ޒިއުރިކް (ސެޕްޓެމްބަރު 6) - ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ރަށުންބޭރުގައި ސްވިޒަލެންޑާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، އިޓަލީން ދުނިޔޭގެ ފުޓްބޯޅައިގައި ބޮޑު ރެކޯޑެއް މުގުރާލައިފި އެވެ.
މިރޭގެ މެޗަށް ނުކުތްއިރު މިދިޔަ ހަފްތާގައި ކުޅުނު މެޗުން ބަލްގޭރިއާއާ 1-1 އިން އެއްވަރުކޮށް އިޓަލީ ވަނީ ޖެހިޖެހިގެން 35 މެޗުން ބަލިނުވެ، ފުރިހަމަކޮށް ބްރެޒިލާއި ސްޕެއިނުން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އެހެންވެ، މިރޭ ސްވިޒަލެންޑް އަތުން ބަލިނުވެ ފަރުޖައްސާލައިގެން އިޓަލީ އަށް އޮތީ ރެކޯޑް މުގުރާލުމުގެ ފުރުސަތު ލިބިފަ އެވެ. އެ ޓީމުން ވަނީ މެޗުން މޮޅުވެވޭ ވަރަށް މަސައްކަތް ކޮށްފަ އެވެ. އެކަމަކު ޖެހުނީ ޕޮއިންޓަކުން ފުއްދާލާށެވެ. އެކަމަކު، ބޮޑު ރެކޯޑެއް ގާއިމްކުރެވުނީ އެވެ.
ސްޕެއިނުން ބަލިނުވެ 35 މެޗު ހަމަކުރީ 2007 އިން 2009 އަށެވެ. ބްރެޒިލުން ބަލިނުވެ 35 މެޗު ފުރިހަމަކުރީ 1993-1996 އަށެވެ. ބްރެޒިލުން ވެސް ބަލިނުވެ 36 މެޗު ހަމަކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އިތުރުވާ މެޗަކީ ނުރަސްމީ ހައިސިއްޔަތަކުން ކުޅުނު އެކުވެރިކަމުގެ މެޗެއް ކަމަށް އެހެން ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިޓަލީ އަށް 2018 ވަނަ އަަހަރުގެ ވޯލްޑް ކަޕުން ޖާގަ ނުލިބި ކެޓިއިރު، އެ ޓީމު އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރު ފަހުކޮޅު އެވެ. އިޓަލީން ބޮޑު ރެކޯޑެއް ގާއިމް ކުރިއިރު، ބަލިނުވެ ދިޔަ މި މުއްދަތުގެ ތެރޭގައިވަނީ މި ފަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ.
ސްވިޒަލެންޑް އަތުން މިރޭ އިޓަލީ މޮޅުކޮށްދޭން ދާދި ފަހުން ޔޫރަޕްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މިޑްފީލްޑަރު ޖޯޖީނިއޯ ޖެހި ޕެނަލްޓީ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ ވަނީ މަތަކޮށްފަ އެވެ. އިޓަލީ މޮޅުކޮށްދޭން ޑޮމެނީކޯ ބެރާޑީ އާއި ލޮރެންޒޯ އިންސީނިއޭ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ޖޯޖީނިއޯ (ވ) ފޮނުވާލި ޕެނަލްޓީ ސްވިޒަލެންޑްގެ ކީޕަރު ސޮމާ މަތަކުރަނީ.
ޖެހިޖެހިގެން ދެ މެޗު މޮޅެއް ނުލިބި ނިންމާލަން ޖެހުނު ނަމަވެސް އިޓަލީ އޮތީ ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ. ސްވިޒަލެންޑް ދެ ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.
ކޮލިފައިންގައި މިރޭ ސްޕެއިން ކުޅުނު މެޗުން ވަނީ 4-0 އިން ޖޯޖިއާ ބަލިކޮށްފަ އެވެ. އެންމެ ފަހުން ކުޅުނު މެެޗުން ސްވިޑެން އަތުން ބަލިވުމުން ސްޕެއިން މިރޭ ނުކުތީ މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅުމަށެވެ. ސްޕެއިންގެ ގޯލުތައް ޖެހީ ހޯސޭ ގާޔާ، ކާލޮސް ސޮލާ، ޕަބްލޯ ސަރާބިއާ އަދި ފެރާން ޓޮރޭޒް އެވެ. ސްޕެއިން އޮތީ ކޮލިފައިން ގްރޫޕް ބީގެ އެއް ވަނައިގަ އެވެ.
ހަންސީ ފްލިކްގެ ކޯޗުކަމުގައި ކުޅުނު ޖަރުމަނުން ވަނީ 6-0 އިން އާރްމީނިއާ ބަލިކޮށްފަ އެވެ. ޖަރުމަނުގެ ގޯލުތައް ޖެހީ ސާޖް ގްނަބްރީ ދެ ގޯލާއި ޓިމޯ ވާނާ، މާކޯ ރެއުސް، ޖޮނަސް ހޮފްމަން އަދި ޒުވާން ކުޅުންތެރިޔާ ކަރީމް އަޑޭމީ އެވެ.
ބެލްޖިއަމުން 3-0 އިން ޗެކް ރިޕަބްލިކް ބަލިކުރިއިރު، ގޯލުތައް ކާމިޔާބުކުރީ ރޮމެލޫ ލުކާކޫ، އެޑެން ހަޒާޑް އަދި އަލެކްސިސް ސަލެމޭކާ އެެވެ. މި މެޗަކީ ލުކާކޫ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ.
ކޮލިފައިންގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އަންނަ އިންގްލެންޑުން ވަނީ މިރޭ 4-0 އިން އެންޑޯރާ ބަލިކޮށްފަ އެވެ. އިންގްލެންޑްގެ ގޯލުތައް ޖެހީ ޖެސީ ލިންގާޑް ދެ ގޯލާއި ހެރީ ކޭން އަދި ބުކާޔޯ ސަކާ އެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް އިންގްލެންޑް ވަނީ މޮޅުވެފަ އެވެ. ކޮލިފައިންގައި ދެން އެކަން ހާސިލްކުރި ޓީމަކީ ޑެންމާކް އެވެ.












