ބުއެނޯޒް އެރީޒް، އާޖެންޓީނާ (ސެޕްޓެމްބަރު 8) - ބާސެލޯނާ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ދާދި ފަހުން ޕީއެސްޖީ އަށް ބަދަލުވި ލިއޮނަލް މެސީ އެ ކްލަބާ އެކު ސޮއިކުރި ކޮންޓްރެކްޓްގައި އާޖެންޓީނާ ގައުމީ ޓީމަށް އިސްކަންދޭ ގޮތަށް ހާއްސަ މާއްދާއެއް ހިމަނާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ދެކުނު އެމެރިކާގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮންޓްރެކްޓްގައިވާ އެ މާއްދާގެ އެއް ބަޔަށް މި ހަފްތާ ބަންދުގައި މެސީ އަމަލުކުރާނެ އެވެ. އެއީ ކުރު މުއްދަތެއްގެ ތެރޭގައި ގާތްގާތުގައި އާޖެންޓީނާ އާއި ޕީއެސްޖީގެ މެޗުތަކެއް އޮވެއްޖެނަމަ މެސީ އަށް އާޖެންޓީނާ ޓީމަށް ކުޅުމުގެ ބާރު ލިބޭ ގޮތަށެވެ. އެ ފަދަ ހާލަތެއްގައި ކުޅޭނެ މެޗެއް އިހުތިޔާރުކުރާނީ މެސީ އެވެ.
އެ މާއްދާގެ ބޭނުންހިފައި މާދަމާރޭ އާޖެންޓީނާ އިން ވޯލްޑް ކަޕް ކޮލިފައިންގައި ބޮލިވިއާއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ކުޅޭނެ އެވެ. އެހެންވުމާ އެކު ހޮނިހިރު ދުވަހު ފްރެންްޗް ލީގުގައި ޕީއެސްޖީން ކްލާމޯން ފޫޓްއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ނުކުޅޭނެ އެވެ. އެއީ އާޖެންޓީނާ މެޗު ކުޅުމަށް ފަހު ފްރާންސަށް ގޮސް ޕީއެސްޖީ މެޗު ކުޅެވޭހާ ވަގުތު މެސީ އަށް ނޯންނާނެތީ އެވެ.
މީގެ އިތުރުން ކޮންޓްރެކްޓްގައިވާ އެ މާއްދާގެ ދަށުން އާޖެންޓީނާ ގައުމީ ޓީމުގެ ޓެކްނިކަލް އޮފިޝަލުންނަށް ބޭނުން ވަގުތަކު ޕީއެސްޖީ އަށް އެންގުމަށް ފަހު އެ ކްލަބްގެ ފެސިލިޓީތައް ބޭނުންކުރެވޭނެ އެވެ. މިއީ ޕީއެސްޖީން މި ގޮތަށް ފްރާންސް ގައުމީ ޓީމު ނޫން ބަޔަކަށް މި ކަހަލަ ފުރުސަތެއް ދޭން އެއްބަސްވި ފުރަތަމަ ފަހަރެވެ. މި މާއްދާ އަށް ޕީއެސްޖީން އެެއްބަސްވީ އެ ޓީމުގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ވެސް ބޭނުންވެގެންނެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ މެސީ ޕީއެސްޖީ އަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޕީއެސްޖީ ޖޯޒީގައި މެސީ ކުޅުނު ފުރަތަމަ މެޗުން މިދިޔަ މަހު 29 ވަނަ ދުވަހު ޕީއެސްޖީ ވަނީ 2-0 އިން ރެއިމްސް ބަލިކޮށްފަ އެވެ.
ޕީއެސްޖީ ދަނޑުގައި އެ ޓީމަށް މެސީ ކުޅޭނެ ފުރަތަމަ މެޗަކީ މި މަހު 19 ވަނަ ދުވަހު ލިޔޯނާ ދެކޮޅަށް ކުޅޭ މެޗެވެ.












