ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަން ޖެހޭ ތިން މެންބަރުން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އެކަން ދިރާސާކުރި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އެ ބޭފުޅުންނާ ވަކިވަކިން އިންޓަވިއުކުރުމަށް ފަހު އޭގެ ތެރެއިން ތިން ބައިކުޅަ ދެބައިގެ މެންބަރުންގެ ވޯޓުން ރުހުންދީފައިވަނީ އަޒްހާ ޒަމީރު، ފާތުމަތު ނިއުމާގެ އަދި ފާތިމަތު ޒީނާ އަލީ އަށެވެ. ކޮމިޓީން ނިންމި ގޮތަށް އެ ތިން ބޭފުޅުން އެލްޖީއޭގެ ބޯޑަށް އައްޔަނުކުރަން ފެންނަކަމަށް މަޖިލީހުން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭގެ ބޯޑަށް ރައީސް އައްޔަނުކުރަންވަންޖެހޭ ތިން މެމްބަރަކަށް ޖުމްލަ ފަސް ނަމެއް މަޖިލީހަށް ހުށަހެޅި އެވެ.
ރައީސް ހުށަހެޅުއްވި ނަންތައް
- އަޒްހާ ޒަމީރު / މ. ލިލީޒް
- އައިމިނަތު އަލީ / ދަފްތަރު
- ފާތުމަތު ނިއުމާ / ގ. ހިމާލިޔާގެ
- ފާތިމަތު ޒީނާ އަލީ / ހ. ރައިޒިން ސަން
- އައިޝަތު ޝީޒާ / ޝާޒީބިން ބ. ކެންދޫ
ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ވެސް ހިމެނެން ޖެހެ އެވެ.
ދެން އެލްޖީއޭގެ ބޯޑުގައި ތިބޭނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް އަދި އަތޮޅު ރައީސުންގެ ތެރެއިން މެންބަރަކާއި، ފިނޭންސް މިނިސްޓްރީން މިނިސްޓަރު ކަނޑައަޅާ މުވައްޒަފެކެވެ.

ފަސް އަހަރުގެ ދައުރެއް ކަނޑައަޅާފައިވާ ބޯޑުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް ވަނީ އައްޔަން ކުރައްވާފަ އެވެ.
އަދި އެލްޖީއޭގެ ބޯޑަށް ލޯކަލް ކައުންސިލްތަކުގެ ފަރާތުން އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުން ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.












