މެޑްރިޑް (ސެޕްޓެމްބަރު 3) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ 2-1 އިން ސްވިޑެން އަތްދަށުވެ، 28 އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ސްޕެއިން ބަލިވެއްޖެ އެވެ.
ރޭގެ މެޗުގެ ކުރިން ސްޕެއިން އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ބަލިވީ 1993 ވަނަ އަހަރު ޑެންމާކް އަތުންނެވެ. އޭގެ ފަހުން ރޭގެ މެޗާ ހަމައަށް ސްޕެއިން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި 66 މެޗުން ބަލިނުވެ ފުރިިހަމަކޮށްފަ އެވެ. އޭގެ ތެރެއިން 52 މެޗުން މޮޅުވިއިރު، 14 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކު ނުލައި ސްޕެއިން ޓީމު ނަގާ މައްސަލައިގައި ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އަށް އަންނަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ.
ސްވިޑެން ދަނޑުގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ސްޕެއިނަށް ލީޑުނަގައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި މިޑްފީލްޑަރު ކާލޮސް ސޮލެއާ އެެވެ. ސްޕެއިނުން ލީޑުނެގިތާ 12 ސިކުންތު ފަހުން ސްވިޑެންގެ ހުނަރުވެރި ފޯވާޑް އަލެކްސަންޑަ އައިސާކް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ސްވިޑެން މޮޅުކޮށްދިން ގޯލު ޖެހީ ދެ ވަނަ ހާފްގައި ޑޭޖާން ކުސުލެވްސްކީ ދިން ބޯޅައަކުން ވިކްޓަ ކްލައެސަން އެވެ.
ސްވިޑެން ކޮލިފައިން ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ހަތަރު މެޗުން ސްޕެއިނަށް ލިބުނީ ހަތް ޕޮއިންޓެވެ. ގްރޫޕްގެ އެއް ވަނަ އެކަނި ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ދެ ވަނަ ޓީމު ޖެހޭނީ ޕްލޭއޮފެއް ކުޅޭށެވެ.

ބަލްގޭރިއާ ކުޅުންތެރިއަކު ކައިރިން އިޓަލީގެ ކިއޭސާ (ކ) ބޯޅަ ހިފައިގެންދަނީ.
ޔޫރޯގެ ޗެމްޕިއަން އިޓަލީން ރޭ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ބަލްގޭރިއާއާ އެއްވަރުވެފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ފެޑެރީކޯ ކިއޭސާ އިޓަލީ އަށް ލީޑުނަގައިދީފައި ވަނިކޮށް ބަލްގޭރިއާ އަށް އެއްވަރުކޮށްދިނީ އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ކްލަބަކަށް ކުޅޭ އެޓާނަސް އިލީއެވް އެވެ. މި މެޗުގައި އިޓަލީ މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ބަލްގޭރިއާގެ ކީޕަރު ޖިއޯޖީ ޖިއޯޖީއެވް ވަނީ ގިނަ ބޯޅަތަކެއް ހުއްޓުވައިފަ އެވެ.
މެޗަށް ފަހު އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ މި މެޗުގައި އިތުރު އެއް ހާފް ކުޅުނު ނަމަވެސް އިޓަލީ އަށް ގޯލެއް ޖެހޭނެތޯ އެއީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށާއި ސަބަބަކީ މިއީ އެ ޓީމަށް ލަނޑު ޖެހުމުގެ ނަސީބު އެންމެ ރަނގަޅު މެޗަކަށް ނުވުން ކަމަށެވެ.
މި ފަހަރުގެ ކޮލިފައިންގައި އިޓަލީގެ ސައްތަ އިން ސައްތަ ރެކޯޑް ނިމުމަކަށް އައި ނަމަވެސް އެ ޓީމުން ރޭގެ ނަތީޖާއާ އެކު ވަނީ ބައިނަލްއަގުވާމީ މެޗުތަކުގައި ޖެހިޖެހިގެން ބަލިނުވެ، 35 މެޗު ހަމަކޮށް ސްޕެއިނާއި ބްރެޒިލްގެ ރެކޯޑާ ހަމަކޮށްފަ އެވެ. އިޓަލީ އޮތީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގަ އެވެ.
ހަންގޭރީގެ ޕުސްކަސް އެރީނާގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފްގައި ހަތަރު ގޯލު ޖަހައި އިންގްލެންޑް ވަނީ 4-0 އިން މޮޅުވެފަ އެވެ. ހަންގޭރީ ކޮޅަށް އިންގްލެންޑްގެ ގޯލުތައް ޖެހީ ރަހީމް ސްޓާލިން، ހެރީ ކޭން، ހެރީ މެގުއާ އަދި ޑެކްލަން ރައިސް އެވެ. މި މެޗުން މޮޅުވެ، އިންގްލެންޑް ކޮލިފައިން ގްރޫޕް އައިގެ އެއް ވަނައިގައި އޮތީ ފުރިހަމަ ރެކޯޑަކާ އެކީ ކުޅުުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެެވެ.
ކޮލިފައިންގައި ރޭ ޖަރުމަނުން ވަނީ ޓިމޯ ވާނާ އާއި ލެރޯއި ސާނޭގެ ގޯލުތަކުން 2-0 ލިޗެސްޓައިން ބަލިކޮށްފަ އެވެ. މިއީ ޖަރުމަނުގެ އާ ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ޔޫރޯ އަށް ފަހު ޖަރުމަނުގެ ކޯޗަކަށް ކުރިން ހުރި ޔަކީމް ލޯ ވަނީ ވަކިވެފަ އެވެ. އެސްޓޯނިއާ ދަނޑުގައި ބެލްޖިއަމް 5-2 އިން މޮޅުވިއިރު، އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ދެ ގޯލު ޖަހައިފަ އެވެ.












