ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ޝަރަފުވެރިކަމާއެކު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރިއިރު، އޭނާގެ މައްޗަށް ކުރެވުނު ސީރިއަސް މައްސަލަތަކަށް ހޯމް މިނިސްޓްރީން ރިއާއަތް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
މި އަހަރުގެ ޖެނުއަރީ މަސްތެރޭ ފައިރޫޝް ރިޓަޔާކުރި މައްސަލަ ބަލައިދިނުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެއާއެކު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކުރަން ފުލުހުންނާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން އެކަމުގެ ލިޔެކިޔުންތައް ދިރާސާކޮށްފަ އެވެ.
އެ މައްސަލަ ދިރާސާކޮށް 241 ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ ހޯމް މިނިސްޓްރީއާއި ފުލުހުންގެ ފަރާތުން ފައިރޫޝް ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރީ، އެ ހިދުމަތަށް 20 އަހަރު ދުވަހުގެ މުއްދަތަށް ހިދުމަތްކުރެއްވުމަށްފަހު، ފުލުހުން ރިޓަޔާކުރުމާ ބެހޭ ގަވާއިދުން ތަންދޭ ގޮތުގެ މަތިން އަމިއްލައަށް އެދިގެން ކަމަށެވެ.
އަދި ފައިރޫޝް ރިޓަޔާކުރިއިރު އަމަލުކުރަމުންދިޔައީ ކުރީގެ ފުލުހުންގެ ގާނޫނަށްކަމަށާއި، ފައިރޫޝް ރިޓަޔާކުރީ އާ ފުލުހުންގެ ހިދުމަތުގެ ގާނޫނު ޑިސެމްބަރު 27، 2020 ވަނަ ދުވަހު ތަސްދީގު ކުރިތާ ހަ ދުވަސް ފަހުންކަންވެސް އެ ދެ މުއައްސަސާއާ ހަވާލާދީ ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ.

ފައިރޫޝް ޝަރަފުވެރިކަމާއެކު ހިދުމަތުން ރިޓަޔާކުރިއިރު އޭނާގެ މައްޗަށް އާންމު އިޖުތިމާއީ މިންގަނޑުން ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަންވެސް ކޮމިޓީ ރިޕޯޓްގައި ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ވަނީ ފާހަގަކޮށްފަ އެވެ.
މައްސަލަ ދިރާސާކުރުމުގެ ތެރެއިން ކޮމިޓީގެ މެމްބަރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ފައިރޫޝްގެ މައްޗަށް ފެބްރުއަރީ 2012 ގައި ރާއްޖޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުރެވޭ ތުހުމަތުތައް ފާހަގަކޮށްފަ އެވެ.
އަދި އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެއް ޝަރަފުވެރިކަމާއެކު ރިޓަޔާކުރުމަށް ފުރުސަތު ދިނުމާ ގުޅޭގޮތުން މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކައިފަ އެވެ.
ފުލުހުންގެ ފަރާތުން މައްސަލައާ ގުޅިގެން ދިން މައުލޫމާތުތަކުގައި ފައިރޫޝް ރިޓަޔާކުރުމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިނުވާކަމަށް ބުނިނަމަ ވެސް، މަޖިލީހުގެ ރަސްމީ ރެކޯޑިންތަކާއި އާންމުވެފައިވާ އޯޑިއޯ އަދި ވީޑިއޯތަކުން ފެންނަން ހުރި މަންޒަރުތަކުން ފައިރޫޝް ރިޓަޔާކުރުމަށް ނިންމި ނިންމުން އެންމެ ރަނގަޅަށް ބެލިފައިނުވާކަން ކޮމިޓީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އެ މައްސަލައަށް ފުލުހުންގެ ފަރަތުން ދިން މައުލޫމާތުތަކުގައި ވަނީ ފައިރޫޝް ރިޓަޔާކުރުމަށް އެދި ހަތް ވަރަކަށް މަސް ކުރިން ތައްޔާރުވަމުން ދިޔަކަމަށް ފާހަގަކޮށް، އޭނާ ރިޓަޔާކުރިއިރު ފުލުހުންގެ ހިދުމަތުގެ ގާނޫނު ތަސްދީގުކުރެވިފައިވީ ނަމަވެސް އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހު ނުޖެހޭތީވެ، އޭނާ ރިޓަޔާކުރިއިރު އާ ގާނޫނަށް އަމަލުކޮށްފައިނުވާނޭކަމަށް ބަޔާންކޮށްފަ އެވެ.
