ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ށ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ ފުނަދުއަށް ވަޑައިގެން, އެ ރަށަށް ބޭނުންވެފައިވާ ކަންކަން ހާސިލުވާނެ ކަމުގެ ފެހި ސިގްނަލް ދެއްވައިފި އެވެ.
ތިން ދުވަހުގެ ދަތުރުގައި ރައީސް ށ. އަދި ރ. އަތޮޅުގެ ރަށްރަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު ފުރަތަމަ މަންޒިލެއްގައި ގޮތުގައި ވަޑައިގެންނެވީ ފުނަދުއަށެވެ. އަދި, އެ ރަށުގެ ކައުންސިލާ ބައްދަލު ކުރެއްވި އެވެ.
ބައްދަލުވުމަށްފަހު ފުނަދޫ ކައުންސިލް މެމްބަރަކު "އަދަދު"އަށް ވިދާޅުވީ ރައީސްއާއެކު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ކައުންސިލުން އެދޭ ކަންތައްތައް ރައީސްއާ ހިއްސާކުރި ކަމަށެވެ. އެ ކަންކަން ހުށަހެޅުމުން ރައީސްގެ ފަރާތުން ފުނަދުއަށާއި ކައުންސިލަށް އާ އުންމީދުތަކަކާއި ފެހި ސިގްނަލްތަކެއް ލިބުނު ކަމަށެވެ.
"ރައީސްގެ ކިބައިން އަޅުގަނޑުމެން އެދުނު ކަންކަމަށް ވަރަށް ރަނގަޅު ޖަވާބެއް ލިބިގެން ދިޔަ. ހަމަ 100 އެއް އަޅުގަނޑު ދޭނީ. އަޅުގަނޑުމެން އެދުނު ހުރިހާ ކަމަކަށްވެސް ރައީސް ވިދާޅުވީ ކޮށްދެއްވާނެ ކަމަށް،" މެންބަރު ވިދާޅުވި އެވެ.
ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ފުނަދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަޝްވަރާ އާއި، އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ވެސް އަވަސް ކޮށްދެއްވުމަށް ކައުންސިލުން އެދުނެވެ. މެންބަރު ވިދާޅުވީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއަކީ ރައީސްގެ ރިޔާސީ ވައުދެއް ކަމަށެވެ.

އޭގެ އިތުރުން ފުނަދޫގެ ޒުވާނުންގެ މަރުކަޒުގެ ސަރަހައްދުގައި ކުޅިވަރު އެރީނާތަކެއް އެޅުމަށްވެސް އެދުނު ކަމަށް މެންބަރު ވިދާޅުވި އެވެ. އެގޮތުން, އެ ތަނުގައި އިންޑޯ ވޮލީ ކޯޓެއް އެޅުމަށާއި، އެ ސަރަހައްދަކީ ގިރާ ސަރަހައްދެއްކަމުން އެ ސަރަހައްދުގައި ކަރަންޓު ކޭބަލްތައް ވަޅުުމުގައި ކުރިމަތިވެފައި ހުރި ދަތިތަކަށް ހައްލެއް ގެނައުމަށް އެދުނު ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

ފުނަދޫ ކައުންސިލާއެކު ރައީސް ބޭއްވި ބައްދަލުވުގެ ތެރެއިން
ފުނަދޫގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވެސް ކުރިޔަށް ގެންދިޔުމުގައި ހުރި ލަސްތަކާއި ދަތިތައް ރައީސްއާ ހިއްސާކުރެއްވި ކަމަށާއި އެކަމަށް ވެސް ރައީސްގެ ފަރާތުން ރަނގަޅު ޖަވާބެއް ލިބިގެންދިޔަ ކަމަށް ކައުންސިލްގެ މެންބަރު ވިދާޅުވި އެވެ.
"ވަރަށް ދުވަސްވެއްޖެ އެންމެ ދެ މީހަކާއި ހައިމާކެއް ގެނެސްގެން އެ މަސައްކަތް ކުރާތާ. އެކަމަށްވެސް ރައީސްއާ ހިއްސާކުރުމާއެކު ވިދާޅުވި ރަނގަޅު ހައްލެއް ގެންނަވާނެ ކަމަށް،" މެންބަރު ވިދާޅުވި އެވެ.
އާބާދީގެ ގޮތުން 2،200 އެއްހާ މީހުންގެ ދިރިއުޅޭ ށ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް އަދި އަތޮޅުގެ ވެރިކަން ވެސް ކުރާ ރަށް ކަމުގައިވާ ފުނަދޫގައި މިހާރު ވެސް ސަރުކާރުން އަންނަނީ މުހިންމު މަޝްރޫއުތަކެއް ހިންގަމުންނެވެ.
އޭގެ ތެރޭގައި ފުނަދޫގައި އިމާރާތްކުރާ އާ މިސްކިތުގެ މަސައްކަތް މިހާރު ނިމިފައިވާއިރު އެރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ މިހާރު ކޮންޓްރެކްޓްކޮށްފަ އެވެ.
އޭގެ އިތުރުން ފުނަދޫގެ މީހުން އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮންޓްރެކްޓްކޮށްފަ އެވެ. އަދި ފުނަދޫ ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަސައްކަތާއި އެ ރަށުގައި ހުންނަ ސްކޫލުގައި އާ 16 ކުލާސްރޫމް އެޅުމުގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.
ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށްފަހު ރައީސް ވަނީ ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ހޮސްޕިޓަލަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން އަދި ޑައިލިސިސް އާއި ކިމޮތެރަޕީފަދަ ހިދުމަތްތައް ދިނުމުގައި ވަނީ ދަތިތައް ރައީސްއާ ހިއްސާ ކުރެއްވި އެވެ.
ރައީސްގެ ދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވާއިރު، މިނިސްޓަރު ވަނީ މިއަދު އެ ރަށު ސްކޫލަަށް ޒިޔާރަތްކުރައްވައި، ސްކޫލުގެ ހާލަތު ބައްލަވާލައްވައިފަ އެވެ.
ރައީސްއާ އެކު މިދަތުރުފުޅުގައި ވަޑައިގަތް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ ފުނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ، ތަނުގައި ތިބި ބައެއް ކުޑަކުދިންނާ ވެސް ބައްދަލު ކުރައްވާފަ އެވެ.
ދަތުރުފުޅުގައި ފުނަދޫގެ އެމްޑީޕީގެ މެމްބަރުންނާ ވެސް ޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ސޯލިހު ބައްދަލު ކުރެއްވި އެވެ.
އެމްޑީޕީ ސަޕޯޓަރުންނާ ރައީސް ބައްދަލު ކުރެއްވިއިރު އިދިކޮޅު ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ވަނީ ރައީސް އެ ރަށަށް ވަޑައިގެންނެވުމުން, ކުރީގެ ރައީސް އަބްދުޛ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަޑުއުފުލާފަ އެވެ.












