ކުއްޖާއަކީ ކާކުކަން ތަޢާރުފުކޮށްދޭ އާރުކާޓީއަކީ އޭނާގެ ނަމެވެ. އެހެންކަމުން އެއީ އޭނާގެ އިންސާނީ ކަރާމަތާ އެކަށޭނަ އެއްޗެއް ކަމުގައި ވާންޖެހެ އެވެ. އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ނަން ކިޔުމަކީ ވާޖިބުވެގެންވާ ކަމެއް ކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައި ވެ އެވެ. ކުއްޖަކު އުފަންވުމުން އޭނާއަށް ދެވޭ އެންމެ މުހިންމު އެކައްޗަކީ އޭނާގެ ނަމެވެ. އޭނާގެ ނަމަކީ އޭނާގެ ޝަޚުޞިއްޔަތާ ގުޅިފައިވާ އެއްޗެކެވެ. އެހެންކަމުން، އިސްލާމްދީނުގައިވަނީ ކުދިންނަށް ނަން ކިޔުމާބެހޭ ހަމަތަކެއް ބަޔާންކުރައްވާފަ އެވެ.
ނަންކިޔާ ދުވަސް
ނަބަވީ ސުންނަތުން އެނގޭ ގޮތުގައި، ކުދިންނަށް ނަން ކިޔުން ސުންނަތްވެގެންވާ ތިން ދުވަހެއް ވެ އެވެ. އެއީ އޭނާ އުފަންވާ ދުވަހާއި، އޭނާގެ ޢުމުރުގެ ފުރަތަމަ ތިން ދުވަހުގެ ތެރެއިން ދުވަހަކާއި، އޭނާގެ ޢުމުރުން ހަތްވަނަ ދުވަހެވެ. ކުއްޖާއަށް ނަން ކިޔުމުގެ ކުރިން މި ތިން ދުވަސް ފާއިތުވެއްޖެނަމަ، އެހެން ދުވަހެއްގައި އެކަން ކުރެވިދާނެ އެވެ.
ނަންކިޔާނީ ކާކު؟
ކުއްޖާގެ މަންމައާއި ބައްޕައާ ދެމީހުން މަޝްވަރާކޮށްގެން އޭނާއަށް ނަމެއް ކިޔުމަކީ އެންމެ މަޞްލަޙަތުހުރި ގޮތެވެ. މި ގޮތާ ޚިލާފުވެ، ކުއްޖާއަށް ނަން ކިޔުމުން ކުއްޖާގެ ބައްޕަ މަޙްރޫމުކުރުމަކީ، އިސްލާމީ ނަޒަރުން ބަލާއިރު ކުއްޖާގެ މަންމައަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ އިސްލާމްދީނުގައި ކުއްޖާއަށް ނަން ކިޔުމުގެ ޙައްޤު ދެއްވާފައިވަނީ ކުއްޖާގެ ބައްޕައަށެވެ. އެންމެ ރަނގަޅު ގޮތަކީ، ކުއްޖާގެ މަންމައާއި ބައްޕައާ ދެމީހުންގެ ދެމެދުގައި މަޝްވަރާކުރެވިގެން ކުއްޖާގެ ބައްޕަ ކުއްޖާއަށް ނަންކިޔުމެވެ.
ކުއްޖާ ނިސްބަތްކުރާނީ ކާކަށް؟
އިސްލާމްދީނުގައި ކުއްޖާ ނިސްބަތްކުރުން ޙައްޤުވެގެންވަނީ ކުއްޖާގެ ބައްޕައަށެވެ. މީގެ މާނައަކީ، ކުއްޖާގެ ނަމުގެ ފަހަތަށް ގެނެވޭނީ ކުއްޖާގެ ބައްޕަގެ ނަމެވެ. ކުއްޖާގެ މަންމަގެ ނަމެއް ނޫނެވެ. މިކަން، އަލްއަޙްޒާބު ސޫރަތުގެ 5 ވަނަ އާޔަތުން އެނގެ އެވެ. ނަބަވީ ސުންނަތުން އެނގޭ ގޮތުގައި، ޤިޔާމަތްދުވަހު މީސްތަކުންނަށް ގޮވައިލެއްވޭނީ ވެސް އެމީހުންގެ ނަމުންނާއި އެމީހުންގެ ބައްޕައިންގެ ނަމުންނެވެ.
