ގިނަ ކުދި ވިޔަފާރިތައް ހިންގަނީ ރަޖިސްޓްރީ ނުކޮށް: ދިރާސާ

ލޯކަލް މާރުކޭޓު ގޮޅިއަކުން މީހަކު ވިޔަފާރި ކުރަނީ: ރާއްޖޭގެ ގިނަ ކުދި ވިޔަފާރިތަކުން ހަރަކާތްތެރިވަނީ ޕްރައިމަރީ ސެކްޓާގެ ވިޔަފާރިތަކުގައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ލޯކަލް މާރުކޭޓު ގޮޅިއަކުން މީހަކު ވިޔަފާރި ކުރަނީ: ރާއްޖޭގެ ގިނަ ކުދި ވިޔަފާރިތަކުން ހަރަކާތްތެރިވަނީ ޕްރައިމަރީ ސެކްޓާގެ ވިޔަފާރިތަކުގައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ދިވެހި އިގުތިސޯދުގެ ތެރޭގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކުގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި ވިޔަފާރި ހިންގަނީ ރަޖިސްޓްރީ ނުކޮށް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ދިރާސާއަކުން ދައްކައިފި އެވެ.

އެމްއެސްބީއިން މިކަން ފާހަގަކުރީ 2019 ވަނަ އަހަރު ހިންގި ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ (ހަޔެސް)ގެ ކުދި ވިޔަފާރިތަކުގެ ރިޕޯޓުގަ އެވެ.

ހަޔެސް ދިރާސާއިން ދައްކާ ގޮތުގައި ކުދި ވިޔަފާރީގެ މިންގަނޑަށް ފެތޭ 40،232 ވިޔަފާރީގެ ތެރެއިން ރަޖިސްޓްރީކޮށްގެން ހިންގަނީ 9،253 ވިޔަފާރި ނުވަތަ އޭގެ ތެރެއިން 23 ޕަސެންޓު އެކަންޏެވެ. މިގޮތަށް ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކުގެ ތެރޭގައި ގިނައީ ގިނަ މުވައްޒަފުންތަކެއް ގެންގުޅޭ ވިޔަފާރިތަކެވެ.

ވިޔަފާރި ރަޖިސްޓްރީ ނުކުރި ނަމަވެސް، 31،360 ވިޔަފާރިވެރިއަކު ބުނީ އެމީހުންނަށް މައިގަނޑު އާމްދަނީ ލިބެނީ ވިޔަފާރިކޮށްގެން ކަމަށެވެ.

ކުދި ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ގިނައީވެސް އަމިއްލަ ފަރުދަކު އެކަނި ހިންގާ (ސެލްފް އެމްޕްލޯއިޑް) ވިޔަފާރިތަކެވެ. ކުދި ވިޔަފާރިތަކުގެ ތެރެއިން 85 ޕަސެންޓު ވިޔަފާރިއަކީ މިގޮތަށް އެކަކު ބައިވެރިވެގެން ހިންގާ ވިޔަފާރިތަކެވެ. އަދި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވާ ވިޔަފާރިތަކުގެ ތެރޭގައިވެސް ގިނައީ ދެ މީހަކު ބައިވެރިވެގެން ހިންގާ ވިޔަފާރިތަކެވެ.

ހަޔެސް ރިޕޯޓުގައި ގިނަ ވިޔަފާރިތަކެއް ރަޖިސްޓްރީ ނުކޮށް ހިންގާ ކަމަށް ފާހަގަކޮށްފައިވާއިރު، މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދޭ ފުރިހަމަ އިނާޔަތްތަކުގެ ބޭނުން ނުހިފެ އެވެ. އަދިި ގާނޫނު އޮންނަ ގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރިތައް، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް ލިބޭ ގާނޫނީ ހައިސިއްޔަތު ލިބެނީ ރަޖިސްޓްރީ ކުރީމަ އެވެ.

އާމްދަނީ ބޮޑީ ހޯލްސޭލް އަދި ރީޓެއިލްގެ

ކުދި ވިޔަފާރިތަކަށް ކޮންމެ މަހަކު އާމްދަނީގެ ގޮތުގައި 709 މިލިއަން ރުފިޔާ ލިބެ އެވެ. އެވަރެޖްކޮށް ވިޔަފާރިއަކަށް 22،618ރ. ގެ އާމްދަނީއެއް ލިބޭއިރު، ވިޔަފާރީގެ ބާވަތުން އާމްދަނީގައި ބޮޑެތި ފަރަގުތަކެއް އުޅޭކަމަށް ދިރާސާއިން ފާހަގަކުރެވެ އެވެ.

މިގޮތުން ބަލާއިރު، އެވަރެޖްކޮށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އެންމެ ބޮޑީ ހޯލްސޭލް އަދި ރީޓެއިލްގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އެވަރެޖް އާމްދަނީއަކީ 92،501ރ. އެވެ.

