެލްސީގެ ތިއާގޯ ސިލްވާ، މެންޗެސްޓާ ޔުނައިޓެޑްގެ ފްރެޑް، އެވަޓަންގެ ރިޗާލިސަން އަދި ލީޑްސް ޔުނައިޓެޑްގެ ރަފީނިއާ އެވެ.
ފީފާ އިން އަންނަނީ ޕްރިމިއާ ލީގާއި އިނގިރޭސި އެހެން ކްލަބްތަކުން ދޫނުކުރި ދެކުނު އެމެރިކާގެ އެހެން ގައުމުތަކުގެ ކުޅުންތެރިންގެ މައްސަލައިގައި ވެސް ވަރަށް އަވަހަށް ގޮތެއް ނިންމަން މަޝްވަރާ ކުރަމުންނެވެ. އެ ކުޅުންތެރިންނަކީ ބްލެކްބާނަށް ކުޅޭ ޗިލީގެ ބެން ބްރެރެޓަން، ވަޓްފޯޑަށް ކުޅޭ ޗިލީގެ ފްރާންސިސްކޯ ސިއަރެލްޓާ، ނިއުކާސަލަށް ކުޅޭ ޕެރަގުއޭގެ މިގޭލް އަލްމިރޯން އަދި ވުލްވްސްގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒްގެ މައްސަލަ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ވަނީ އުރުގުއޭ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރުމަށް ފަހު މި ވަގުތު ގައުމީ ޓީމަށް ނުނަގަން އެދިފަ އެވެ.
ޕްރިމިއާ ލީގުގެ ކްލަބްތަކުން ވަނީ އާޖެންޓީނާ ގައުމީ ޓީމުގެ ކުޅުންތެރިން ރިލީސްކޮށްފަ އެވެ. އެ ގޮތުން އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އާއި މިޑްފީލްޑަރު އެމީ ބުއެންޑީއާގެ އިތުރުން ޓޮޓެންހަމްގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ އާއި ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ވަނީ އާޖެންޓީނާ އިން ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ކުޅެފަ އެވެ.
އެކަމަކު، އާޖެންޓީނާގެ އެ ހަތަރު ކުޅުންތެރިންގެ ތެރެއިން މާޓީނޭޒް އާއި ލޮ ސެލްސޯ އަދި ރޮމޭރޯ ލައިގެން ބްރެޒިލާ ދެކޮޅަށް މެޗު ކުޅެން ފެށިތާ ފަސް މިނިޓް ތެރޭ މެޗު ހުއްޓާލަން ޖެހުނެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ އާޖެންޓީނާގެ ކުޅުންތެރިން ބާލަން ބްރެޒިލްގެ ސިއްހީ އޮފިޝަލުން ފުލުހުން ގޮވައިގެން ދަނޑަށް އެރުމުންނެވެ. މި މައްސަލަ މިހާރު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ ބަލަމުންނެވެ.
ލޮ ސެލްސޯ، މާޓީނޭޒް، ރޮމޭރޯ އަދި ބުއެންޑީއާ އިންގްލެންޑަށް އައުމުގެ ކުރިން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ނިންމާފައިވަނީ ކްރޮއޭޝިއާގަ އެވެ.