ނަމެއް އިޚުތިޔާރުކުރުން
މުސްލިމު ކުއްޖަކަށް ކިޔުމަށްޓަކައި އިޚުތިޔާކުރަންވާނީ، އިސްލާމީ ޝަރުޢުގައި ހުއްދަވެގެންވާ ނަމެކެވެ. އެއީ ދުލުން ކިޔަން ފަސޭހަ އަދި މާނަ ރީތި ނަމެއް ކަމުގައި ވާންވާނެ އެވެ. އެއީ މުސްލިމުންގެ ގާތުގައި މަޤުބޫލު އަދި ރަނގަޅު ނަމެއް ކަމުގައި ވެސް ވާންވާނެ އެވެ. އިސްލާމީ ސަގާފަތުގައި މުސްލިމުން އިސްކަންދީފައިވަނީ ޢަރަބި ބަހުގެ ނަންނަމުން ކުދިންނަށް ނަންކިޔުމަށެވެ. ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގެ އަލީގައި ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ނަންތަކެއް ވެ އެވެ. ތިރީގައި މިވަނީ އޭގެ ބައެއް ތަފުޞީލެވެ.
- ޢަބްދުﷲ އާއި ޢަބްދުއްރަޙްމާނުގެ ނަމުން ނަންކިޔުން: މި ދެ ނަމަށް އިސްކަންދެވިފައިވަނީ، އަލްޖިންނި ސޫރަތުގެ 19 ވަނަ އާޔަތާއި އަލްފުރްޤާނު ސޫރަތުގެ 63 ވަނަ އާޔަތާއި އަލްއިސްރާއު ސޫރަތުގެ 110 ވަނަ އާޔަތުގެ އަލީގަ އެވެ.
- ތަޢުބީދުގެ ނަމުން ނަން ކިޔުން: މި ގޮތަށް ނަން ކިޔުމުގެ މިސާލަކީ، ޢަބްދުލްޢަޒީޒު ނުވަތަ ޢަބްދުލްމަލިކު ފަދަ ނަންނަމުން ނަންކިޔުމެވެ. މި ގޮތަށް ނަންކިޔާއިރު ނަން އެކުލެވިގެންވާނީ ޢަބްދުއާއި މާތް ﷲ ގެ އިސްމުފުޅަކުންނެވެ.
- ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ނަންފުޅުތަކުން ނަންކިޔުން: އެ ބޭކަލުންނަކީ އިންސާނުންގެ ތެރެއިން އެންމެ މާތް ބޭކަލުންނެވެ. އެ ބޭކަލުންނަކީ އެންމެ އަޚުލާޤު ރަނގަޅު އަދި އެންމެ ހެޔޮ ޢަމަލުތައް ކުރެއްވި ބޭކަލުންނެވެ. އެ ބޭކަލުންގެ ނަންފުޅުތަކުން ކުދިންނަށް ނަން ކިޔުމަކީ، އެ ބޭކަލުންގެ ސިފަފުޅުތަކާއި ޢަމަލުފުޅުތައް ހަނދާންވެ، އެއާ އެއްގޮތަށް ކުދިންގެ އުޅުމާއި ގުޅުން ބައްޓަންވެގެންދާނެ ކަމެކެވެ. އެ ބޭކަލުންގެ ނަންފުޅުތަކުން ކުދިންނަށް ނަން ކިޔުމަކީ ހުއްދަ ކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. މިއާ ޚިލާފަށް ބަސްފުޅެއް ވިދާޅުވީ ޢުމަރުގެފާނެވެ. އެކަލޭގެފާނުގެ ޒަމާނުގައި ނަބީބޭކަލުންގެ ނަންފުޅުން ކުދިންނަށް ނަންކިޔުމަކީ އެކަލޭގެފާނު މަނާކުރައްވާފައިވާ ކަމެކެވެ. އިބްނު ޙަޖަރު ވިދާޅުވެފައިވަނީ، ފަހުން އެކަލޭގެފާނު އެކަން މަނާކުރެއްވުން ދޫކޮށްލެއްވި ކަމަށެވެ. ނަބީބޭކަލުންގެ ނަންފުޅުތަކުގެ ތެރެއިން އެންމެ މާތް އަދި އެންމެ މޮޅުއިތުރު ނަންފުޅަކީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މާތް ނަންފުޅު ކަމުގައިވާ "މުޙައްމަދު" އެވެ.