ދެން އެންމެ ގިނައިން އާމްދަނީ ލިބެނީ ޓްރެވަލް އެޖެންސީތައް ހިމެނޭ އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ސާވިސަސް ވިޔަފާރިތަކަށެވެ. މި ވިޔަފާރިތަކުގެ އެވަރެޖް އާމްދަނީއަކީ 57،250ރ. އެވެ. އެއާ ވިދިގެން އޮތީ ކޮންސްޓްރަކްޝަން ވިޔަފާރިތަކެވެ. އެ 45،717ރ. އެވެ.

ކުދި ވިޔަފާރިތަކުގެ ތެރެއިން އެންމެ ކުޑަ އާމްދަނީއެއް ލިބެނީ ގޭބިސީތަކުން އާމްދަނީ ހޯދާ ވިޔަފާރިތަކަށެވެ. މި ކެޓެގަރީގައި ކުދިން ބަލާ "ނެނީސް" ނޫނީ "ބޭބީސިޓާސް" އާއި ގޭގެ މަސައްކަތްތަކުގައި ގެންގުޅޭ މީހުން ހިމެނެ އެވެ. މި ވިޔަފާރިތަކުގެ މަހެއްގެ އެވަރެޖް އާމްދަނީއަކީ 2،350ރ. އެވެ.

އެކަމަކު ފައިދާ ބޮޑީ ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުގެ

ހަޔެސް ދިރާސާއިން ދައްކާގޮތުގައި 2019 ގައި ކުދި ވިޔަފާރިތަކުން ފައިދާގެ ގޮތުގައި ލިބުނީ 203 މިލިއަން ރުފިޔާ އެވެ. މިއީ މަހެއްގެ މައްޗަށް ކޮންމެ ވިޔަފާރިއަކަށް 6،480ރ. ފައިދާ އެވެ. އެކަމަކު ވިޔަފާރީގެ ބާވާތުން ފައިދާ ލިބޭ މިންގަނޑު އުޅެނީ 1،958ރ. އާއި 17،439ރ. އާ ދޭތެރޭގަ އެވެ.

މިހެން ބަލާއިރު މަހެއްގެ މައްޗަށް އެވަރެޖްކޮށް ލިބޭ ފައިދާ އެންމެ ބޮޑީ އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ސާވިސަސް ދާއިރާގެ ވިޔަފާރިތަކުގެ އެވެ. އެއީ މަހެއްގެ މައްޗަށް 17،439ރ. އެވެ.

ދެން ބޮޑު ފައިދާއެއް ލިބެނީ ވޭސްޓް މެނޭޖްމަންޓް ހިދުމަތްދޭ ވިޔަފާރިތަކަށާއި މައުލޫމާތާއި މުވާސަލާތީ ހިދުމަތްދޭ ވިޔަފާރިތަކެވެ. އެއީ 16،821ރ. އާއި 15،000ރ. އެވެ.

އާމްދަނީ އިތުރަށް ލިބުނު ނަމަވެސް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން ލިބޭ ފައިދާ ބޮޑެއް ނޫނެވެ. މީގެ ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކުރީ، އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމުގެ (ލޮޖިސްޓިކްސް) އަގު ބޮޑުވުމެވެ.

ކުރިން ފާހަގަކުރި ދާއިރާތަކުގެ ވިޔަފާރިތަކާ ބަލާ ފައިދާ ކުޑަ ނަމަވެސް، މި ވިޔަފާރިތަކުން ވެސް ރަނގަޅު ފައިދާއެއް ލިބެ އެވެ. އަދި އެވަރެޖްކޮށް މަހެއްގެ މައްޗަށް ފައިދާގެ ގޮތުގައި 12،558ރ. ޖެހެ އެވެ.

އެންބީއެސްއިން އާންމުކުރި ހަޔަސް 2019 ސްމޯލް އެންޓަޕްރައިސް ރިޕޯޓުގައި ނުރަސްމީ ވިޔަފާރިތައް ހިމެނޭގޮތަށް 17 އަތޮޅަކާއި ގްރޭޓާ މާލެ ސަރަހައްދުގެ ކުދި ފަންތީގެ ވިޔަފާރިތަކުގެ މައުލޫމާތު ހިމަނާފައިވެ އެވެ.

މިއީ މިހާތަނަށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައްޔާރުކުރެވުނު އެންމެ ތަފްސީލީ އަދި އެންމެ ފުރިހަމަ ދިރާސާކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ. އެގޮތުން ވިޔަފާރިތަކުގެ އަދަދާއި، މުވައްޒަފުންނާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން އާމްދަނީ އާއި ފައިދާގެ ތަފާސްހިސާބުތައް އެ ރިޕޯޓުން ފެންނަން އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox