ލިޒްބަން (ސެޕްޓެމްބަރު 3) - ޕޯޗުގަލް އިން ދެން ކުޅޭ ދެ މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރިނުކޮށް އޭނާ މި ވަގުތަށް އަވަހަށް ގައުމީ ޓީމުން ރިލީސްކުރަން ނިންމައިފި އެވެ.
ބުދަ ދުވަހުގެރޭ ވޯލްޑް ކަޕް ކޮލިފައިންގައި ފަހު ހަ މިނިޓް ތެރޭ ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައި ފަހަތުން އަރައި 2-1 އިން އަޔަލެންޑް އަތުން ޕޯޗުގަލް މޮޅުކޮށްދީފަ އެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. ރޮނާލްޑޯ ރެކޯޑް ގާއިމްކުރީ 180 މެޗުން 111 ގޯލު ޖަހައިގެންނެވެ.
ޕޯޗުގަލް މޮޅުވި ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ ވަނީ އުފާފާޅުކުރުމުގެ ގޮތުން ޖޯޒީ ބާލައިފަ އެވެ. އެހެންވެ، ރެފްރީ ވަނީ ރޮނާލްޑޯ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ. އެ ކާޑާ އެކު ކޮލިފައިންގައި ދެން ޕޯޗުގަލް އިން އަޒަރުބައިޖާނާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އެ މެޗު އޮތީ އަންގާރަ ދުވަހު އެވެ. އޭގެ ކުރިން އެކުވެރިކަމުގެ މެޗެއްގައި މާދަމާ ޕޯޗުގަލް އިން ގަތަރާ ދެކޮޅަށް މެޗެއް ކުޅޭނެ އެވެ.
ގައުމީ ޓީމުން އަވަހަށް ރިލީސްކުރުމުން އުމުރުން 36 އަހަރުގެ ރޮނާލްޑޯ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދާދި ފަހުން އޭނާ އަލުން ގުޅުނު މެންޗެސްޓާ ޔުނައިޓެޑްގެ ޕްރެކްޓިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމެވެ. ތޭރަ އަހަރު ފަހުން ޔުނައިޓެޑަށް އަލުން ބަދަލުވި ރޮނާލްޑޯ އެ ޓީމުގެ ޖޯޒީގައި މެޗެއް ކުޅެލާތަން ބަލަން ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ.
މިހާރު އޮތްގޮތުން މި މަހު 11 ވަނަ ދުވަހު ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ކުޅޭ މެޗުން ރޮނާލްޑޯ އަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވެ އެވެ. ޔުނައިޓެޑުން ވަނީ ރޮނާލްޑޯ އަށް ކުރިން އޭނާ އެ ޓީމަށް ކުޅުނުއިރު ބޭނުންކުރި ހަތް ނަމްބަރު ޖޯޒީ ދީފަ އެވެ. އެ ޖޯޒީ ކުރިން ބޭނުންކުރި އެޑިންސަން ކަވާނީ ނިންމީ ރޮނާލްޑޯ އަށް އެ ނަމްބަރު ދިނުމަށެވެ.
ޔުނައިޓެޑުން އެންމެ ފުރަތަމަ 2003 ވަނަ އަހަރު ރޮނާލްޑޯ ގަތީ 16 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެ ފަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ހަ އަހަރު ކުޅެފަ އެވެ. މި ފަހަރު ރޮނާލްޑޯ ގަންނަން ޖުމްލަ އެކު ޔުނައިޓެޑުން 23 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.
ކުރިން ޔުނައިޓެޑަށް ކުޅުނުއިރު އެ ޓީމާ އެކު ނުވަ ތަށި ހޯދި ރޮނާލްޑޯ ވަނީ އެ ޓީމަށް 292 މެޗުން 118 ގޯލު ޖަހައިދީފަ އެވެ. އަދި އެ ޓީމުގައި ހުރެ 2008 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި އެވެ.
ރޮނާލްޑޯ އެންމެ ފުރަތަމަ 2003 ވަނަ އަހަރު ޔުނައިޓެޑަށް ގެނައީ އެ ކްލަބްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު އަލެކްސް ފާގަސަން އެވެ. އަލުން ރޮނާލްޑޯ ޔުނައިޓެޑަށް ގެންދަން އެންމެ ބާރުއެޅި އެކަކަކީ ފާގަސަން އެވެ.