- މުސްލިމުންގެ ތެރެއިން ޞާލިޙު ބޭކަލުންގެ ނަންފުޅުތަކުން ނަންކިޔުން: ޞާލިޙު ބޭކަލުންގެ ނަންފުޅުތަކުން ކުދިންނަށް ނަންކިޔުމަކީ، އަޞްޙާބުބޭކަލުން ކުރައްވާފައިވާ ކަމެކެވެ. މިފަދަ ކަންކަމުގައި އެ ބޭކަލުންނާ އިޤުތިދާވުމަކީ މުސްލިމުންގެ މައްޗަށް އޮތް ކަމެކެވެ. މާތް ޞަޙާބީ އައްޒުބައިރު ބްނުލް ޢައްވާމު ވަނީ، ބަދުރު ހަނގުރާމައިގައި ޝަހީދުވެވަޑައިގެންނެވި ބައެއް ބޭކަލުންގެ ނަންފުޅުތަކުން އެކަލޭގެފާނުގެ ބޭފުޅުންނަށް ނަންދެއްވާފަ އެވެ.
ޝަރުޠުތަކާއި އަދަބުތައް
އިސްލާމްދީނުގެ ޝަރުޢީ ނައްޞުތަކުން އެނގޭ ގޮތުގައި، ކުދިންނަށް ނަންކިޔުމުގެ މައިގަނޑު ދެ ޝަރުޠެއް ވެ އެވެ. އެ ދެ ޝަރުޠު ފުރިހަމަވުމުން ނޫނީ، ޝަރުޢީ ނަމެއް ކަމުގައި ނުވާނެ އެވެ.
ފުރަތަމަ ޝަރުޠަކީ، ޢަރަބި ބަހުގެ ނަމެއް ކަމުގައި ވުމެވެ. މީގެ މާނައަކީ، ބިދޭސީ ނަންތަކާއި އެކި ގޮތްގޮތަށް އުފެއްދޭ ނަންތަކާއި ޣައިރުދީނުގެ ނަންތަކަކީ ޝަރުޢީ ނަންތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫނެވެ.
ދެވަނަ ޝަރުޠަކީ، ކިޔަން ފަސޭހަ އަދި މާނަ ރީތި ނަމެއް ކަމުގައި ވުމެވެ. މީގެ މާނައަކީ، ލަފުޒުގެ ގޮތުން ނުވަތަ މާނައިގެ ގޮތުން ނުވަތަ ލަފުޒުގެ ގޮތުންނާއި މާނައިގެ ގޮތުން ޙަރާމް ނަންތަކާއި މަކްރޫހަ ނަންތަކަކީ ޝަރުޢީ ނަންތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫނެވެ.
ނަންކިޔުމުގެ އަދަބުތަކުގެ ތެރޭގައި ލޯބިވެތި ނަން އިޚުތިޔާރުކުރުން ހިމެނެ އެވެ. އަދި އަކުރުތައް މަދު ނަމަށާއި ކިޔަން ފަސޭހަ ނަމަށާއި އަޑުއިވޭއިރު ފަސޭހައިން ދޭހަވާ ނަމަށް އިސްކަންދިނުން ވެސް ހިމެނެ އެވެ.
ޙަރާމް ނަންތައް
އިސްލާމީ ޝަރުޢުގެ ނަޒަރުން ބަލާއިރު، ކުދިންނަށް ކިޔުން ޙަރާމް ނަންތަކެއް ވެ އެވެ. އެއީ:
- މާތް ﷲ ފިޔަވައި އަޅުކަންކުރެވޭ އެހެން އެއްޗަކަށް ކިޔާ ނަން.
- މާތް ﷲ ފިޔަވައި އެހެން ފަރާތެއްގެ އަޅެއްކަމުގެ މާނަ އެކުލެވޭ ނަން.
