އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރުން ކުށްވެރިކޮށް، އިންޑިޔާ އާއި ދިވެހިރާއްޖޭގެ ގުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
"އައްޑަނަ" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވީ ވަގު ފައިސާ ދޮވުމުގެ ކުށް ސާބިތުވާ ކަމަށް ޔާމީންގެ މައްޗަށް ކަނޑައަޅާފައި ވަނީ އިންސާފުވެރި ޝަރީއަތެއްގައި ނޫން ކަމަށެވެ. އަދި އިންޑިޔާއިން ރާއްޖެއާ ބާއްވާ ގާތް ގުޅުމުގެ ސިއްރުގެ ފަހަތުގައި ވަނީ ގައުމު އަޅުވެތި ކުރުމުގެ ނިޔަތް ކަމަށް ވެސް ޖަލްސާގައި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
މިރޭ ޖަލްސާގައި ޔާމީންއަށް ހުކުމް ކުރި ފަނޑިޔާރުންގެ މަޖިލިހުގައި ހިމެނޭ ތިން ފަނޑިޔާރެއްގެ ލީކުވެފައި ކަމަށް ބުނާ އޯޑިއޯތަކެއް އިއްވި އެވެ. އަދި ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލު އަދި އެމަނިކުފާނުގެ ކުރީގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ޔާމީންގެ ހުކުމް އިންސާފުވެރި ނޫން ކަމަށް ހުކުމްކޮށްފ އެވެ.
"މިރޭ ކުރާނީ ހުކުމެއް. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މިކަމުގެ ތެރޭގައި ހުރުމާއި ހެކި އުފެއްދުމާއި ހެކިންނަށް ނުފޫޒު ފޯރުވުމާއި ބިރުދެއްކުމާއި އަދި ފަހު ވަގުތުގައި ފަނޑިޔާރަށް ބިރުދައްކާ ހުކުމް ފޭރިގަތުމާއި ހުކުމް ކުރަން ހުރި ފަނޑިޔާރު ގަތުލު ކުރުމާއި އެއަށްފަހު އައި ފަނޑިޔާރަށް ބޮޑެތި ހަދިޔާ އާއި އިނާޔަތްތައް ދިނުމާއި މި ހުރިހާ ކަންތައްތަކެއް މި ގޮތުގެ މަތިން ސާބިތުވާތީ ހުރިހާ ބޭފުޅުންގެ އިންތިފާގާ އެކީގައި މިއަދު ފެށިގެން އެމްޑީޕީގެ އެއްވެސް މީހަކަށް އިންސާފުގެ މި ލަފުޒު ބުނުން މަނާވެއްޖެ،" ޖަމީލް ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އިންޑިޔާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އެގޮތުން 2018 ގައި ބޭއްވި އިންތިހާބު އިންޑިޔާއިން "ވަގަށް" ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިޔާގެ އެހީއާއެކު މި ދެންނެވި މީހުން 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ވަގަށް ނަގައިފި. ބޮޑުތަނުން ވަގަށް ނަގައިފި،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެއްޓުމަކަށްވީ އެއް ގައުމަކަށް ބަރޯސާވާ ހާރިޖީ ސިޔާސަތެއް ނުގެންގުޅުއްވުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ވެސް މި ދިމާވީ މި ގޮތް. ރައީސް ޔާމީނަކީ ވަކި އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ދިވެހިރާއްޖެ ތަރައްގީގައި ބައިވެރިވާ ހުރިހާ ގައުމަކާއެކީގައި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވި ފަހުރުވެރި ދިވެހި ދަރިއެއް،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އެދިވަޑައިގަތީ އިންޑިޔާގެ ސިފައިން ގެންގުޅޭ އަސްކަރީ ހެލިކޮޕްޓަރު ބަލަހައްޓާ އިންޑިޔާ ސިފައިން ގައުމުން ފޮނުވާލުމަށެވެ.
"އަޅުގަނޑު ސަރުކާރަށް ގޮވާލަން ބޭނުންވަނީ މިހާރުން މިހާރަށް އިންޑިޔާގެ އަސްކަރީ ސިފައިން މި ގައުމުން ބާލާށޭ. ގޮތް ނޭނގޭ އެގްރިމެންޓުތައް އުވާލާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "މިއަދު ރާއްޖެ މި އޮތީ އަލިފާނން ފަރުބަދައެއް ގޮވަން ދުން އަރާ ފަދަ ހާލަތެއްގައި. މި ފަރުބަދަ ގޮވާނީ ކޮން އިރަކު ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ".
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޖަލްސާ އަދިވެސް ދަނީ ކުރިއަށެވެ. އަދި އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ކައުންސިލް މެމްބަރުން ވާހަކަ ދެއްކުމަށް ހަމަޖެހިފައިވެ އެވެ.