ޑިސެމްބަރު 27، 2020 ވަނަ ދުވަހު ތަސްދީގުކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފަށަން ޖެހެނީ ތަސްދީގުކުރިތާ ތިން މަސް ދުވަސް ފަހުން މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.
އެ މައްސަަލައިގައި އާ ގާނޫނަށް އަމަލުކުރަން ނުފެށި އޮތުމަކީ ފައިރޫޝް ރިޓަޔާކުރުމަށް ހުރަސް އެޅޭނެކަމެއްކަމަށް ފުލުހުން ނުދެކޭކަމަށް ބުނެފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އަދި ފައިރޫޝް ވަޒީފާއިން ރިޓަޔާ ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ފުލުހުން އަދި ހޯމް މިނިސްޓަރު ވެސް ކޮމިޓީއަށް މައުލޫމާތު ދީފައިވާކަމަށް ރިޕޯޓްގައި ވެ އެވެ.
ކޮމިޓީން ވަނީ ފައިރޫޝް ރިޓަޔާކުރި މައްސަލައިގައި 2017 ވަނަ އަހަރު އޭނާގެ މައްޗަށް ހުށަހެޅުނު ޑިސިޕްލިނަރީ މައްސަލަ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބަލައި، ޑިސިޕްލިނަރީ ބޯޑުން ފައިރޫޝް އޭރުވެސް އަދާކުރަމުންދިޔަ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މަގާމުން ވަކިކުރަން ނިންމި ނިންމުންވެސް ފާހަގަކޮށްފަ އެވެ.
އަދި އެ މައްސަލަ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީންވެސް ނިންމުން ދަމަހައްޓާފައިވާކަން ފާހަގަކޮށްފަ އެވެ. އެއާއެކު އެ މައްސަލަ ފައިރޫޝްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައި، އެ ކޯޓުން ފައިރޫޝްގެ މަގާމާއި ވަޒީފާ އަލުން ރުޖޫއަކުރުމަށް ފުލުހުންގެ މައްޗަށް 2018 ވަނަ އަހަރު ނެރުނު ހުކުމާއެކު އޭނާ އަލުން މަގާމަށް ހަމަޖައްސާފައިވާކަންވެސް ފާހަގަކޮށްފަ އެވެ.
މައްސަލަ ދިރާސާކޮށް ނިންމި ރިޕޯޓްގައި ކޮމިޓީން ވަނީ ޖުމްލަ ދެ ހުށަހެޅުމަށް ހުށަހަޅާފަ އެވެ.
އެގޮތުން އެ މައްސަލައިގައި ފައިރޫޝްއާއި ދެކޮޅަށް ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތުހުމަތުތަކަކީ އާންމު އިޖުތިމާއީ މިންގަނޑުން ބަލާނަމަ ބޮޑެތި ތުހުމަތުތަކެއް ކަމުގައިވާތީވެ ކުރިޔަށް އޮތްތަނުގައި އެފަދަ ތުހުމަތެއް ކުރެވޭ ފަރާތެއް މަގާމުން ރިޓަޔާކުރުމަށް އެދުމުން ނުވަތަ މަގާމުން ޝަރަފްވެރިކަމާއެކު ރިޓަޔާކުރުމަށް އެދުމުން އެ ފަރާތެއްގެ މައްޗަށް ކުރެވޭ އެފަދަ ތުހުމަތުތަކަށް ރިއާޔަތްކުރުމަށް ފުލުހުންގެ ހިދުމަތުގައި އެދުމަށް ވަނީ ހުށަހަޅާފަ އެވެ.
ދެވަނަ ހުށަހަޅުމެއްގެ ގޮތުގައި ވަނީ ކުރިއަށް އޮތްތަނުގައި އެފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަދި އެފަދަ ހާލަތްތަކުގައި ހަރުދަނާކޮށް އަމަލުކުރުމަށްޓަކައި އުސޫލެއް ނުވަތަ ގަވާއިދެއް ހަދައި އަމަލުކުރަމުން ގެންދިޔުމަށް އަދި އެކަމަށްޓަކައި ތައްޔާރުކުރެވޭ ގަވާއިދެއް ތައްޔާރުކޮށް ނިމުމުން އެކަން ކޮމިޓީއަށް ހުށައެޅުމަށް ފުލުހުންގެ ކިބައިން އެދޭ ކަމަށެވެ.
ކޮމިޓީގެ ހޯދުންތަކާއި ހުށަހެޅުންތަކާއެކު އެ ރިޕޯޓު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.