- މާތް ﷲ ގެ އިސްމުފުޅުތަކުގެ ތެރޭގައި ހިމެނޭ އިސްމުފުޅެއް.
- ޣައިރު މުސްލިމުންގެ ދަރިންނަށް ކިޔާ ނަން.
- ޣައިރު މުސްލިމުން އަޅުކަންކުރާ ބުދަށް ކިޔާ ނަން.
- ނުބައި މާނައާއި ދޮގު މާނަ އެކުލެވޭ ނަމާއި ޝައިޠާނުންނަށް ކިޔާ ނަން.
މަކްރޫހަ ނަން
މަކްރޫހަ ނަންނަމުގެ އެތައް ބާވަތެއް ވެ އެވެ. އޭގެތެރޭގައި:
- ލަފުޒުގެ ގޮތުންނާއި މާނައިގެ ގޮތުން އެ ނަންނަމަށް ނަފުރަތުކުރެވޭ ނަން.
- މީހަކަށް ކިޔާ ނަމެއްގެ ގޮތުގައި އެ ނަމެއް އަޑުއިވުމުން ނުރުހުމާއި މަލާމާތް ރައްދުވެދާނެ ފަދަ ނަން.
- ޝަހުވާނީ އެދުންވެރިކަމާއި ބެރެކިބަހުގެ ނަން.
- ފާސިޤުންނާއި ނުބައި ކަންތައް ކުރާ މީހުންނަށް ކިޔާ ނަން.
- އުރެދުމާއި ފާފައިގެ މާނަ އެކުލެވޭ ނަން.
- ފިރުޢައުނާއި ކިސްރާއާއި ޤާރޫނާއި ހާމާނު ފަދަ ނުބައި މީސްމީހުންނަށް ކިޔާފައިވާ ނަން.
- ނޭދެވޭ ކަންކަމުގެ މާނަ އެކުލެވޭ ނަން.
- މަލާމާތްކުރެވޭ ސިފަތަކުން މަޝްހޫރުވެފައިވާ ޖަނަވާރުގެ ނަން.
- އިސްލާމްދީނަށް ތައުހީނުކުރުމުގެ މާނަ އެކުލެވޭ ނަން.
- ބަރަކާތް ޙާޞިލުކުރުމުގެ ނިޔަތުގައި އިތުރުކުރާ ނަމަކާއެކު ކިޔާ މުރައްކަބު ނަން.
- މަލާއިކަތްބޭކަލުންގެ ނަންފުޅުތަކުން ކިޔޭ ނަން.
- ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ނަމުން ކިޔޭ ނަން.
ނަން ބަދަލުކުރުން
އިސްލާމީ ޝަރުޢުގައި ހުއްދަނޫން ނަމަކުން މުސްލިމު ކުއްޖަކަށް ނަން ކިޔާފައިވާކަން އެނގިއްޖެނަމަ، އެ ކުއްޖާގެ ބެލެނިވެރިންގެ މައްޗަށް އޮތީ ހުއްދަ ނަމަކަށް އޭނާގެ ނަން ބަދަލުކުރުމެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ، މީހުންނަށް ކިޔާފައިވާ ޝިރުކުގެ ނަންނަން، އިސްލާމީ ނަންނަމަށް ބަދަލުކުރައްވާފަ އެވެ. އަދި ކުފުރުގެ ނަންނަން، އީމާންކަމުގެ ނަންނަމަށް ބަދަލުކުރައްވާފަ އެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ހުތުރު ނަން، ރީތި ނަމަށް ބަދަލުކުރެއްވި އެވެ."
މި ބަޔާންކުރެވުނީ ކުދިންނަށް ނަން ކިޔުމުގައި މުސްލިމުން ތަބާވާންޖެހޭ ބައެއް ކަންކަމެވެ. އިސްލާމީ ރީތި ނަންނަމުން ކުދިންނަށް ނަންކިޔުމުގެ ހެޔޮ ތައުފީޤު، މާތް ﷲ، މުސްލިމުންނަށް ދެއްވާށި އެވެ! އާމީން.








